ބްރެޒިލް އިން އެތެރެވި މީހެއްގެ އަތުން ހަތަރު ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ބްރެޒިލް އިން ރާއްޖެ އައި މީހެއްގެ އަތުން 4.67 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ކަސްޓަމްސް އިން މިއަދު ބުނެފި އެވެ.


ކަސްޓަމްސް އިން ބުނީ ވައިގެ މަގުން ރާއްޖެ އެތެރެވި، އުމުރުން 66 އަހަރުގެ، އޮސްޓްރޭލިއާގެ އެ ފިރިހެން މީހާގެ އަތުން ފެނުނު މަސްތުވާތަކެތީގެ އަގު 16.3 މިލިއަން ރުފިޔާ އަށް އަރާ ކަމަށެވެ.

ކަސްޓަމްސް އިން ބުނީ މި މަހުގެ އެއްވަނަ ދުވަހު ރާއްޖެ އައި އެ މީހާ އަށް ޝައްކު ކުރެވިގެން، ބަލައި ފާސްކުރުމުގެ ތެރޭގައި އޭނާގެ ފޮށިން މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އަދި ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން އެ ތަކެތި ޓެސްޓް ކުރިއިރު ކޮކެއިން އަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެ އިދާރާ އިން ބުނެ އެވެ.

އެ މައްސަލައިގައި ކަސްޓަމްސް އިން ހިފެހެއްޓި މީހާ އާއި މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފައި ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

މި އަހަރުގެ މިހާތަނަށް ކަސްޓަމްސް އިން ވަނީ 33.16 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފަ އެވެ.