ނަހުލާ ވިދާޅުވި ގޮތަށް މުވައްޒަފުންނަށް ފިޔަވަޅު އަޅައިފި

ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ފަރުވާކުޑަ ކުރާ މުވައްޒަފުންނާ މެދު ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވުމުން އެކަމުގެ ޕްރެޝަރު ބޮޑުވެފައި ވަނިކޮށް ވެސް ޓްރާންސްޕޯޓް އޮތޯރިޓީގެ ބައެއް މުވައްޒަފުން ވަޒީފާ އިން ވަކިކުރަން ނޯޓިސް ދީފި އެވެ.


ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ މިއަދު ވިދާޅުވީ ބައެއް މުވައްޒަފުންނަށް ނޯޓިސް ދިނީ މިނިސްޓްރީގެ ދަށުން ހިންގާ ހުރިހާ ތަނެއް ހިމެނޭ ގޮތުން ނެގި ހާޒިރީ ރިޕޯޓާ ގުޅިގެން ކަމަށެވެ. އެ ރިޕޯޓް އެ އޮތޯރިޓީން ސިވިލް ސާވިސް ކޮމިޝަނަށް ވެސް ފޮނުވި އެވެ.

މިހާތަނަށް ނޯޓިސް ފޮނުވީ ކިހާ މުވައްޒަފުންނަކަށް ކަމެއް އެ އޮތޯރިޓީން އަދި ސާފެއް ނުވެ އެވެ.

މުވައްޒަފުންނާ އެކު ބޭއްވި ބައްދަލުވުމުގައި އަދި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި ވެސް ނަހުލާ ވިދާޅުވެފައި ވަނީ، ކިތަންމެ ގިނަ ބަޔަކަށް ފިޔަވަޅު އަޅަން ޖެހުނަސް ޖެހިލުންވެވަޑައިނުގަންނަވާނެ ކަަމަށެވެ. ޓްރާންސްޕޯޓުގައި ގިނައީ ވަރަށް "ހިތާމަވެރިކޮށް، ވަރަށް ދެރަވަރު ފެންވަރުގައި މަސައްކަތްކުރާ ބޭފުޅުން" ކަމަށް އޭނާ ވިދާޅުވި އެވެ.

ޓްރާސްޕޯޓް އޮތޯރިޓީ އަކީ ސަރުކާރުގެ އިދާރާތަކުގެ ތެރެއިން ޚިދުމަތް ހޯދަން އެންމެ ތަކުލީފު އުފުލަން ޖެހޭ އަދި ޚިދުމަތަކަށް މުޅި ދުވަސް ހޭދަކުރަން ޖެހޭ އެއް އިދާރާކަމުގެ ޝަކުވާ ބޮޑެވެ. ސަރުކާރުގެ އެހެން އިދާރާތަކުގެ ހިދުމަތްތަކަށް ފަސޭހަ ބަދަލުތަކެއް އައި ކަމުގައި ވިއަސް ޓްރާންސްޕޯޓަށް ޒަމާނީ ބަދަލު ނާންނަ ކަމުގެ ހިތްހަމަނުޖެހުން ވެސް ބޮޑެވެ. އެކަމަކު އެކަން ހައްލުކުރަން ފަށައި މިހާރު ވަނީ ބައެއް ބަދަލުތަކެއް ގެނެސްފަ އެވެ. އޭގެތެރޭގައި ބައެއް ޚިދުމަތްތަކަށް އޮންލައިން މެދުވެރިކޮށް އެދުން ހިމެނެ އެވެ.

މުވައްޒަފުންތަކަކަށް ނޯޓިސް މިދިނީ، ނުހައްގުން ވަޒީފާ އިން ވަކިކުރަން އުޅޭ ކަމަށް ބުނެ ގިނަ އަދަދެއްގެ މުވައްޒަފުން ހިތްހަމަނުޖެހި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިތުރުން ސިވިލް ސާވިސް ކޮމިޝަނަށް ވެސް ޕެޓިޝަނެއް ހުށަހަޅާފައި ވަނިކޮށެވެ. ވަޒީފާ އަށް ފަރުވާ ކުޑަކުރުމާ ގުޅޭ ގޮތުން މިނިސްޓަރު މުވައްޒަފުންނާ އެކު ބޭއްވި ބައްދަލުވުމެއްގެ އޯޑިއޯ ވެސް އާއްމުކޮށް މިނިސްޓަރާ މެދު ނުރުހުންފާޅުކޮށްފައިވެ އެވެ.

އެ ބައްދަލުވުމުގައި ނަހުލާ މުއާމަލާތް ކުރެއްވި ހަރުކަށި ގޮތާ މެދު ބައެއް މުވައްޒަފުން ހިތްހަމަނުޖެހުންފާޅުކުރި އެވެ.

މަޖިލީހުގެ ކޮމިޓީގައި މިނިސްޓަރު ނަހުލާ ވިދާޅުވެފައި ވަނީ، ހިދުމަތް ހޯދަން އަންނަ މީހައާ މެދު ނިކަމެތިކޮށް އަމަލު ކުރާތަން ފެނުމަކީ އެއްގޮތަކަށް ވެސް ގަބޫލުކުރައްވާނެ ކަމެއް ނޫން ކަމަށެވެ. އޭނާ މަގާމުގައި ދެމިހުންނެވިހާ ދުވަހަކު ޓްރާންސްޕޯޓް މިނިސްޓްރީގައި އެގޮތަށް އަމަލު ނުކުރެއްވޭނެ ކަމަށް ވިދާޅުވި އެވެ.

ވަޒީފާއަށް ފަރުވާ ކުޑަކުރާ ނުވަތަ ދެރަކޮށް ހިދުމަތްދޭ މުވައްޒަފުން ފިޔަވައި އެހެން ބަޔަކާ ދޭތެރޭ ފިޔަވަޅެއް ނާޅުއްވާނެ ކަމުގެ ޔަގީން ކަން ވެސް ދެއްވެވި އެވެ.

ޓްރާންސްޕޯޓު އޮތޯރިޓީގެ މުވައްޒަފުންގެ ހާޒިރީ ރިޕޯޓެއް ނަގައި ސިވިލް ސާވިސް ކޮމިޝަނަށް ފޮނުވި އިރު އެއީ، ގިނަ މުވައްޒަފުންތަކެއް ވަޒީފާ އިން ވަކިކުރުމުގެ ޕްލޭންގެ ދަށުން މިނިސްޓަރު ނަހުލާ ކުރެއްވި ކަމެއް ކަމަށް އެ އޮތޯރިޓީގެ މުވައްޒަފުން ތުހުމަތުކުރެ އެވެ. އެއީ އެއްވެސް މުވައްޒަފަކު ނުހައްގުން ވަޒީފާ އިން ވަކިނުކުރާނެ ކަމަށް މި ސަރުކާރުން ވީ ވައުދާ ވެސް ޚިލާފު ކަމެއް ކަމަށް ކަމާބެހޭ އިދާރާތަކަށް މުވައްޒަފުން ހުށަހެޅި ޕެޓިޝަންގައި ވެ އެވެ.