އިންތިގާލީ އިންސާފުގެ އޮފީހެއް ހަދައި ބޮޑެތި ބާރުތަކެއް ދެނީ

މުއައްސަސާތަކުގެ ވެރިންގެ ފަރާތުން ހިންގާފައިވާ އިންސާނީ ހައްގުތަކާ ހިލާފް ޖަރީމާތައް ބަލައި، އަނިޔާ ލިބުނު މީހުންނަށް އިންސާފު ހޯދައިދިނުމަށް އިންތިގާލީ އިންސާފުގެ އޮމްބަޑްސްމަންގެ އޮފީހެއް ގާއިމްކޮށް، އެތަނުން ތަހުގީގުކޮށް ދައުވާކުރަން ފޮނުވޭ ގޮތަށް އިންތިގާލީ އިންސާފުގެ ބިލްގައި ހިމަނައިފި އެވެ.


ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލިހުގެ ހިތަދޫ މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ރަޝީދު ބިލް ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި ވަނީ ޖެނުއަރީ، 2012 އިން ފެށިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގަތުމާ ހަމައަށް ނިޒާމީ ސިފައެއްގައި ރޭވިގެން ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ފުށުން އިންސާނީ ހައްގުތަކާއި މިނިވަންކަމާ ހިލާފަށް ހިންގާފައިވާ ޖަރީމާތައް ބަލައި، އަނިޔާ ލިބުނު ފަރާތްތަކަށް އިންސާފު ހޯދައި ދިނުން ކަމަށެވެ.

ބިލްގައިވާ ގޮތުން ބިލަށް އަމަލުކުރަން ފެށުމާ އެކު، އިންތިގާލީ އިންސާފުގެ އޮމްބަޑްސްމަން އޮފީހެއް އުފެދޭނެ އެވެ. އޮމްބަޑްސްމަންގެ އޮފީހެއް އެކުލެވިގެން ވަނީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ތިން އޮމްބަޑްސްމަންގެ މައްޗަށް ކަމަށާއި އޭގެ ތެރެއިން އެކަކު ޗީފް އޮމްބަޑްސްމަންގެ ގޮތުގައި އައްޔަންކުރަން ޖެހެ އެވެ.

ފުލުހުންނާއި އިލެކްޝަންސް ކޮމިޝަނުން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް. --- ފޮޓޯ: މިހާރު

އޮމްބަޑްސްމަންގެ ޝަރުތުތަކުގެ ތެރޭގައި މުސްލިމަކު ކަމުގައިވުމާއި އިސްލާމް ދީނުގައި ހައްދު ކަނޑައަޅާފައިވާ ކުށެއް ނުވަތަ ޖިނާއީ ކުށެއް ކުރި ކަން ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުމާއި އުމުރުން 30 އަހަރުވެފައިވާ މީހަކު ކަމުގައިވުމާއި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވުމާއި އިންތިހާބުކުރާ މަގާމެއް، ދައުލަތުގެ މަގާމެއް ނުވަތަ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން ހިމެނެ އެވެ.

އޮމްބަޑްސްމަންގެ މަގާމަށް އައްޔަންކުރާ މީހަކީ އިންސާނީ ހައްގަކާ ހިލާފު އަމަލެއް ހިންގުމުގައި އެއްވެސް ސިފައެއްގައި ބައިވެރިވެފައިވާ ނުވަތަ އެފަދަ ތުހުމަތެއް ރައްދުވެފައިވާ މީހަކު ކަމުގައި ވެގެން ނުވާނެ ކަމަށް ބިލްގައިވެ އެވެ.

އޮމްބަޑްސްމަންގެ އޮފީހުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި މުއައްސަސާތަކުގެ ވެރިންގެ މައްސަލަތައް ބަލައި ހަގީގަތާ ހަމައަށް ވާސިލްވާން ޖެހޭނެ ކަމަށް ބިލްގައިވެ އެވެ. އަދި އެކަމުގައި ޒިންމާވާ ވެރިން ބިލްގައިވާ ގޮތުގެ މަތިން ދެނެގަނެ، ޖަވާބުދާރީ ކުރުވަން ވާނެ ކަމަށް ވެސް ބިލްގައިވެ އެވެ.

ބިލްގައި ވަނީ އޮފީހުން ތަހުގީގު ހިންގުމަށް ފަހު، ޖިނާއީ ކުށެއް ކަމުގައިވާ އަމަލުތައް ހިންގި މީހުންގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސެކިއުޓަ ޖެނެރަލް އޮފީހަށް ފޮނުވަން ވާނެ ކަމަށެވެ. އަދި މަދަނީ ދައުވާ އުފުލަން ޖެހޭ ނަމަ، ދައުވާ ކުރަން ބަންޑާރަ ނައިބު އޮފީހަށް ފޮނުވަންވާނެ ކަމަށް ބިލްގައިވެ އެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުގެ މެމްބަރުން: އެ ކޮމިޝަނަށް ހުށަހަޅާ މައްސަލަތައް ބަލައި ފިޔަވަޅު އަޅަން ނުކުޅެދިފައިވާ ކަމުގެ ޝަކުވާ ބޮޑު.

