ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --- ފޮޓޯ: މިހާރު
17 އޮކްޓޯބަރ 2019 - 12:05
ރައްޔިތުންނަށް ވީ އެންމެ މުހިންމު ވައުދާ ހިލާފުވެ، ސަރުކާރުން ރައްޓެހިންގެ ޖީބުތައް ފުރަމުންދާ ކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު މިއަދު ފާޑުވިދާޅުވެއްޖެ އެވެ.
ދައުލަތުން ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް މިހާތަނަށް އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައްޔިތުންގެ މަޖިލިހުގައި ވަނީ ވިދާޅުވެފަ އެވެ. އަމީރުގެ އެ ވާހަކަތަކާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި އަހަރަށް ފާސްކުރި ބަޖެޓު ވެސް ސަރުކާރުން "ހުސްކޮށްލީ" ގެއްލުމުގެ ބަދަލުގައި ކަމަށް ބުނެ، އެކި ފަރާތްތަކަށް ފައިސާ ދިނުމަށެވެ.
ސަރުކާރުގެ އެންމެ މުޙިންމު ވަޢުދު، ވައްކަމަށް ޒީރޯ ޓޮލެރަންސް، އާ ޚިލާފްވެއްޖެ. ބަދަލުގެ ނަމުގައި ރަށްޓެހިންގެ ޖީބު ފުރަމުންދަނީ. ޙުކުމާ ނުލާ މޭޒުދަށުން ނިންމާ ނިންމުމަށް ވުރެ ބޮޑު ވައްކަމެއް އޮންނާނެ؟ މުޅިންވެސް ބަދަލު ލިބެނީ ރަށްޓެހިންނަށް، ކެމްޕެއިނަށް ޚަރަދުކުރި މީހުންނަށް؟
— Mohamed Jameel Ahmed (@MJameelAhmed) October 17, 2019
ޖަމީލް ކުރެއްވި ޓުވީޓު.
ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި ސަރުކާރުން އެންމެ މުހިންމު ވައުދަކަށް "ވައްކަމަށް ޒީރޯ ޓޮލެރަންސް" ވި އިރު، އެ ވައުދާ ވަނީ ހިލާފުވެފަ އެވެ. އަދި ބަދަލުގެ ނަމުގައި ރައްޓެހިންގެ ޖީބުތައް ފުރަމުން ދާތީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށް ވިދާޅުވެފައިވެ އެވެ.
"ހުކުމާ ނުލައި މޭޒު ދަށުން ނިންމާ ނިންމުމަށް ވުރެ ބޮޑު ވައްކަމެއް އޮންނާނެ؟ މުޅިން ވެސް ބަދަލު ލިބެނީ ރައްޓެހިންނަށް. ކެމްޕެއިނަށް ހަރަދު ކުރި މީހުންނަށް؟" ޖަމީލްގެ ޓުވީޓުގައިވެ އެވެ.
އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވި ނަމަވެސް މަޖިލިހުގެ ޖަލްސާގައި އަމީރު ވިދާޅުވީ ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކި މީހުންނަށާއި ކުންފުނިތަކަށް ބޮޑެތި އަދަދުން ފައިސާދޭން ޖެހުނީ ކުރީގެ ސަރުކާރުގެ ކޮންޓްރެކްޓްތައް ހިންގާފައި ހުރި ދޯދިޔާ ގޮތުގެ ސަބަބުން ކަމަށެވެ.
އެކަމަކު ގާނޫނާ ހިލާފަށް އުވައިލި އެއްބަސްވުންތަކުގެ ބަދަލު ދައުލަތުން ދެމުން އަންނަ އިރު، ސަރުކާރާ ގުޅުން އޮންނަ މީހުން ހިމެނޭތީ ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ.
