ފުވައްމުލަކުގެ ރިންގްރޯޑުގައި އަލަށް ތާރު އަޅާ ސަރަހައްދުގައި ޕޭވްމަންޓު ހަދަން ތައްޔާރުކޮށްފައި.---ފޮޓޯ: މިހާރު
16 ޖުލައި 2019 - 08:16
ފުވައްމުލަކުގެ ވަށައިގެން އޮންނަ ރިންގްރޯޑާ އެކު، އެ ސިޓީގެ 31 މަގެއްގައި ތާރު އަޅައި ރަނގަޅު ފެންވަރަކަށް ހަދާނެ ކަމަށް އެ މަސައްކަތް ކުރާ އެމްޓީސީސީން ބުނެފި އެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް މިދިޔަ އާދީއްތަ ދުވަހު "މިހާރު" އަށް ވިދާޅުވީ، ފުވައްމުލަކުގެ އެތެރޭގެ މަގުތަކުގެ ތެރެއިން ތާރު އަޅައި ރަނގަޅު ފެންވަރަކަށް ހަދާ މަގުތަކުގެ ދިގުމިނަކީ ގާތްގަނޑަކަށް 16 ކިލޯމީޓަރު ކަމަށެވެ. ރަށުގެ ރިންގްރޯޑުގެ ވަކި ހިސާބެއްގައި މިހާރު ތާރު އަޅާފައިވީ ނަމަވެސް އެ މަގުގައި އަލަށް ތާރު އަޅާ ސަރަހައްދުގެ ދިގުމިނަކީ އޭނާ ވިދާޅުވި ގޮތުގައި 2.9 ކިލޯމީޓަރެވެ.
ޝާހް ވިދާޅުވީ، ފުވައްމުލަކުގެ މަގުތައް ހަދަން ސަރުކާރުން ބޭނުންވަނީ އެންމެ ޒަމާނީ ފެންވަރަށް ކަމަށް ވާތީ މަޝްރޫއުގެ އަގު މިހާރު 20 ޕަސެންޓު ވަރު ބޮޑުވެފައިވާ ކަމަށެވެ. ސަރުކާރުން ބޭނުންވީ ފުވައްމުލަކުގައި އަލަށް ހަދާ މަގުތަކުގެ ބޭސް ލޭޔާގައި ހިލަ ބޭނުން ކުރުމަށެވެ. ބޭރުން ހިލަ ގެންނާތީ އަގަށް ބަދަލު އައީ ކަމަށް އެމްޑީ ވިދާޅުވި އެވެ.
"އެތެރޭގެ މަގުތަކުގެ ޕްރޮޖެކްޓު ވެލިއު އަކީ 270 މިލިއަން ރުފިޔާ. މިއީ ސަރުކާރުގެ ބަޖެޓުން ޕީއެސްއައިޕީގެ ދަށުން ހިންގާ ޕްރޮޖެކްޓެއް. މި މަޝްރޫއުގެ ދަށުން ފުވައްމުލަކުގެ މޭޖާ މަގުތަކުގައި ތާރު އަޅާނެ،" އޭނާ ވިދާޅުވި އެވެ.
ފުވައްމުލަކު މަގު ހެދުމުގެ މަޝްރޫއުގެ މައުލޫމާތު، ނައިބު ރައީސް ފައިސަލް މިދިޔަ އާދީއްތަ ދުވަހު އޮޅުން ފިލުއްވަނީ.---ފޮޓޯ: މިހާރު
އާބާދީގައި 10،000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ފުވައްމުލަކުގެ މަގުތައް ހެދުމުގެ މަސައްކަތް ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 730 ދުވަސް ނުވަތަ ގާތްގަނޑަކަށް ދެ އަހަރު ދުވަހުގެ މުއްދަތަކަށެވެ. އެކަމަކު، ރިންގްރޯޑުގައި ތާރު އަޅައި ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް މި އަހަރުގެ ނޮވެމްބަރު މަހަށް ނިންމާނެ ކަމަށް އެމްޓީސީސީން ބުނެ އެވެ.
