ރިޕޯޓް / ސިވިލް ސާވިސް

މި މުވައްޒަފުންނަށް "ރޯޅި ބޭލުން"، އިންސާފެއް ނޫން!

ވެލާނާގެ އޮފީސް އިމާރާތް: ސިވިލް ސާވިސް މުވައްޒަފުންގެ އެންމެ ބޮޑު ޝަކުވާ އަކީ މުސާރަ ބޮޑުނުކޮށް، ފިޔަވަޅުތައް އެޅުން. --ފޮޓޯ: ޓުވިޓާ

ސިވިލް ސާވަންޓުން އަބަދުވެސް ކުރާ ޝަކުވާއަކީީ މިއެވެ؛ މުސާރަ ބޮޑެއް ނުކުރެ އެވެ. މުޅިން ވެސް ބަލަނީ ލިބޭ އެތިކޮޅު އުނިކުރެވޭތޯ އެވެ. ސިވިލް ސާވިސް ހަރުދަނާ ކުރަން، ސަރުކާރުން އަޅަން ފެށި ފިޔަވަޅުތަކާ އެކު އަނެއްކާވެސް މި ޝަކުވާގެ އަޑު ގަދަވެއްޖެ އެވެ. ސިވިލް ސާވިސް ގަވާއިދުގެ ތަންތަންކޮޅު އިސްލާހުކޮށް، ގެންނަމުންދާ ބަދަލުތަކާ މެދު މުވައްޒަފުން ހިތްހަމައެއްނުޖެހެ އެވެ. އެއީ އިންސާފުން އަޅާ ފިޔަވަޅުތަކެއް ކަމަށް ވެސް ގިނަ ބަޔަކު ގަބޫލެއް ނުކުރެ އެވެ.

ފުރަތަމަ ބަދަލު ގެނައީ އިތުރު ގަޑީގެ މަސައްކަތް ކުރާ އުސޫލަށެވެ. ކޮންމެ އަހަރެއްގެ ވެސް ފަހުކޮޅު ދައުލަތުގެ ބަޖެޓަށް އަންނަ ތާށިކަމާ އެކު، ހަރަދު ކުޑަކުރަން އަޅާ ފިޔަވަޅުތަކުގެ އެންމެ ކުރީގައި އޮންނަނީ ސިވިލް ސާވިސް މުވައްޒަފުން އިތުރު ގަޑި ނަގާ އުސޫލު ހަރުކަށި ކުރުމެވެ. ފިނޭންސް މިނިސްޓްރީގެ ސާކިއުލާއަކުން މި އަހަރު ވެސް މި ބަދަލު ވަނީ ގެނެސްފަ އެވެ. އެއަށް ފަހު ދެން ނިންމީ، ސަރުކާރުގެ ރަސްމީ ގަޑީގައި އަމިއްލަ ކަންކަމުގައި ބޭރުގައި އުޅޭ ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރަ އުނިކުރާށެވެ. މިގޮތަށް ނިންމީ، އެޓާނީ ޖެނެރަލް އޮފީހުގެ ލަފަޔާ ވެސް ހިލާފަށެވެ.

މުސާރަ އުނިކުރުމާ ގުޅޭ ގޮތުން ފިޝަރީޒް މިނިސްޓްރީ އަށް އޭޖީ އޮފީހުން ދިން ލަފާގައި ވާ ގޮތުން މުވައްްޒަފުންގެ މުސާރައިން އުނިކުރެވޭނެ ހާލަތްތައް ވަޒީފާއާ ބެހޭ ގާނޫނުގައި ބަޔާން ކޮށްފައިވާއިރު އެ ނޫން ހާލަތެއްގައި މުސާރައިން އުންޏެއް ނުކުރެވޭނެ އެވެ.