ސަރުކާރުން ބަދަލުގެ ގޮތުގައި މިހާތަނަށް ފައިސާ ދިނީ ހައުސިން ޔުނިޓްތައް އަޅަން ހަވާލުކުރި ނޫމަޑި އެއްބަސްވުން އުވާލައިގެން 55 މިލިއަން ރުފިޔާ އާއި ބޯޑާ ކޮންޓްރޯލް ސިސްޓަމެއް ގާއިމްކުރަން ވީ އެއްބަސްވުން އުވާލުމުން މެލޭޝިއާގެ ނެކްސްބިޒަށް ދިވެހި ސަރުކާރުން ދެއްކި 18.1 މިލިއަން ޑޮލަރު (280 މިލިއަަން ރުފިޔާ) އާއި ރިސޯޓު ހެދުމަށް ރަށްތަކެއް ދޭން އެއްބަސްވުމަށް ފަހު އެ ރަށްތައް ހަވާލު ނުކުރި މައްސަލައިގައި، ވިލާ ގުރޫޕްގެ ހިއްސާ އޮންނަ ވޯލްޑް ލިންކް ޓްރެވަލްސް (ޑަބްލިއުއެލްޓީ) އަށް ދައުލަތުން ދައްކަންޖެހޭ 5.6 މިލިއަން ޑޮލަރު (130 މިލިއަން ރުފިޔާ) އާއި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އުވާލުމާ ގުޅިގެން ކޮންޓްރެކްޓަރުންނަށް 26.1 މިލިއަން ރުފިޔާ އަދި ކުޑަކުއްޖަކަށް ހޮސްޕިޓަލަކުން ދިން ބޭހެއްގެ ސަބަބުން އެ ކުއްޖާގެ ދެ ކަންފަތުގެ އިވުން ދާއިމީކޮށް ގެއްލުނު މައްސަލާގައި ޑޮކްޓަރުން އިހުމާލުވިކަން ސާބިތުވެ، ބަދަލުގައި ދޭން ކޯޓުން ހުކުމް ކުރި ހަތް މިލިއަން ރުފިޔާ އެވެ.
މީގެ އިތުރުން، ހުޅުމާލޭގައި ފްލެޓް އަޅަން ހަވާލުކުރި ކުންފުނިން އޮޅުވާލި މީހުންނަށް ލިބުނު މާލީ ގެއްލުމުގެ ބަދަލު ދިނުމާއި ބިޒްނަސް އިމޭޖް ގްރޫޕަށް 78 މިލިއަން ރުފިޔާ ދިނުމަށާއި ސީޖީޓީ ޕްރައިވެޓް ލިމިޓެޑަށް 22 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޭން ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަންރައިސް މިރުޒާގު
18 October 2019
އަހަރުން ކޮށް ނިންމާފަވާ މަސައްކަތުގެ ބިލް މިއަހަރު ބަޖެޓްގަ ހުސްވެއްޖޭ ކިޔާފަ ހިފަހައްޓާފަ ބާއްވާފަ ބިގް އަށް ނުކުރާ މަސައްކަތަކަށް 1500 ޕަސެންޓަށް ވުރެ ބޮޑު އިންޓަރެސްޓް ރޭޓްގަ ލާރި މިދެނީ މީކިހިނެއްވާ ކަމެއް. އެއްވެސް ގައުމެއްގަ ދައުލަތް މިހާބޮޑު ޖޫރިމާނާއެއް ފައިދާ ލިބިގައްނަން ކުރި ކުންފުންޔެއް ނޯއްނާނެ. އެހެން ގައުމުތަކުގަ ބަދަލު ދެނީ ލިބުނު އަސްލު ގެއްލުން މިނިވަން 3 އޯޑިޓެއް ހަދާފަ. ކޯޓުން ވެސް. ހިޔާލީފޮލައަކައް ލިބެންވީ ފައިދާ އެއްނޫން
ވާލުސޮރު
18 October 2019
މީހުންނަށް ލޮޓިދީފަ ޕްރޮޖެކްޓުތައް އަތުލާފަ ވަޒީފާއިން ވަކިކޮށްފަ އަނިޔާ ދިނީމާ ދިވެހި ރައްޔިތުންނަށްވީތީ އެމީހުންނަށް ކޯޓުން ބުނާ ބަދަލު ދެނީ، ހިތާމައަކީ އެއަނިޔާ ދިން މީހުންނަށް އަދަބު ނުދެވޭތީ، އޭގެ ތެރޭގައި އޭރުގެ ނައިބުރައީސް ޖަމީލުވެސް ހިމެނޭ
