މުއައްސަސާތަކާއި ވެރިން ހިންގި އިންސާނީ ހައްގުތަކާ ޚިލާފް އަމަލުތަކަށް އިންސާފު ހޯދައިދިނުމުގެ ބިލް އެކުލަވާލައިފި

ދައުލަތުގެ މުއައްސަސާތަކުން ނުވަތަ އެތަންތަނުގެ ވެރިންގެ ފަރާތުން ހިންގާފައިވާ އިންސާނީ ހައްގުތަކާ ޚިލާފް ޖަރީމާތައް ބަލައި، އަނިޔާ ލިބުނު ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށް އިންތިގާލީ އިންސާފުގެ ބިލެއް ބަންޑާރަ ނައިބުގެ އޮފީހުން އެކުލަވާލައި، ރައީސް އޮފީހަށް ފޮނުވައިފި އެވެ.


ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ޖެނުއަރީ، 2012 އިން ފެށިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގަތުމާ ހަމައަށް ނިޒާމީ ސިފައެއްގައި ދައުލަތުގެ މުއައްސަސާތަކުން ނުވަތަ އެފަދަ މުއައްސަސާތަކުން އިންސާނީ ހައްގުތަކާއި މިނިވަންކަމާ ޚިލާފަށް ހިންގާފައިވާ ޖަރީމާތައް ބަލައި، އަނިޔާ ލިބުނު ފަރާތްތަކަށް އިންސާފު ހޯދައި ދިނުމަށްޓަކައި އިންތިގާލީ އިންސާފުގެ ބިލް އެކުލަވާލައި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

އެ ބަޔާނުގައިވާ ގޮތުން އެ ބިލްގެ މަގްސަދު ހާސިލް ކުރުމަށްޓަކައި އިންތިގާލީ އިންސާފުގެ އޮމްބަޑްސްމަންގެ އޮފީހެއް ގާއިމްކޮށް، އެ ބިލުގެ ދަށުން ބައެއް މަސްއޫލިއްޔަތުތައް އެ އޮފީހާ ހަވާލު ކުރެވޭނެ އެވެ. އެގޮތުން ދައުލަތުގެ މުއައްސަސާތަކުން ނިޒާމީ ގޮތެއްގައި ރާވައިގެން ހިންގާފައިވާ އަމަލުތަކުގެ ސަބަބުން މީހެއްގެ ހައްގެއް ގެއްލިފައިވާ ނަމަ، އެފަދަ މައްސަލަތައް ބެލުމާއި އެކަންކަން ހިނގާފައިވާ ފުޅާމިން ބެލުން ވެސް އެ އޮފީހާ ހަވާލު ކުރެވޭނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން އެފަދަ ކަންކަމުގައި ޒިންމާވާންޖެހޭ ފަރާތްތައް ހޯދައި، ޖަވާބުދާރީ ކުރުވުމާއި އެކަމުގައި ޖިނާއީ އަމަލެއް ހިމެނޭ ނަމަ، ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމާއި މަދަނީ ދައުވާ ކުރަން ބަންޑާރަ ނައިބަށް ފޮނުވުމުގެ އިތުރުން އަނިޔާ ލިބުނު ފަރާތްތަކަށް ބަދަލު ހޯދައި ދިނުމަކީ ވެސް އެ ބިލުގެ ދަށުން އޮމްބަޑްސްމަންގެ އޮފީހުގެ ޒިންމާއެއް ކަމަށް ކަނޑައެޅޭނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ނިޒާމީ ސިފައެއްގައި ހިންގާފައިވާ އެފަދަ އަމަލުތަކާ ގުޅިގެން މުއައްސަސާތައް އިސްލާހު ކުރުމާއި އެފަދަ ކަންކަން ތަކުރާރު ވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަތުން ވެސް އޮމްބަޑްސްމަންގެ އޮފީހުގެ ޒިންމާއެއްގެ ގޮތުގައި އެ ބިލުގެ ދަށުން ކަނޑައެޅޭނެ ކަމަށް އެ ބިލުގައިވެ އެވެ.