ރާއްޖޭގެ ދާޚިލީ ކަންކަމަށް ޝަހީމް ފާޑުވިދާޅުވާ މައްސަލަ މަޖިލިހުން ބަލަނީ

އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ރާއްޖޭގެ ދާހިލީ ކަންކަމަށް ފާޑުވިދާޅުވަމުން ގެންދަވަނީ އޯއައިސީގެ އެންގުމަކަށްތޯ ބެލުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލިހުން ފަށައިފި އެވެ.


ޝަހީމްގެ މައްސަލަ ބަލައި ދިނުމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދަށް ސިޓީ ފޮނުއްވީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމެވެ. އޭނާ އެދިވަޑައިގެންފައި ވަނީ ރާއްޖޭގެ ދާހިލީ ކަންކަމަށް ޝަހީމް ފާޑު ވިދާޅުވަނީ ކޮން ހައިސިއްޔަތަކުންތޯ ބެލުމަށެވެ.

އެ މައްސަލަ ބަލަން ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީ އަށް ވަނީ ފޮނުވައިފަ އެވެ.

ކޮމިޓީ އަށް އެ މައްސަލަ ފޮނުވިކަން އިއުލާން ކުރައްވައި ނަޝީދު ވިދާޅުވީ ޝަހީމްގެ މައްސަލަ ބަލަމުން އަންނަކަން ކޮމިޓީގެ މުގައްރިރު، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް އަންގަވާފައިވާ ކަމަށެވެ.

"މި ސިޓީ މަޖިލީހަށް ލިބުނީ 19 އޮގަސްޓްގައި. އަޅުގަނޑު ވަރަށް ބޮޑަށް މައާފަށް އެދެން، ގަބޫލު ކުރަން ވަރަށް ގިނަ ދުވަސް ވެފައިވާ ކަމަށް. އެކަމަކު ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް އެ ސިޓީ ފޮނުވާފައި ވަނީ،" ސިޓީ އިއްވަވައި ދެއްވުމަށްފަހު ނަޝީދު ވިދާޅުވި އެވެ.

މަޖިލިހުން ޝަހީމްގެ މައްސަލައެއް ބަލަމުން އަންނަ އިރު، މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓެއްގައި އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަ ކޮށްފައިވާ މައްސަލައިގައި އެ ޖަމިއްޔާ އަށް ފިޔަވަޅު އެޅުން ލަސްވާތީ ޝަހީމް ދަނީ ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ. އަދި ރާއްޖޭގައި ހިނގާ އެހެން ބައެއް ކަންކަމުގައި ދެކެވަޑައިގަންނަވާ ގޮތަށް ޝަހީމް ދަނީ ހާމަކުރައްވަމުންނެވެ.

އިސްލާމިކް މިނިސްޓަރު ކަމާއި އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރުކަން ކުރެއްވި ޝަހީމަކީ މިހާރު އޯއައިސީގެ ގޮފި "ވޮއިސް އޮފް ވިސްޑޮމް ސެންޓާ" ގެ ވެރިޔާ އެވެ. އެއީ އޯއައިސީގެ ފިކުރީ ގޮތްޕެވެ. އެ ގޮފީގެ މަގުސަދަކީ އިސްލާމީ ރިސާލަތު ދުނިޔެ އަށް ހާމަކޮށް މެދުމިންކަން ޕްރޮމޯޓް ކުރުމާ އެކު ހަރުކަށި ކަމާ ދެކޮޅަށް މަސައްކަތް ކުރުމެވެ. އަދި އިސްލާމް ދީނުގެ ރީތި ސޫރަ ދުނިޔެ އަށް އާއްމު ކުރުމެވެ.

ޝަހީމަކީ އިސްލާމް ދީނާ ގުޅޭ ކަންކަމުގެ ގިނަ މައުލޫމާތުތަކެއް ހިމެނޭ އިސްލާމިކް އެންސައިކްލޮޕީޑިއާ އޮން ޓޮލަރެންސް ޕްރޮޖެކްޓުގެ ވެސް ވެރިއެކެވެ.