އޭގެ ފަހުން ދެން ނެރުނު ސާކިއުލާގައި ބުނެފައި ވަނީ، ސިވިލް ސާވިސްގެ މެދު ފަންތީގެ މަގާމުތަކުން ފެށިގެން މަތީގެ މުވައްޒަފުުންގެ ތެރެއިން ޑިޕްލޮމާ ސެޓްފިކެޓް ހާސިލްނުކުރާ މުވައްޒަފުން ވަޒީފާ އިން ވަކި ކުރާނެ ކަމަށެވެ. އެ މުވައްޒަފުންނަށް މިހާރު ވަނީ ޑިޕްލޮމާ ހަދަން މުއްދަތެއް ދީފަ އެވެ.

ސަރުކާރު އޮފީހެއްގައި މުވައްޒަފުން މަސައްކަތް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިއީ، ވެސް ސިވިލް ސާވިސްގައި މަސައްކަތް ކުރާތާ އެތައް ދުވަހެއް ވެފައިވާ މީހުންގެ ބޮޑު ޝަކުވާއެކެވެ. ސިވިލް ސާވިސް މުއައްޒަފުންގެ ތައުލީމީ ފެންވަރު ވަކި ވަރެއްގައި ހިފެހެއްޓުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ސިޔާސީ މަގާމުތަކާއި ސަރުކާރުގެ ކުންފުނިތަކުގައި އެފަދަ ޝަރުތެއް ނެތި ސިވިލް ސާވިސްގައި ކުޑަ މުސާރައަކަށް މަސައްކަތް ކުރާ މުވައްޒަފުންނަށް މި އުނދަގޫ ޖެއްސުމަކީ އެ މީހުންނަށް ގަބޫލުކުރަން ފަސޭހަ ކަމަކަށް ނުވެ އެވެ.

ދައުލަތުގެ ބަޖެޓު ތާށިވާ ކޮންމެ ފަހަރަކު ހުރިހާ "ރޯޅިއެއް" ބާލާތަން ފެންނަނީ ސިވިލް ސާވަންޓުންގެ މުސާރަ އަށެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ވެސް ބަޖެޓް ތާށިވެގެން އެ ފައިސާ ހަމަޖެއްސީ ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައިންނެވެ. އެއީ ގޯހެއް ކަން ގަބޫލުކޮށް، އެބައި އިޔާދަކޮށްދިނީ މި ސަރުކާރުންނެވެ. އެކަމަކު އެކަން އެގޮތަށް ކޮށްދިނުމަށް ފަހު، ސަރުކާރުން މިހާރު އަމަލުކުރަމުން ދަނީ މުވައްޒަފުންނަށް އަނެއްކާވެސް މާޔޫސްކަން ލިބޭ ގޮތަށެވެ.

މުސާރަ ބޮޑު ނުކުރާތާ އެތައް އަހަރެއް!

ސިވިލް ސާވިސްގައި ގާތްގަނޑަކަށް 23،000 މުވައްޒަފުން މަސައްކަތް ކުރާއިރު އެ މީހުންގެ މުސާރަ ނިސްބަތުން ކުޑަ އެވެ. ސިވިލް ސާވިސްގައި މަސައްކަތް ކުރާ އެންމެ އާދައިގެ މީހަކަށް މަހަކު 5،000ރ. ނުލިބެ އެވެ. އެންމެ ކުޑަވެގެން 10،000ރ. ގެ މުސާރައެއް ވެސް ގެއަށް ގެންދަން ލިބެނީ ޑިގްރީ ފެންވަރުގެ މުވައްޒަފުންނަށެވެ. މިއީ، އެކި މިނިސްޓްރީތަކަށް އައްޔަންކޮށްފައިވާ، ސިޔާސީ މަގާމްތަކުގައި ތިބި މީހުންނާ އަޅާބަލާއިރު ވެސް ވަރަށް ބޮޑު ފަރަގެކެވެ. މި ސަރުކާރުން މިނިސްޓްރީތަކަށް އައްޔަން ކޮށްފައިވާ ކޯޑިނޭޓަރުންގެ މުސާރަ އުޅެނީ ވެސް 15،000-20،000ރ. އާ ދެމެދުގަ އެވެ. ސިވިލް ސާވިސްގައި މަސައްކަތް ކުރާތާ 20 އަހަރު ވެފައިވާ މުވައްޒަފުންނަށް، އެކި އެލަވަންސްތަކާއި އިތުރު ގަޑީގެ ފައިސާ އެއްކުރިޔަސް އެވަރު ނުޖެހޭނެ އެވެ.

