ފުވައްމުލަކު ރިންގް ރޯޑުގައި ތާރު އެޅުމުގެ ކުރިން ހިލަ ފަށަލަ ފަތުރަން ފަށައިފި

ފުވައްމުލަކުގެ ރިންގް ރޯޑުގައި ތާރު އެޅުން ފެށުމުގެ ކުރިން އެ ތަނުގައި ހިލަ ފަށަލަ ފެތުރުމުގެ މަސައްކަތް އެމްޓީސީސީން އިއްޔެ ފަށައިފި އެވެ.


އެ ކުންފުނީގެ ސީއީއޯ ހަސަން ޝާހް، އޭނާގެ ފޭސްބުކްގައި ވިދާޅުވީ، ތާރު އެޅުމުގެ ކުރިން ލާ "އެގްރިގޭޓް ބޭސް ކޯސް (އޭބީސީ)" ފަށަލަ ނުވަތަ ހިލަ ފަށަލަ ފެތުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. ތާރު އެޅުމުގެ ކުރިން، ހިލައިގެ ބަދަލުގައި މިހާތަނަށް ރާއްޖޭގައި ފަތުރަނީ ވެއްޔާއި ސިމެންތީގެ ފަށަލަ އެކެވެ.

ހިލަ ފަށަލަ ބޭނުންކުރުމުން މަގުގެ ފެންވަރު ރަނގަޅުވެ، ހަލާކު ނުވެ ގިނަ ދުވަހު ހުންނާނެ ކަމަށް ޝާހް ވިދާޅުވި އެވެ.

ފުވައްމުލަކުގެ ވަށައިގެން އޮންނަ މަގުގައި ތާރު އަޅައި ރަނގަޅު ފެންވަރަކަށް ހެދުމުގެ މަޝްރޫއު އެމްޓީސީސީއާ މިދިޔަ މާޗު މަހުގެ 27 ވަނަ ދުވަހު ހަވާލުކުރި އިރު، އަންނަ މަހުގެ ނިޔަލަށް މި މަސައްކަތް ނިންމާނެ ކަމަށް ޝާހު ކުރިން ވިދާޅުވެފައި ވެ އެވެ. މި މަޝްރޫއަށް 32 މިލިއަން ރުފިޔާގެ ބަޖެޓެއް ހަމަޖައްސާފައި ވެ އެވެ.

ފުވައްމުލަކު ރިންގް ރޯޑްގެ އިތުރުން އެ ސިޓީގެ އެތެރެ މަގުތަކުގެ މަސައްކަތް ކުރަން ވެސް ވަނީ އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ. ދެ އަހަރު ދުވަހުގެ ތެރޭގައި ފުރިހަމަ ކުރަން ކަނޑައަޅާފައިވާ އެ މަޝްރޫއަށް 270 މިލިއަން ރުފިޔާ ހޭދަ ވާނެ އެވެ.

ފުވައްމުލަކުގެ މަގުތައް ހެދުމުގެ މަސައްކަތް އަލުން އިފްތިތާހު ކުރެއްވީ މިދިޔަ އޭޕްރިލް މަހު ނައިބު ރައީސް ފައިސަލް ނަސީމެވެ. އެ މަސައްކަތް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހަވާލުކުރީ އެމްއާރްޑީސީއާ އެވެ. ނަމަވެސް އެ މަސައްކަތް ފަށާފައި ނެތުމުން މި ސަރުކާރުން ނިންމީ އެމްޓީސީސީއާ ހަވާލުކޮށްގެން މި މަޝްރޫއު ކުރިއަށް ގެންދިއުމަށެވެ.