ބިގް 1560 ޕަސެންޓް
18 October 2019
ބިގް އަށްވެސް 5 މިލިއަން ރފ ގެ ބިލަކަށް ޖޫރިމާނާ ގޮތުގަ 78 މިލިއަން. އެެއީ 1560 ޕަސެންޓް އިތުރު އަދަދެއް އަސްލު ބިލު ކުރި 5 މިލިއަނަށް ވުރެ. ޔާމީނު 1200 މިލިއަން ޑޮލަރު ނެގީ އެއްމެ 2 ޕަސެންޓް އިންޓަރެސްޓް ރޭޓުގަ. އިބޫ މިނަގަނީ 1560 ޕަސެންޓް އިންޓަރެސްޓް ރޭޓްގަ. އެހާ ބޮޑު އަދަދެއް އިތުރަށް ދިނީ އެހެން ގޮތެއް ނެތިގެންނޭ ބުނުމަކީ ވަރަށް ބޮޑު ގޯހެއް. ހަމަ އިކޮނޮމިކްސް ގެ ބޭސިކްސް ވެސް އިބޫ އަށް ނޭގެނީބާ؟ އިންޓަރެސްޓަކީ މާފުވެސް ކުރެވޭ އެެއްޗެއް
ޢަނީ
18 October 2019
މާލޭ ސްކޫލުތައް އެއްދަންފަޅިއަށް ހަދަންބޭނުންވާ 10 ސްކޫލުގެއަގަކީ 800-900 މިލިއަން ރުފިޔާ. އެކަމަށް ލާރި ނުލެބޭއިރު 1 ބިލިއަންއަށްވުރެ ގިނައިން ކޯޓުމަރުހަލާއަކާއިނުލާ 1 އަހަރުތެރޭ ރައްޔިތުންނަށް ހާމަނޫން ގޮތަކަށް ރައްޓެހިންނަށް ބަދަލުދީފަމިއޮތީ. މިއީ ޒީރޯޓޮލަރަންސްތަ؟ މިއީ ސޯޝަލް ރިފޯމް އެޖެންޑާއެއްގައައި ސަރުކާރު ކަންކުރަންވީ ގޮތްތަ؟
ބީބާރ
18 October 2019
މިކަން ނުކުރެވިގެން ވެރިކަމަށް ނާދެވިގެން ތެޅުނީ
އަލިފުތު
18 October 2019
ބަދަލު ދޭން ޖެހުނީ ކުރީގެ ސަރުކާރުން އެއްވެސް ހަމައެއް ލަމައެއް ގާނޫނަކަށް ބެލުމެއް ނެތި ޒާތީ ގޮތުން ކޮންޓްރެކްޓްތައް ބާތިލް ކުރީމާ. ދެން ކޯޓުން ބަދަލުދޭން ހުކުމް ކުރީމާ ކިހިނެކޯ ހަދަންވީ؟ ނުދީ ތިބެންވީ؟ އޭރުން ބުނާނެ ކޯޓުގެ ހުކުމްތަކަށް ތަބާ ނުވާ ސަރުކާރެކޭ؟؟ ސަލާމަތެއް ނޯންނާނެ.
ށ.އަތޮޅު މީހާ
18 October 2019
މިއީ ވެރިކަމަށް އައުމަށް މަރުފަލިޖަހާ މީހެއް.
ރަޓު މީހާ
18 October 2019
ޖަމީލު ބުންޏަސް ތެދެއް ވާނީ ތެދެކަށް.. މީ ހަމަ ތެދެއް.. ނިކަމެތިންނަކަށް މިބުނާ ބަދަލެއްވެސް ނުލިބޭ.. ނިކަމެތިންނަށް މިލިބެނީ ބަދަލުގެ ބަދަލުގައި އަދަބު..
އަށްޑޫ ކަތީބު
17 October 2019
ތިކަންނޭގޭ އެކަކުވެސް ނެތް. ވައްކަން ކުރަނީ ޖާބިރު ބުނިހެން މިހާރު. އަތްބާނާފަ ނަގާފަ ގާތްމީހުންގެ ޖީބުފުރާދެނީ.
މުދޭސޯބިރު
17 October 2019
ގޮށް ފުޅަންގެތްހެން މޫސުންބެދޭ ދުވަސްވަރު އެހެރަ އުޅޭގޮތުންނޭ ދިވެހި ރައްޔިތުން ފޫހިވަނީ..