އިމިގްރޭޝަނުން ބަޔަކަށް ޚިދުމަތް ދެނީ: ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރަން މިހާތަނަށް ކުރި އެއްވެސް މަޝްވަރާއަކުން ނަތީޖާއެއް ނުނެރެވޭ. --ފޮޓޯ: ނިޝާން އަލީ /މިހާރު

"ފުލުފުލުގައި ފިޔަވަޅު އަޅަން ޖެހޭނީ ސިވިލް ސާވަންޓުންގެ ހާލަތު ބަލާފައި. މުވައްޒަފުންގެ މުސާރަ ބޮޑު ނުކުރާތާ އެތައް ދުވަހެއް މިވަނީ. މި ޝަކުވާ އަޑު އަހާނެ ބަޔަކު ނެތް. ކޮންމެ ފަހަރަކު ވެސް ބަލަނީ ލިބޭ އެތިކޮޅު ވެސް ނުދީ ވޭތޯ،" މިނިސްޓްރީއެއްގައި މަސައްކަތް ކުރާ މުވައްޒަފަކު ބުންޏެވެ.

"ހަގީގަތަކީ މުސާރަ ބޮޑު ނުކުރަން ސަރުކާރަށް އެތައް އުޒުރެއް ދެއްކޭ. އެކަމަކު ފަތިފައްޗަށް ސިޔާސީ މަގާމްތައް އުފައްދައި ބޮޑެތި މުސާރަ ދޭނެ ފައިސާ ބަޖެޓުގައި ހުރޭ."

ސިވިލް ސާވަންޓުންގެ މުސާރަ ކުޑަކަމުން، އެ މީހުންނަށް ކޮންމެ އަހަރަކު ވެސް ބޯނަސްއެއް ދޭން 2014 ވަނަ އަހަރު ސަރުކާރުން ނިންމި އެވެ. ބޯނަސް ދޭން 2014 އިން ފެށިގެން ދައުލަތުގެ ބަޖެޓުގައި ހިމެނި ނަމަވެސް އެ ފައިސާ ދެވުނީ އެންމެ ފަހަރަކު އެވެ. އެ ފަހަރު ސިވިލް ސާވިސްގެ 13،000 މުވައްޒަފަކަށް ބޯނަސް ފައިސާކޮޅު ލިބުމަކީ އެ މީހުންނަށް ވަރަށް ބޮޑު ހިތްހަަމަޖެހުމެކެވެ. އެކަމަކު ބަޖެޓު ނެތިގެން އެކަން ވެސް ވަނީ ހުއްޓިފަ އެވެ.

ސިވިލް ސާވިސް އަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ސިވިލް ސާވަންޓުންގެ މުސާރަ އާއި އިނާޔަތްތައް ކުޑަވުން ކަމަށް ސިިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ވެސް ގަބޫލުކުރެ އެވެ. މި މައްސަލާގައި، ސަރުކާރާ ވާހަކަ ދައްކަމުން އަންނަ ކަމަށް ތަކުރާރުކޮށް ބުނި ނަމަވެސް މިހާތަނަށް ހައްލެއް ނުހޯދުނެވެ.

ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން މި ސަރުކާރުން ވެސް ދެއްކިހާ ހުވަފެންތައް ވީ "ބިލާހަކަށެ"ވެ. މުސާރަ ބޮޑުކުރުމުގެ މަޝްވަރާތައް ހާއްސަ ކަމެއްގެ ގޮތުގައި ސަރުކާރުން ފަށައި، ވަރަށް އަވަހަށް އުފާވެރި ހަބަރެއް ދޭނެ ކަމަށް މެއި، 2016 ގައި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އިއުލާން ކުރެއްވި އެވެ.

ސިވިލް ސާވިސްގެ އެކި މައްސަލަތައް ހައްލު ކުރުމާ ގުޅޭ ގޮތުން އުފައްދާފައިވާ ކޮމިޓީގެ ޗެއާއަކަށް ވެސް ހުންނެވި ޝައިނީ އޭރު ވިދާޅުވެފައި ވަނީ، ސިވިލް ސާވިސް މުވައްޒަފުންނަށް ރަނގަޅު ގޮތްތަކެއް ހޯދުމަށް ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތް ކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި ސަރުކާރުގެ އަމާޒަކީ ޕްރައިވެޓް ސެކްޓަރާ އެއްވަރަށް ނުވަތަ ގާތްކުރެވޭ ވަރަށް ސިވިލް ސާވިސްގެ މުސާރަތައް ވެސް ބޮޑުކުރުމެވެ. އެކަމަކު އޭގެ ފަހުން އަހަރަކަށް ވުރެ ގިނަ ދުވަސް ވިއިރު ވެސް އެ މަޝްވަރާތަކާއި ކުރި މަސައްކަތުން ނިކުތް ނަތީޖާއެއް ނެތެވެ.

މުސާރައާ ގުޅޭ ދިރާސާތަކަށް ޕޭ ކޮމިޝަނުން ވެސް ކުރިއަށް ގެންދިޔަ އެވެ. އެކި މިނިސްޓްރީތަކުގެ ހިއުމަން ރިސޯސަސް އޮޑިޓްތަކެއް ވެސް ހެދި އެވެ. މިއިން، އެއް ކަމަކުން ވެސް މުވައްޒަފުން ބޭނުންވާ މަގްސަދު ހާސިލެއް ނުވި އެވެ.

ކޮމިޝަނާ މެދު ހިތްހަމަނުޖެހުންތަކެއް!

ސިވިލް ސާވިސް މުވައްޒަފުންގެ ހައްގުގައި ކޮމިޝަނަށް ކުރެވުނީ ކޮން ކަމެއް ހެއްޔެވެ؟ ސަރުކާރުން މިހާރު އަޅަމުންދާ ފިޔަވަޅުތަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރާ އެންމެން ކުރާ ސުވާލަކީ މިއެވެ.

"ސިވިލް ސާވަންޓުންނަށް ދެރަ ގޮތެއް ހެދެން އޮތިއްޔާ އެގޮތެއް ވަރަށް އަވަހަށް ކޮމިޝަނުން އެކަމަކަށް އެއްބަސްވެ، އެކަން އެބަ ތަންފީޒުކުރޭ. ޒިންމާ އަދާކުރާތަނެއް ނުފެނޭ. ތި ކޮމިޝަނެއް ވުޖޫދަަށް އައި ފަހުން މުޅިން ވެސް ފެންނަނީ އެއިރެއްގައި އޮންނަ ސަރުކާރެއްގެ ޕަޕަޓެއްގެ ގޮތުގައި މަސައްކަތްކުރާ ތަން. ތިބޭފުޅުން ތި ކަން ކުރާ ގޮތުން ބެލެނިވެރިއެއްގެ މާނަ ވެސް އޮޅިއްޖެ،" ސޯޝަލް މީޑިއާގައި އެކަކު ލިއެފައިވެ އެވެ.

