ދަރުބާރުގޭގައި ނަޝީދު ބޭއްވެވި ބައްދަލުވުން. ---
18 އޮކްޓޯބަރ 2019 - 11:40
ސަރުކާރު ހިންގާ ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ މެމްބަރުންނާ ބައްދަލުކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭއްވެވި ބައްދަލުވުމަށް ވަޒީރުންނަށް ދައުވަތު ދެއްވި ނަމަވެސް، އެއްވެސް ވަޒީރަކު ރޭ ވަޑައިނުގެންނެވި އެވެ.
އެމްޑީޕީގެ ރައީސްކަމަށް ނަޝީދު ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމާ ގުޅިގެން އެ ޕާޓީގެ ސަޕޯޓަރުންގެ ތާއީދު ހޯއްދެވުމަށް ދަރުބާރުގޭގައި ބޭއްވި ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމާއި މަޖިލިހުގައި ހިމެނިވަޑައިގަންނަވާ އެ ޕާޓީގެ ގިނަ އަދަދެއްގެ މެމްބަރުން ބައިވެރިވެވަޑައިގަތެވެ.
ސަރުކާރުގެ އިސް ބޭފުޅަކަށް ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ރައީސް އޮފީހުގެ މިނިސްޓަރު އަދި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު އެކަންޏެވެ. ޝިފާޒުގެ އިތުރުން ސަރުކާރުގެ އެކި ފަންތީގެ ބައެއް ބޭފުޅުން ވެސް ބައްދަލުވުމުން ފެނުނެވެ. އަދި ނަޝީދަށް ތާއީދުކުރާ ގިނަ އަދަދެއްގެ އެމްޑީޕީގެ ސަޕޯޓަރުން ވެސް ބައިވެރިވި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ނަޝީދު އިސް ނަންގަވައިގެން ބޭއްވެވި ބައްދަލުވުމަށް ވަޑައިގަތުމުގެ ދައުވަތު ކެބިނެޓުގައި ތިއްބެވި އެމްޑީޕީގެ ވަޒީރުންނަށް ދެއްވި އެވެ. އެގޮތުން، އެ ވަޒީރުންނަށް ދައުވަތު ދެއްވީ އެ ބޭފުޅުން ތިއްބަވާ، އެމްޑީޕީގެ ގައުމީ މަޖިލިހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުވި ސިޓީއަކުންނެވެ.
އެކަމަކު ބައްދަލުވުން ބޭއްވި އިރު، އެމްޑީޕީގެ ގިނަ ވަޒީރުން ތިއްބެވީ މާލެ އާއި ރާއްޖެ އިން ބޭރުގަ އެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރަސްމީ ދަތުރެއްގައި ތައިލެންޑުގައި ހުންނެވި އިރު، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ހުންނެވީ އެމެރިކާގަ އެވެ. ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް މާލޭގައި ވަޑައިގެން ނޫޅުއްވަ އެވެ. އެކަމަކު، އެހެން ބައެއް ވަޒީރުން މާލޭގައި ތިއްބެވި ކަމަށް ވެ އެވެ.
ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި، ނަޝީދުގެ އަރިސް ބޭފުޅަކު "މިހާރު" ވިދާޅުވީ އެމްޑީޕީގެ ފަރާތުން ކެބިނެޓުގައި ތިއްބަވާ ވަޒީރުން، ނަޝީދުގެ ބައްދަލުވުމަށް ވަޑައިނުގެންނެވީ ގަސްދުގައި ކަމަށެވެ. ވަޒީރުންނަށް ވެސް ބައްދަލުވުމުގެ ދައުވަތު ދެއްވި އިރު، ވަޑައިނުގެންނެވޭ ސަބަބު އެންގެވީ މަދު ވަޒީރުންތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި މިއީ ނަޝީދަށް އިހްތިރާމް ކުޑަކޮށްލުން. ދައުލަތުގެ ތިން ބާރުގެ ތެރެއިން ބާރެއްގެ ވެރިއެއް ދިން ދައުވަތު ވަޒީރުން ގަސްދުގައި ގަބޫލު ނުކުރީ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީގެ ރައީސް ކަމަށް ނަޝީދު ގެނައުމަށް ވަޒީރުން ޓުވީޓާގައި ތާއީދު ކުރެއްވި ނަމަވެސް ބައްދަލުވުމަށް ވަޑައިނުގަންނަވާތީ އެކަން ގަބޫލުކުރެވޭކަށް މިހާރަކު ނެތެވެ.
ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކި ބައެއް މިނިސްޓަރުން "މިހާރު" އަށް ވިދާޅުވީ މާލެ އިން ބޭރުގައި ތިއްބެވުމާ ގުޅިގެން، ނަޝީދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގެންނެވޭ ވާހަކަ އެމަނިކުފާނުގެ ސަމާލުކަމަށް ގެނައުމާ ގުޅިގެން އެކަން ގަބޫލުފުޅު ކުރައްވާފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމު ވެސް ފުރުއްވާ ނަޝީދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަތީ ގަސްދުގައި ނޫން ކަމަށް ވަޒީރުން ވިދާޅުވި އެވެ.
"އަޅުގަނޑު ވާނީ އެމްޑީޕީގެ ރައީސް ކަމަށް ނަޝީދު ގެންނަން ތާއީދުކޮށްފައި. ބައްދަލުވުމަށް ނުދިޔައީ ނަޝީދަށް ތާއީދު ނުކުރާތީކީ އެއް ނޫން،" ވަޒީރަކު ވިދާޅުވި އެވެ.