"ފުވައްމުލަކުގެ މަގުތައް ހެދުމަކީ ރަށުގެ ރައްޔިތުންގެ އުންމީދާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއް. މި މަސައްކަތް އަވަސް ކުރަން ސަރުކާރު ތެރެއިންނާއި ފުވައްމުލަކު ސިޓީ ކައުންސިލުން ވެސް ބޭނުންވޭ،" ޝާހް ވިދާޅުވި އެވެ.
ފުވައްމުލަކު މަގު ހެދުމުގެ މަޝްރޫއުގެ މައުލޫމާތު، ނައިބު ރައީސް ފައިސަލް މިދިޔަ އާދީއްތަ ދުވަހު އޮޅުން ފިލުއްވަނީ.---ފޮޓޯ: މިހާރު
ފުވައްމުލަކަށް އުފަން ނައިބު ރައީސް ފައިސަލް ނަސީމް، މިދިޔަ ހޮނިހިރު، އާދީއްތަ ދުވަހު އެ ސިޓީ އަށް ކުރެއްވި ދަތުރުފުޅުގައި ވެސް ވަނީ މަގުތައް ހެދުމުގެ މަސައްކަތް ކުރިއަށް ގެންދާ ގޮތް ބައްލަވާލައްވައިފަ އެވެ.
މިވަގުތު ކުރިއަށް ގެންދަނީ ރިންގްރޯޑުގައި އަލަށް ތާރުއަޅާ ސަރަހައްދުގައި ޕޭވްމަންޓު ހެދުމުގެ މަސައްކަތެވެ.
ފުވައްމުލަކުގެ މަގު ހެދުމުގެ މަސައްކަތް އަލުން އިފުތިތާހު ކުރީ މިދިޔަ އޭޕްރީލް 17 ގަ އެވެ.
ފުވައްމުލަކުގެ ރިންގްރޯޑުގައި އަލަށް ތާރު އަޅާ ސަރަހައްދުގައި ޕޭވްމަންޓު ހަދަން ތައްޔާރުކޮށްފައި.---ފޮޓޯ: މިހާރު
ފުވައްމުލަކުގެ ބޮޑެތި މަގުތައް ހަދަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހަވާލުކުރީ އެމްއާރުޑީސީއާ އެވެ. އެކަމަކު، އެ މަސައްކަތް ނުކުރެވި އޮތުމުން އާ ސަރުކާރުން އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށް އަލުން އެ މަޝްރޫއު އިފުތިތާހު ކުރީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
16 July 2019
ރަގަޅު އެބަވޭ! އަމަލީގޮތުން ކުރީމަވާނީ
ހަހަ
16 July 2019
ހިނި އަންނަނީ. ރައްޔިތުން ލޮލުގަ އަދުން މިހާ ތަނައް ކޮންމެ ސަރުކާރަކުންވެސް އަޅާފައި ވަނީ.
މަރުހަބާ
16 July 2019
މުލަކު ހުރިހާކުދިންނަށް މަރުޙަބާ..
ޢަނީ
16 July 2019
ވަރަށް ބޮޑު ކުރިއެރުމެއް! މަރުހަބާ!
ސައްޔިދު ދީދީ
16 July 2019
ފޮޓޯ އިން އެފެންނަނީ ޔާމީންގެ ވެރިކަމުގަ ނިންމާފައިވާ މިންވަރު.އޭގެ އިތުރަށް ބޭނުންވާ ހިލަ އާއިހިލަވެލި އަދި ތާރުވެސް ވަނީ ގެނެސްފަ. މިސަރުކާރުން ކޮށްދޭ ކަމަކީ މަގަކަށް ނުފުދޭ ގޮތަށް މަގުހަނިކޮށް ތާރުކޮޅު ފަތުރާ ދިނުން. އެއީ ފުވައްމުލަކުރައްޔިތުންނަށް ކުރާ ފުރައްސާރަ އެއް. ތަރައްޤީގަ އިހުމާލުވެ ރަށެއްގެ މުސްތަގްބަލާ ކުޅެ ޚިޔާނާތް ތެރިވުމުގެ މިފަދަ މިސާލެއް ނުފެންނާނެ.