މުވައްޒަފުންގެ މުސާރައިގެ ކަންތައްތަކުގައި ސީއެސްސީ އަށް ހަގީގަތުގައި މިހާތަނަށް ކޮށްދެވުނު ކަމެއް ނެތެވެ. މުވައްޒަފުންގެ އެންމެ ބޮޑު ޝަކުވާ އަކީ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވަމުން އަންނަ އިރު މުސާރަ އާއި އިނާޔަތްތައް ކުޑަވުން ކަމަށް ވިޔަސް، ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގައި ލޮބީކޮށް، އެ ހައްގު ހޯދައި ދިނުމަށް ކުރާ މަސައްކަތެއް ވެސް ނުފެނެ އެވެ.

ސިވިލް ސާވިސް ހަރުދަނާކުރަން ފިޔަވަޅު އެޅުން މައްސަލައެއް ނެތެވެ. ރައްޔިތުންނަށް ދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރަން ވެސް ޖެހޭނެ އެވެ. އެކަމަކު މި ފިޔަވަޅުތައް އަޅަން ޖެހޭނީ، މުވައްޒަފުން ގަބޫލުކުރާ ގޮތުގައި، މުސާރަ ބޮޑުކޮށް، ދެން ހުރި މައްސަލަތައް ވެސް ހައްލުކޮށްދީފަ އެވެ. ފުރަތަމަ މުސާރަ ބޮޑުކުރާށެވެ. އޭގެ ފަހުން ހަރުދަނާ އުސޫލެއް އެކުލަވާލައި، ވަޒީފާ އަށް މަކަރު ހަދާ މުވައްޒަފުންގެ މުސާރަ އިން އުނިކުރެވޭނެ ގޮތްތަކެއް ހަދާށެވެ.

އޭގެ ބަދަލުގައި ސިވިލް ސާވިސް ހަރުދަނާކުރުމުގެ ނަމުގައިި ޖަހާ މަޅިތަކުގެ ޝިކާރައަކަށް ހުރިހާ މުވައްޒަފުން ހެދުމަކީ ބޭއިންސާފެކެވެ.

115 ކޮމެންޓް, 149 ރިއެކްޝަންސް

icon happy icon happy 9%
icon sad icon sad 15%
icon angry icon angry 75%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފާތުމަ

12 November 2017

ސިވިލް ސަރވިސް ކޮމިޝަނަކީ މިނިވަން މުއައްސަސާއެއްގެ ގޮތުގައި އޮވެ، މުވައްޒަފުންނަށް ބޮޑު މުސާރަ ދީގެންވެސް، ރަނގަޅު މަސައްކަތްތެރި އަދި ކިޔަވައިގެން ތިބި މުވައްޒަފުން ރީޓެއިން ނުކުރެވޭ މުއައްސަސާއެއް. އެންމެ ޓަރންއޯވަރ ހައިކަމަށް ދައްކާ އެއް މުއައްސަސާ. މީގެން އެނގޭ އެއްޗަކީ މުވައްޒަފުން ގެ އަގު މިނައި، ޚިދުމަތް ދެނެގަނެ، މުވައްޒަފުން ގެންގުޅެން ނޭނގޭ ބަޔަކާ މުޅި ދައުލަތުގެ ސިވިލް ސަރވަންޓުންގެ ކަންކަން ބެލެހެއްޓުމަށް ހަވާލުވުމުން ނިކުންނާނެ ނަތީޖާ މާ ރަނގަޅު ނުވާނެކަން.

The name is already taken The name is available. Register?

ަިަަިއިއްލިޔާސް

06 November 2017

ތިއައްވުރެ މާރަނގަޅު މަޖްލިސް މެމްބަރުން އަސާސީ ތައުލީމް ހާސިލު ކުރަން މުއްދަތެއް ދިނިއްޔާ!

The name is already taken The name is available. Register?

ބޫމް

06 November 2017

ސިވިލް ސާވެންޓުނެގެ ޢަދަދަކީ 23000 ތަ؟؟؟؟؟؟؟؟

The name is already taken The name is available. Register?