އެހެން ވަޒީރަކު ވިދާޅުވި ގޮތުގައި ނަޝީދު ބޭއްވެވީ ރަސްމީ ބައްދަލުވުމަކަށް ވުރެ ބޮޑަށް އާދައިގެ ބައްދަލުވުމެކެވެ. އެހެންވެ، އެ ބައްދަލުވުމަށް އިސްކަން ނުދެއްވުނީ ކަމަށް ވިދާޅުވި އެވެ. އެކަމަކު، ރަސްމީ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމަށް ތައްޔާރަށް ހުންނެވި ކަމަށް ވަޒީރުން ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްދުއްالله
20 October 2019
ތެދު ވާހަކައެއް. ފަރުނީޗަރު ބަލާލިޔަސް އެނގޭ އާދައިގެ ޖަލްސާއެއްކަން. މިނިސްޓަރު ފެންވަރުގެ ފަރުނީޗަރެއް ނުފެނޭ.
ސެމްސެމް
19 October 2019
ތިވީ ގޮތް ތަރުޖަމާކުރަން، މަޖިލިސް ހަސަން ޒިޔާއު އަށް ގުޅާބަލަ. މޮޅު ސްޓޯރީއެއް ޖައްސާ ނަޝީދު ދިފާޢުކުރާނެ. މަޖިލީހުގެ މުވައްޒަފުންނާއި ތަކެތި ބޭނުންކޮށްގެން ނަޝީދު އަމިއްލަޔަށް ޕްރޮމޯޓުވަނީ. ހަމަ މީހާރުން މިހާރާށް ހުއްޓާލާ
ކަދުރުފާތިމަ
19 October 2019
އިސްލާމް ދީނަށް ކުޑައިމިސް ކިޔާ މީހެއްގެ ފަހަތުގައި މި ދިވެހިން ނުތިބޭނެ ކަޅު މުހައްމނަދު ރަސްގެފާނާ އެކު އޭނަ ފޮނުވާލާ
ނީނނޭ
19 October 2019
ވަޒީރުންވެސް ބިރުން...ލޮލް
ޢަމާލް
19 October 2019
ﷲ އާއި އެކަލާނގެ ރަސޫލާ މުޙައްމަދު ސއވ އާއި އެކަލާނގެ ބާވައިލެއްވި ދީން އިސްލާމް ދީނަށް ފުރައްސާރަކުރި ބަޔަކު ދިފާޢުކޮށް ވާހަކަ ދައްކާ މީހަކު ދޭ ދަޢުވަތަކަށް އެއްވެސް މުސްލިމަކު ދާން ހެޔޮނުވާނެ....ބައެއް އެމްޑީޕީ މެމްބަރުންނަކީ މޮޔައިން އެހެންވެ ދިޔަ ބަޔަކު ވެސް އެ ދިޔައީ......
Omega 3
19 October 2019
ނަސީދަކީ އިހުތިރާމް ދޭންޖެހޭ މީހެއްތަ. ހަމަގައިމުވެސް އަޅުގަޑުނުދޭނަން. މިރާއްޖޭގެ ވެރިންނަށް އިހުތިރާމާ ގަދަކަޑަން ދަސްކޮށްދިންމީހެއް. އެހެންވީއިރު ނަސީދު އިހުތިރާމްވާހަކަ ނުދައްކާ.
ފޭކު
19 October 2019
އެއްލައްކަ ފަސްހާސް މީހުންގެ ތާއީދު ނަޝީދަށް ދީނީވެސް ތިޔަ ފަތިވަރުތައް ދަމަނިކޮށެވެ. އަހަރެމެން ބޭނުމެއް ނުވޭ މިރާއްޖެ ކަންދަހާރަށް ހަދާކަށް. https://mihaaru.com/world/63249 މިހާލަތައް މިގައުމު ވައްޓާލަށް އެދޭނީ ކާކުތޯއެވެ. އިސްލާމްދީނުގެ ނަމުގައި މި ބާވަތުގެ ކަންކަމަށް ޖާގާ ދޭކަށް ދިވެހިން ނެތީމެވެ.
އަލިފުތު
19 October 2019
ތިއީ އެއްވެސް މައްސަލައެއް ނޫން. މާ ބޮޑުކޮށްނުލާ. އެމްޑީޕީގައި ރައީސް ނަޝީދާއި އެއްވަރަށް ތާއީދުއޮތް މީހަކު ނެތް.
ދުމައިން
19 October 2019
ނޫސްތަކަށްމިވާހަަ މިއެތީވެސް ނަޝީދު ބޭނުންވީމަ. ވަޒީރުން ބައިވެރިވިނަމަ ސަރުކާރު ހޫނުފެނަށްލެވޭނެ އެތަށްވާހަކައެއް ދައްކާނެ. ދެއްކޭނެ. އެހެންވީމަ އޭނާގެ އަމިއްލަ ހައިސިއްޔަތު މަތިކޮށް ސަރުކާރަށް ޕްރެޝަރެްް ނެތްކަން ދައްކަން ޖެއްސި އެއްޗެއްގަ ނޫސްވެރިން ޖެހުނީ.
ގޮށްމުށުން
19 October 2019
ހަލޯ.. ތާއީދު ގަދަކަމުން ހޯދާ ހިސާބަށް ބޮޑުކަން ދިއަޔީތާދޯ
އަލީ!
19 October 2019
ދިވެހިންނަކީ ހެޑްލައިން ކިޔާލާފަ ޑިޝިޝަން ނަގާބައެއް.