26 އޮކްޓޯބަރ 2019 - 08:19
ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ، ސޮނީ ޓީވީގެ ސިލްސިލާ "ޕަޓިއާލާ ބޭބްސް" އަށް ބޮޑު ބަދަލެއް ގެންނަން ނިންމައި، ސިލްސިލާގެ މުހިއްމު ދެ ކެރެކްޓާއަކަށް ނިމުން ގެންނަން ނިންމައިފި އެވެ.
މިދިޔަ އަހަރު ދައްކަން ފެށި ސިލްސިލާ އަށް ގެންނަ އެންމެ ބޮޑު ބަދަލަކީ އޭގެ ވާހަކަ ފަސް އަހަރު ކުރިއަށް ޖައްސައިލުމެވެ. މި ބަދަލާ އެކު "ޕަޓިއާލާ ބޭބްސް" މައިގަނޑު ވާހަކަ ބިނާވާނީ ސިލްސިލާގެ ޓައިޓްލް ރޯލް ނިސްބަތްވާ ކެރެކްޓާ ބަބީތާގެ ކެރެކްޓާ ކުޅޭ ޕަރިދީ ޝަރުމާގެ ދަރިފުޅު މިނީ (އަޝްނޫރު ކޯރް) އަށެވެ.
މި ބަދަލު ގެންނާތީ ޕަރިދީ އާއި އޭނާގެ މިހާރުގެ ފިރިމީހާގެ ރޯލް ކުޅޭ ފުލުސް އޮފިސަރު ހަނޫމާން ސިންގް (އަނިރުދު ޑޭވް) ގެ ކެރެކްޓާ އަށް "ޕަޓިއާލާ ބޭބްސް" ގައި މާ ހާއްސަ ކަމެއް ނޯންނާނެ އެވެ. އަދި ދެ ކެރެކްޓާ ވަރަށް އަވަހަށް ގެއްލޭނެ އެވެ.
Maa beti ka rishta jo tha ek misaal, kya bann jayega woh ab ek sawaal. Dekhiye #PatialaBabes mein Som se Shukr raat 8:30 baje sirf Sony par @aniruddh_dave @ashnoorkaur03 pic.twitter.com/22uWPt9x86
— Sony TV (@SonyTV) October 22, 2019
މިކަމާ ގުޅިގެން ޕަރިދީ ބުނީ އޭނާ މިހާރު ވެސް ހުރީ ސިލްސިލާގައި ކެރެކްޓާ ބިނާވަމުންދާ ގޮތާ ދޭތެރޭ ހިތްހަމަނުޖެހިފައި ކަމަށެވެ. އެހެންވެ "ޕަޓިއާލާ ބޭބްސް" ދޫކޮށްލަން ޖެހުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށް ބުންޏެވެ.
މި ސިލްސިލާގައި އޭނާ ކުޅެނީ ލޯބިނުވާ މީހަކާ ކައިވެނިކޮށްގެން ލިބުނު އަންހެން ދަރިއަށްޓަކައި އަމިއްލަ އުފާތައް ގުރުބާންކޮށްގެން ފުރާވަރުގެ އަންހެން ދަރިއެއް ގެންގުޅޭ މަންމައެއްގެ ރޯލެވެ. "ޕަޓިއާލާ ބޭބްސް" ގެ މައިގަނޑު ޕްލޮޓަކީ ވެސް މަންމައަކާ އަންހެން ދަރިއެއްގެ ވާހަކަ އެވެ.
Kya iss khulase ke wajah se aa jayegi Babita aur Hanuman ke rishte mai darraar? Janiye #PatialaBabes mei aaj raat 8.30 baje. @aniruddh_dave @ashnoorkaur03 pic.twitter.com/qBkOII3SL0
— Sony TV (@SonyTV) October 8, 2019
ޕަރިދީ ބުނީ "ޕަޓިއާލާ ބޭބްސް" ކުޅެން އޭނާ ނިންމީ ލިބުނު ކެރެކްޓާ ރަނގަޅުވުމުން ކަމަށެވެ.
"މި ސިލްސިލާ އަހަންނަށް ހުށަހެޅީމަ ފުރަތަމަ އެއްބަސްވާން އުނދަގޫވި ބޮޑު އަންހެން ދަރިއެއްގެ މައެއްގެ ރޯލް ކުޅެން ޖެހޭތީ. އެކަމަކު ޕަޓިއާލާ ބޭބްސްގައި އެ ދެ ކެރެކްޓާއަކީ އަންހެނުންގެ ބާރުވެރިކަން ދައްކުވައިދޭ ގޮތަށް ބިނާކޮށްފައި އޮތް ދެ ކެރެކްޓާއަށްވީމަ އެއްބަސްވީ،" ޕަރިދީ، 32، ބުންޏެވެ.
އޭނާ ބުނިގޮތުގައި ސިލްސިލާ މިހާރު ކުރިއަށްދާ ގޮތާ ދޭތެރޭ އެހާ ހިތްހަމައެއްނުޖެހެ އެވެ. ވަކިން ހާއްސަކޮށް އަމިއްލަ ކެރެކްޓާ ނިއުޅެމުންދާ ގޮތާ ދޭތެރޭ މާޔޫސްވެފައިވާ ކަމަށް ބުންޏެވެ.
"އެކަމަކު އަހަރެން އުފާކުރަން ޕަޓިއާލާ ބޭބްސްގެ ހިއްސާއަކަށްވެވުނީމަ." ޒީޓީވީގެ "ޖޯދާ އަކްބަރު" ވެސް ކުޅުނު ޕަރިދީ ބުންޏެވެ.
އަނިރުދު ވެސް ބުނީ ސިލްސިލާގައި އޭނާ ކުޅުނު ކެރެކްޓާއަކީ ބެލުންތެރިންގެ ލޯބި އިންތިހާ އަށް ލިބުނު ރޯލެއް ކަމަށެވެ.
"ސިލްސިލާ ދޫކޮށްލަން ޖެހުމަކުން އަހަރެންގެ އެއްވެސް މައްސަލައެއް ނެތް. އަހަރެން ގަބޫލު ވެސް ކުރަން ވަކި ހިސާބަކުން ބޮޑެތި ބަދަލުތައް ގެންނަން ޖެހުމަކީ ވެދާނެ ކަމެއްކަން،" އޭނާ ބުންޏެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 27 ގައި ދައްކަން ފެށި "ޕަޓިއާލާ ބޭބްސް" ގެ 230 އަށް ވުރެ ގިނަ އެޕިސޯޑް މިހާތަނަށް ގެނެސްދީފައިވެ އެވެ. އަދި ގިނަ ބަޔަކު ފާހަގަކުރާ ގޮތުގައި މި ސިލްސިލާ އަކީ އިންޑިއާގެ ޗެނެލްތަކުން އާންމުކޮށް ދައްކާ ކޫސަނި ސިލްސިލާތަކާ ހިލާފަށް، ވަރަށް މެޗުއާޑް ވާހަކައެއް ކިޔައިދޭ، މުޖުތަމައާ ގުޅޭ ކަހަލަ ސިލްސިލާއެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy