ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ސައުދީ އަރަބިއްޔާ އަށް ކަނޑައެޅި ސަފީރު މުހައްމަދު ޚަލީލްއާ ސަލާމް ކުރައްވަނީ. --- ފޮޓޯ: ރައީސް އޮފީސް
13 އޮކްޓޯބަރ 2019 - 19:41
ސައުދީ އަރަބިއްޔާގައި ހުންނަވާ ސަފީރު މުހައްމަދު ޚަލީލް، އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސް (އޯއައިސީ)ގެ ވެސް ސަފީރަކަށް ހަމަޖައްސަން ސަރުކާރުން ނިންމައި ރައްޔިތުންގެ މަޖިލިހަށް ފޮނުވައިފި އެވެ.
ރައްޔިތުންގެ މަޖިލިހުގެ މާދަމާގެ ޖަލްސާގެ އެޖެންޑާގައި އޮތް އެއް ކަމަކީ ޚަލީލް އޯއައިސީގެ ސަފީރަކަށް ހަމަޖައްސަވައި ދިނުމަށް އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވާފައިވާ ސިޓީއާ ގުޅިގެން އެ މައްސަލަ ދާއިމީ ކޮމިޓީ އަށް ފޮނުވުމަށެވެ.
އެ މައްސަލަ ދިރާސާކުރާނީ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީންނެވެ.
ޚަލީލަކީ ސިންގަޕޫރަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރުގެ މަގާމާއި އެކްޓިން ހައި ކޮމިޝަނަރުގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ. ޚަލީލް ވަނީ 1983 ވަނަ އަހަރުން ފެށިގެން ސަރުކާރުގެ އެކިފަންތީގެ މަގާމުތައް ފުރުއްވައިފަ އެވެ. އޭނާ ވަނީ އިންޑިއާގެ ޖަވާހަރްލާލް ނެހުރޫ ޔުނިވަސިޓީން އެންވަޔަރަމަންޓަލް ލޯ އެންޑް ޕޮލިސީގެ ދާއިރާ އިން ޑިޕްލޮމާ ހާސިލު ކުރައްވައިފަ އެވެ.
ޕޯޓްސް އޮތޯރިޓީ އާއި މިފްކޯ ފަދަ ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ބޯޑު މެމްބަރު ކަން ކުރެއްވި ޚަލީލަކީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޚަލީލްގެ ކޮއްކޮ އެވެ.
ސައޫދީ އަރަބިއްޔާގައި ހުންނަވާ ސަފީރަކަށް ޚަލީލް އައްޔަން ކުރަން ރައްޔިތުންގެ މަޖިލިހުން ރުހުން ދިނުމާ ގުޅިގެން އޭނާ އެ މަގާމަށް އައްޔަން ކުރީ މިދިޔަ ޖޫން މަހުގަ އެވެ.
ސަރުކާރުން ކުރިން ބުނި ގޮތުގައި އޯއައިސީ ސަމިޓަކީ ސައޫދީ އަރަބިއްޔާއާ އެކު ޚާރިޖީ ގުޅުންތައް ވަރުގަދަކޮށް ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ރާއްޖެ އަށް މަގުފަހިވެގެންދާ ފުރުސަތެކެވެ.
އިސްލާމީ ގައުމުތަކުގެ ވެރިން އެއްތަންވެ، ބާއްވާ ބައްދަލުވުންތަކުގައި އިސްލާމީ އުއްމަތަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭ ގޮތުން ކޮންމެ އަހަރަކު ވެސް މަޝްވަރާ ކުރެ އެވެ. ހިޔާލުތަފާތުވުން އުފެދޭ މުހިއްމު މައްސަލަތަކުގައި، ގައުމުތަކުން ވާހަކަ ދައްކަން އޮތް ބައްދަލުވުމަކީ ވެސް އެ ސަމިޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރޭ
15 October 2019
ޔާމީން ސަރުކާރުން ކަމެއްނުލިބިގެން ހާދަ ކޯފާވެފައި އޭރުހުރީ.
ކޯރާމް
14 October 2019
މިވެސް ހުރިހާ ސަރުކާރެއްގައި މަގާމް ދޭންޖެހޭ ގެއެއްގެ ބޭފުޅެއްދޯ. މުޅި އާއިލާހެން ފޮރިން ސާރވިސްގާ.
އަބްދުއްالله
14 October 2019
ހަލީލު ކިޔައިފިއްޔާ މިވަނީ ސަފީރަކަށް ދޯ؟ މަ ދަންނަ މީހަކާ ހާދަ ވައްތަރޭ.
އަހައްމަދޭ
14 October 2019
އިންޓަނޭޝަނަލް ކޮމިއުނިޓީއާއެކު އޮންނަ ގުޅުން ރަނގަޅުވެފައިވާކަމުގެ ހެއްކެއް. އިސްލާމީ ގައުމުތަކާއެކު ގުޅުން އޮންނަނީ ތިމަންނަގެ ވެރިކަމުގައޭ ޔާމީނު ބުންޏަސް އެއީ ރައްޔިތުން ހައްދަން ދެއްކި ވާހަކަތަކެއްކަން މިއަދު އެހެރީ ފެންނަން!