ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް މަހާޒް އައްޔަން ކުރަން މަޖިލިހުން ރުހުން ދީފި

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރު ކަމުގެ މަގާމަށް ޑްރަގް ކޯޓުގެ ގާޒީ މަހާޒް އަލީ ޒާހިރު އައްޔަންކުރަން ރައްޔިތުންގެ މަޖިލިހުން މިއަދު ރުހުން ދީފި އެވެ.


މެލޭޝިއާގެ އިސްލާމިކް ޔުނިވަސިޓީން، ކޮމްޕަރޭޓިވް ލޯ އިން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައިވާ މަހާޒް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރަން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 55 މެމްބަރުންގެ އިއްތިފާގުންނެވެ.

މަހާޒްގެ ނަމަށް މަޖިލިހުން ރުހުން ދިނުމުގެ ކުޑަ އިރުކޮޅެއް ކުރިން، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 50 މެމްބަރުންގެ ތެރެއިން 32 މެމްބަރުންގެ ތާއީދާ އެކު، މަހާޒަށް ރުހުން ދިނުމަށް ތްރީ ލައިން ވިޕެއް ވަނީ ނެރެފަ އެވެ. އެމްޑީޕީ ޕީޖީ ގްރޫޕްގައި ފުރަތަމަ އެހީ ވެސް މަހާޒްގެ ނަމަށެވެ. މަހާޒްގެ ނަން ފާސްވުމާ ގުޅިގެން އިތުރު ނަމަކަށް ވޯޓަކަށް ނާހަ އެވެ.

މަހާޒާ އެކު ރައްޔިތުންގެ މަޖިލިހަށް ދެން ފޮނުވީ، ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ އަނބިކަނބަލުން ދިޔާނާ ސައީދުގެ ނަމެވެ. މަޖިލިހުގެ ތަޅުމުގައި ވެސް އެންމެ ފުރަތަމަ މަހާޒްގެ ނަމަށް ވޯޓަށް އެހި އިރު، އެ ނަން ފާސްވުމާ ގުޅިގެން ދިޔާނާގެ ނަމަށް ވޯޓަކަށް ނާހަ އެވެ.

މަހާޒް، ގާނޫނީ ދާއިރާ އިން ފުރަތަމަ ޑިގްރީ ނެންގެވީ، ގައުމީ ޔުނިވަސިޓީ ކޮލެޖެއްގެ ގޮތުގައި ހިންގި އިރު، މޯލްޑިވްސް ކޮލެޖް އޮފް ހަޔަ އެޑިއުކޭޝަނުންނެވެ.

ދިވެހި ބަހުގެ އިތުރުން އިނގިރޭސި އާއި އަރަބި ބަހަށް ފަރިތަ މަހާޒް ބަންޑާރަ ނައިބު އޮފީހުގެ އެސިސްޓަންޓް ސްޓޭޓް އެޓާނީ ކަމުގައި ހަތް މަހެއްހާ ދުވަހު ހުންނެވި އެވެ. އަދި ސެޕްޓެމްބަރު 7، 2008 އިން ފެށިގެން ފެބްރުއަރީ 25، 2012 އާ ހަމައަށް ހުންނެވީ ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުގެ އެސިސްޓަންޓް ޕަބްލިކް ޕްރޮސެކިއުޓަރަކަށެވެ. އޭގެ ފަހުން ޑްރަގް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުގަ އެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން މުޅިން އަލަށް އުފެއްދި ޑްރަގް ކޯޓަށް ބޭނުންވާ ގަވައިދުތަކާއި އުސޫލުތަކާއި ކޯޓުގެ މަސައްކަތްތައް ފަށަން ކުރަން ޖެހޭ ކަންކަން ފުރިހަމަކުރަން އިސް ފަނޑިޔާރެއްގެ ހައިސިއްޔަތުން އެ ކޯޓުގައި މަސައްކަތް ކުރެއްވީ ވެސް މަހާޒެވެ. ޑްރަގް ކޯޓުގައި މިހާރު އަމަލުކުރާ އުސޫލުތަކާއި ގަވައިދުތައް ހެދުމުގައި އޭނާގެ ހިއްސާ ވަރަށް ބޮޑެވެ.

ބަންޑާރަ ނައިބުގެ އޮފީހާ ފެބްރުއަރީ 17، 2008 ގައި ގުޅިވަޑައިގެން މައިގަނޑު ގޮތެއްގައި ކުރެއްވީ އެ އޮފީހަށް އަންނަ ޖިނާއީ މައްސަލަތަކުގައި ދައުވާ ކުރެވޭނެ ކަން ނުވަތަ ނޫން ކަން ކަނޑައެޅުމާއި ޖިނާއީ މައްސަލަތަކުގައި ކޯޓުތަކުގައި ވަކާލާތު ކުރެއްވުމެވެ. ޕްރޮސެކިއުޓަ ޖެނެރަލް އޮފީސް ގާއިމްކުރުމާ ގުޅިގެން އެ އޮފީހުގައި ޖިނާއީ މައްސަލަތަކުގެ ހުރިހާ ކަމެއްގައި ވެސް މަހާޒް ބައިވެރިވެވަޑައިގެންނެވި އެވެ.

މަހާޒު ވަނީ ކީރިތި ގުރުއާން ހިތު ދަސްކުރުމާ ގުޅޭ ގޮތުންނާއި މަސްތުވާތަކެއްޗާއި ގާނޫނީ ދާއިރާ އިން ބައެއް ފޮތްތައް ވެސް ލިޔުއްވާފަ އެވެ. އަދި "ހެކިންގެ ހެކިބަސް - އުސޫލުތަކާއި ދިވެހިރާއްޖޭގެ ގަޒިއްޔާތައް" ގެ ނަމުގައި ވެސް ފޮތެއް ލިޔުއްވައި ޝާއިއުކޮށްފައިވެ އެވެ.