ސީއެސްސީ މެމްބަރުން "ސިޔާސީ" ވި މައްސަލަ ގޯސްވެއްޖެ!

ކުރީގެ ސަރުކާރުގައި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެމްބަރުން ސިޔާސީވެ، ސިވިލް ސާވިސްގެ މުވައްޒަފުންތަކެއް ވަޒީފާ އިން ވަކިކުރި ކަމަށް ބުނާ މައްސަލަ ހޫނުވެ، އެ ކޮމިޝަންގެ ހަތަރު މެމްބަރެއްގެ މައްސަލަ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ބަލަން ފަށައިފި އެވެ.


ސިޔާސީ ސަބަބުތަކަކަށްޓަކައި ވަޒީފާ އިން ވަކިކޮށްފައިވާ ކަމުގެ ޝަކުވާތަކެއް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ހުށަހެޅީ މުވައްޒަފުންތަކެކެވެ. ކުރީގެ ސަރުކާރުގައި މި މައްސަލަތަކަށް، އަދި ސިވިލް ސާވިސްގެ ގާނޫނާ ޚިލާފަށް މުވައްޒަފުން ލައްވައި ވަކި ސިޔާސީ ފިކުރެއް ޕްރޮމޯޓްކުރަން މަސައްކަތްކުރި އިރު ކަމާ ބެހޭ ފަރާތްތަކުން ފިޔަވަޅު ނޭޅުމުގެ ކަންބޮޑުވުން ބައެއް މުވައްޒަފުންގެ އޮތެވެ.

މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ސިވިލް ސާވިސް ކޮމިޝަނާ ގުޅޭ ގޮތުން ހުށަހެޅި ޝަކުވާ ބަލަން ވަނީ ސަބް ކޮމިޓީއެއް އެކުލަވާލައިފަ އެވެ. އެ ކޮމިޓީން ބަލަމުން އަންނަނީ ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމާއި ނައިބު ރައީސް ޝަހީދު މުހައްމަދާއި މެމްބަރު އިބްރާހިމް ޝަހީގުގެ އިތުރުން ޒަކަރިއްޔާ ހުސައިނަށް ތުހުމަތުކުރެވޭ މައްސަލަތަކެކެވެ.

ސަބް ކޮމިޓީގެ މުގައްރިރު، ވިލިމާފަންނު ދާއިރާގެ މެމްބަރު އަހްމަދު އުޝާމް މިއަދު ވިދާޅުވީ ކުރިން އިންޒާރު ދިނުމަކާ ނުލައި ގާނޫނާއި ގަވާއިދާ ޚިލާފަށް، ސިޔާސީ ސަބަބުތަކަކަށްޓަކައި މުވައްޒަފުންތަކެއް ވަޒީފާ އިން ވަކިކުރިކަމުގެ ގިނަ ޝަކުވާތަކެއް ލިބިފައިވާ ކަމަށެވެ. ނުހައްގުން ވަޒީފާ އިން ވަކިކުރި ކަމަށް ތުހުމަތުކުރާ މީހުންގެ އަދަދު 90 އަށް ވުރެން މަތި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެ ޝަކުވާތައް ބެލިއިރު، ކޮމިޓީ އަށް ކޮންމެވެސް ވަރަކަށް ފާހަގަކުރެވުނީ މެމްބަރުންގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި އިހުމާލުވެފައިވާ ކަން،" އުޝާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ މައްސަލަތައް ކޮމިޓީން ބަލަން އޮތީ ނިންމައިފަ އެވެ.

އެހެން މިނިވަން މުއައްސަސާތަކެކޭ އެއްގޮތަށް، ކުރީގެ ސަރުކާރުގައި ސީއެސްސީގެ ވެސް މިނިވަންކަން ގެއްލި، ސަރުކާރުގެ ނުފޫޒުން ކަންކަން ކުރަމުން ދިޔަ ކަމަށް ތުހުމަތުކުރި އެވެ. ވެރިކަން ކުރާ ޕާޓީ ޕީޕީއެމްގެ ޖަލްސާތަކަށް ސިވިލް ސާވިސްގެ މުވައްޒަފުން ދާން މަޖުބޫރު ކުރުވި އިރު ވެސް ފިޔަވަޅު ނާޅާކަމުގެ ހިތްހަމަނުޖެހުން ފާޅުކުރި އެވެ. އަދި އޭރު މުވައްޒަފުންގެ ވަޒީފާތަކާ މެދު ފިޔަވަޅު އަޅަމުން ދިޔަ އިރު މުވައްޒަފުންގެ ހައްގުގައި ސިވިލް ސާވިސް އިން މަސައްކަތް ނުކުރާ ކަމުގެ ތުހުމަތު ވެސް ކުރި އެވެ.

ސީއެސްސީ މެމްބަރުންގެ މައްސަލަތަކެއް ބަލަމުންދާ އިރު، މިނިވަން މުއައްސަސާތަކާއި މިނިވަން މަގާމުތަކަށް ނުފޫޒު ފޯރުވައި ކޮރަޕްޝަންގެ އަމަލުތައް ހިންގުން ހުއްޓުވުމަށް ގާނޫނުތަކަށް ސަރުކާރުން ވަނީ އިސްލާހުތަކެއް ހުށަހަޅައިފަ އެވެ.