ާއަފުން
16 July 2019
ކަލެއަކަ ނޭގޭނެ ޔާމީނައް ފުވައްމުލަކައް ކޮއްދެވުނު އެއްވެސް ކަމެއް ނެއް
ސަމުސާ
16 July 2019
ފޯއްމުލައްވީމަ 19 ކިލޯމީޓަރު މަގު 270 މިލިއަން ރުފިޔާއަށް ހެދޭ، ހުޅުމާލޭގައި 14 ކިލޯމީޓަރު ހަދަން ހަވާލުކުރީ 40 މިލިއަން ޑޮލަރަށް، އެއީ 616 މިލިއަން ރުފިޔާ. މިއީ ކިހިނެއް ހިނގާ ކަމެއްތޯ؟ ރާއްޖެތެރެވީމަ ގެރެންޓީ ހަމަވެފަހުންނަ ތާރު އަޅަނީތޯ؟
ނުރައްކަލޭ
16 July 2019
ފުވައްމުލަކަކީ އެއީ އަހަރު 4 ހާސް މީހުން މާލެ ސަރަހައްދަށް ބަދަލު ވަމުންދާ އެއްވެސް މުސްތަގްބަލެއް ނެތް އެއްވެސް އިގްތިސާދީ އުއްމީދެއް ނެތް ތަނެކޭ ތިޔާ ރަށަށް ދައުލަތުގެ ބަޖެޓުން މާލެ ސަރަހައްދުގެ ޓެކްސް ޕޭޔަރ މަނީ ދައުލަތަށް ޕޭކޮށްފައިވާ ޓެކްސް ފައިސާ ޚަރަދުކޮށްގެން ނުވާނެއޭ މަމެންނަށް ޔަގީނޭ ފުވައްމުލަކަށް ނުހުންނާނެއޭ މިދިޔަ އަހަރު ދައުލަތަށް 1 މިލިއަން ރުފިޔާ ވެސް ޓެކްސްގެ ގޮތުގައި ދެއްކިފައި ދެން ކިއެއްވެތޭ ތިޔާ ކަން ތަމެން ތިޔާ ކުރަނީ...
މުފައްކިރު
16 July 2019
ދެން ކީއްވެ އައްޑު އަތޮޅަށް އެހާ ބޮޑު ޚަރަދު އެކުރަނީ.
އަރިކޮނަޓު
16 July 2019
ޒަމާނަށްފެތޭގޮތަށް ފޯއްމުލަކުގެ ނަން ބަދަލުކުރަން އެބަޖެހޭ. މަރޮށިވެސް އެއީ ދެކުނުގެ ބައެއް ހިސާބުގައި އާއިލާމީހުން އުޅޭ ހިސާބުގައި ކިޔަންނުކެރޭކަހަލަ ނަމެއް ކަމުގައިވާތީ ނަންބަދަލުކުރަންޖެހިފައޮތް ރަށެއް.
މުފައްކިރު
16 July 2019
މާބޮޑަށް ޒާތީ ތިވަނީ ފޯއްމުލަކެއްނޫން. ފުވައްމުލައް. މިވަރު ނޭގޭނީ ގަމާރުން ނަށް.
މާޝާ
16 July 2019
މަގޭ މުނި މާމަވެސް ފުވައްމުލައް ޢެއީވަރަށް ހިތްހެޔޮ އަޚުލާގު ރަގަޅު މީހުންތިބޭ ރަށެއް، ފުވައްމުލަކާއި ބެހުމަކީ ލެއާއި ކުޅުން
8965
16 July 2019
ރިންގް ރޯޑުގެ ބޮޑުބައެއްގައި ކުރިން އޮތީ ތާރު އަޅާފައި. އަދި، ނަރުދަމާ ނިމި ފެންހޮޅި ވަޅުލާ، ޖަންކްޝަންތައް ބެހެއްޓި. މަގުގެ ސައިޑްތަކުގައި ގާ ޖައްސާފަހުރީ، 2018 ނޮވެމްބަރުގެ ކުރިން.
މިޝްކް
16 July 2019
ފުވައްމުލަކު ރިންގުރޯޑް ހަނިކުރުމަކީ ބަލާގަނެވޭނެ ކަމެއް ނޫން! ތަރައްޤީގެ މަޝްރޫ ހިންގަންޖެހޭނީ އަމާބުނީތީ ފަރަށްދާ އުސުލަކުންނޫން