ސޯދުބެ އާއި އަހުމަދު އާދަމަށް ނިޝާން އިއްޒުއްދީންގެ ލަގަބް އަރުވައިފި

ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާގެ ލަގަބް، ދިވެހި ބަހާއި ތާރީޚަށް ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި އަބްދުﷲ ސޯދިގު (ސޯދުބެ) އާއި ރާއްޖޭގެ ފުރަތަމަ އިންޖިނޭރު ހ.ހިކަރީ އަހުމަދު އާދަމް (ހިކަރީ) އަށް މިރޭ ލިބިވަޑައިގެންފި އެވެ.


ދަރުބާރުގޭގައި މިރޭ ބޭއްވި ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި އެ ދެބޭފުޅުންނަށް ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާގެ ޝަރަފްގެ މެޑެލް ދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.

މިރޭ ޝަރަފް ލިބިވަޑައިގެންނެވި ސޯދުބެ އަކީ ދައުލަތަށް 50 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ އަދި މިހާރު ވެސް ދިވެހިބަހުގެ އެކެޑަމީގެ މުޝީރުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. މ. މުއްޔަށް އުފަން ސޯދުބެއަކީ ދިވެހި ބަހާއި އަދަބިއްޔާއި ތައުލީމީ ދާއިރާއަަށް ގިނަ ގުނަ ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.

ކިޔަވާ ވިދާޅުވާން ސޯދުބެ މާލެއަށް ވަޑައިގެންނެވީ 1944 ވަނަ އަހަރު އެވެ. އޭނާ އަކީ ހިތްގައިމު ކުރު ވާހަކަތަކާއި ދިގުވާހަކަތަކާއި ގިނަ އަދަދެއްގެ ޅެންތަކެއް ލިއުއްވި ބޭފުޅެކެވެ. އޭނާގެ އެ ހުރިހާ މަސައްކަތްތަކަކީ ވެސް އަދަބީ ގޮތުން އެންމެ މަތީ ފެންވަރުގެ މަސަައްކަތްތަކެވެ.

ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަން ލިބިވަޑައިގެންނެވި އަބްދުﷲ ސޯދިގު (ސޯދުބެ)އާއި އަހުމަދު އާދަމް (ހިކަރީ). ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަރިހުގައި. ފޮޓޯ: ހުސައިން ވަހީދު/މިހާރު

ސޯދުބެ އަށް 1980 އަދި 1983 ގައި އާންމު ހިދުމަތުގެ ހިތްވަރުދިނުމުގެ އިނާމު ލިބިވަޑައިގެންނެވި އެވެ. އަދި 1992 ގައި ޅެންވެރިކަމުގެ ރޮނގުން ހިތްވަރުދިނުމުގެ އިނާމު، 1998 ގައި ދިވެހި ބަހަށް ހިދުމަތްކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ އިނާމު އަދި މިނިވަން 25 ގެ އާންމު ހިދުމަތުގެ އިނާމު ވެސް އޭނާ އަށް ލިބިވަޑައިގެންނެވި އެވެ.

ނިޝާން އިއްޒުއްދީންގެ އިއްޒަތް މިރޭ ލިބިވަޑައިގެންނެވި އަހުމަދު އާދަމް ޚިދުމަތް ކުރެއްވީ އިންޖިނިއަރިން ދާއިރާއިންނެވެ. އޭނާއަކީ ރާއްޖެއަށް ޓޫރިޒަމް ތައާރަފްކޮށް ކުރިއެރުވުމުގައި ވެސް ވަރަށް މުހިއްމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.

ދ. މާއެނބޫދުއަށް އުފަން އަހުމަދު އާދަމް ދައުލަތަށް ޚިދުމަތް ކުރައްވަން ފެއްޓެވީ 1959 ގައި ސަރުކާރުން ފުރަތަމަ ގެނައި އާގު ބޯޓް "މޯލްޑިވް ސްޓާ"ގެ އެޕަރެންޓިސް އިންޖިނޭރެއްގެ ގޮތުގަ އެވެ. އިންޖިނިއަރިންގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވަން އިނގިރޭސިވިލާތަށް ވަޑައިގެންނެވުމުގެ ފުރުސަތު އޭނާ އަށް ދެއްވީ ސަރުކާރުގެ ދެ އާގުބޯޓްގައި ކުރެއްވި މަސައްކަތްތަކާ ގުޅިގެން ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ ބޮޑުވަޒީރު ކަމުގަ އެވެ.