ދައުވާކުރަން ފޮނުވާ މައްސަލައެއް ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުން ނުވަތަ އެޓާނީ ޖެނެރަލް އޮފީހަށް ފޮނުވާތާ 15 ދުވަހުގެ ތެރޭގައި އެ މައްސަލައެއްގައި ދައުވާ އުފުލުމާ މެދުގައި ގޮތެއް ނިންމަން ބިލްގައި ލާޒިމްކުރެ އެވެ. އަދި އެޓާނީ ޖެނެރަލް އޮފީހާއި ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުން ދައުވާ ކުރަން ފޮނުވާތާ 45 ދުވަހުގެ ތެރޭގައި ކޯޓުން މައްސަލަ ބަލާ ނިންމަން ވާނެ ކަމަށް ބިލްގައިވެ އެވެ.

އޮމްބަޑްސްމަންގެ އޮފީހުން ހިންގާ ތަހުގީގުގެ އަލީގައި ނިޒާމީ ގޮތެއްގައި ހިންގާފައިވާ އިންސާނީ ހައްގުތަކާ ހިލާފު އަމަލުތަކާއި ޒިންމާ އުފުލަން ޖެހޭ މީހުން ދެނެގަނެ، އަނިޔާ ލިބިފައިވާ މީހުންނަށް ބިލުގެ ދަށުން ބަދަލު ހޯދައިދީ އެހީތެރިކަން ފޯރުކޮށްދޭން ވާނެ ކަމަށް ވެސް ބިލްގައިވެ އެވެ.

މީގެއިތުރުން ނިޒާމީ ސިފައެއްގައި ރާވައިގެން މީހެއްގެ ނުވަތަ ބައެއްގެ އިންސާނީ ހައްގުތައް ނިގުޅައިގަތުމުގައި ބައިވެރިވެފައިވާ ދައުލަތުގެ މުއައްސަސާތައް އިސްލާހު ކުރުމަށް ގެންނަން ޖެހޭ ބަދަލުތައް އޮމްބަޑްސްމަންގެ އޮފީހުން ދެނެގަންނަން ވާނެ ކަމަށް ވެސް ސަރުކާރުން ހުށަހެޅި ބިލްގައިވެ އެވެ.

އޮމްބަޑްސްމަންގެ އޮފީހުގެ އިތުރު ބާރުތައް:

- އޮމްބަޑްސްމަންގެ އޮފީހުގެ ގަވައިދު ހެދުން.

- އޮފީހުގެ މަސްއޫލިއްޔަތު އަދާކުރަން އެހެން މުއައްސަސާތަކުގެ އެހީ ހޯދޭނެ.

- ސުވާލު ކުރުމާއި ހެކި ބަސް ނެގުމުގެ ބޭނުމުގައި މީހުން ހާޒިރު ކުރެވޭނެ.

- ފަންނީ އެހީތެރިކަން ރާއްޖެ އިން ބޭރުގެ އިންވެސްޓިގޭޓަރުންގެ ފަރާތުން ހޯދޭނެ.

- ރިޔާސީ ކޮމިޝަނަށް ލިބިގެންވާ ބާރުތައް އޮމްބަޑްސްމަންގެ އޮފީހަށް ލިބޭނެ.

ބިލްގައި ވަނީ އޮމްބަޑްސްމަންގެ އޮފީހުން އަމަލު ކުރަން ވާނީ މިނިވަން ކަމާ އެކު، ބިލްގެ މަގްސަދުތައް ހާސިލްވާނެ ގޮތުގެ މަތިން އާންމު މަސްލަހަތާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އަދި އޮފީހުން މަސައްކަތް ކުރަން ވާނީ މިނިވަން ކަމާ އެކު، ނުފޫޒަށް ލެނބުމެއް ނެތި ކަމަށް ބުނެފައިވެ އެވެ.

އޮމްބަޑްސްމަންގެ އޮފީހުން ތަހުގީގު ކުރާ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުންނަށް، އެމީހުންގެ ދިފާއުގައި ވާހަކަ ދެއްކުމުގެ ފުރުސަތާއި ގާނޫނީ ވަކީލެއްގެ އެހީތެރިކަން ބޭނުންވެއްޖެ ނަމަ، އެ ފުރުސަތު އެމީހަކަށް ލިބިގެންވާ ކަމަށް ވެސް ބިލްގައި ވަނީ ބުނެފަ އެވެ.

ބިލްގައި ވަނީ އޮމްބަޑްސްމަންގެ އޮފީހުން ހިންގާ ތަހުގީގަށް ހުރަސް އެޅޭ ފަދަ ގޮތަކަށް މައްސަލައިގައި ތުހުމަތު ކުރެވޭ މީހަކު ނުވަތަ އެނޫން ވެސް އެއްވެސް މީހަކު ކުރާ އަމަލަކީ އަދުލު އިންސާފަށް ހުރަސް އެޅުން ކަމުގައި ބެލޭނެ ކަމަށެވެ. އަދި އެފަދަ މައްސަލަތައް ބެލުމަށް ފުލުހުންނަށް އެންގުމުގެ ބާރު އޮމްބަޑްސްމަންގެ އޮފީހަށް ލިބިގެންވާ ކަމަށް ވެސް ހިމަނާފައިވެ އެވެ.

އޮމްބަޑްސްމަންގެ އޮފީސް ހިންގުމަށް ފިނޭންސް މިނިސްޓްރީގެ މަޝްވަރާގެ މަތިން އޮމްބަޑްސްމަނުންގެ އުޖޫރަ އާއި މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކާއި އޮފީހާއި ބަޖެޓު ހަމަޖައްސަން ވާނެ ކަމަށް ބިލްގައިވެ އެވެ.