އަބްދުއްލާ

01 November 2017

މުސާރަ ބޮޑުކުރާނެ ކަމެއްނެތް . މުސާރަ ބޮޑުވާއިރަށް ތަކެތީގެ އަގު ބޮޑުވާނެ. ލިބޭ އެއްޗަކުން ދެކޮޅުޖައްސައިގެން އުޅެން ދަސްކުރަންވީއެއްނު . މިހާރުވެސް މުސާރަ ކުޑައެއް ނޫނަކަން އަހަރު ސްކޫލް ބަންދު ޗުއްޓީން އެގޭނެ. ކިތައްހާސް މީހުން އިންޑިޔާ ،ލަންކާ ، މެލޭސިޔާ އަށްދަނީ . މިާރުވެސް އެއާލައިންތަކުގެ ބުކިން ލިސްޓް ހޯދާލަބަލަ މުސާރަ ވާހަކަނުދައްކާ ގައުމު ތަރައްގީ ވޭތޯ ބަލަމާހިގާ.

The name is already taken The name is available. Register?

ފިރާގު

01 November 2017

ތިކަމެއް ނޭގެ... ފިއްލަދޫ ސިއްހީ މަރުކަޒުގަ މަސައްކަތް ކުރާ ދެތިން މުވައްޒަފަކު އަދަބު ތިބެނީ އިތުރު ގަޑި ޖަހާގެން އެތާ... މުސާރަ 6000ރ ލިބޭއިރު އިތުރުގަޑިއާ އެއްކޮން އެބަނަގާ 15000 ، 16000 ރުފިޔާ... ކަމެއް ނެތަސް ގޮސް މޮޅެތި އަނގަ ތަޅާލާފަ އތާ ކަންކާލާއިގެން ކައިގެން ނުކުމެ އެވެސް މިޖަހާލަނީ އިތުރު ގަޑީގެ ގޮތުގާ...

The name is already taken The name is available. Register?

ނުޖެހޭނެ

01 November 2017

ސިވިލް ސާރވިސްގަ މުވައްޒަފުންގެ އަދަދު މަދުކޮށްފަ ކޮލިޓީ މުވައްޒަފުން ބޭތިއްބީމަ ރަނގަޅު މުސާރަ ދެވޭނެ. އެއްވެސް ގައުމެއްގަ ޕްރައިވެޓް ސެކްޓަރ އިން ދޭވަރަކަށް ސަރުކާރުން މުސާރައެއް ނުދޭނެ. އެހެން ނޫނަސް ޕްރައިވްޓް ސެކްޓަރގަ ހަފްތާއަކު 6 ދުވަސް މަސައްކަތް ކުރޭ.. ހެނދުނު 8 އިން ހަވީރު 4 ނޫނީ 5 ކަށް.. އެކަމް ސިވިލްސާރވިސްގަ ހަފްތާއަކު 5 ދުވަސް.. އެވެސް މެނދުރު 2 ޖަހަންދެން.. އެހެންވީމަ ޕްރައިވެޓް ސެކްޓަރގަ ދޭވަރަށް ސިވިލްސަަރވިސްގަ ދޭކަށް ނުވެސް ޖޭހޭނެ.. ކުރާ މަސައްކަތާއި އެއްވަރަށް މުސާރަ ދޭންޖެހޭނީ.. އަހަރެން މީ ޔާމީނަށް ސަޕޯޓު ކުރާ މީހެެއްވެސް ނޫން.. އެކަމަކު ހަގީގަތް ވާނީ ހަގީގަތަށް

The name is already taken The name is available. Register?

ނޫނޭ

01 November 2017

ޓީޗަރުންނޯ

The name is already taken The name is available. Register?

މުޖޭ

31 October 2017

ދިވެހިރާއްޖެ އުފެދިފައިވަނީ ޤުދުރަތީގޮތުން ވަކި ވަކި ރަށްރަށް ގޮތައް ކަަމައްވެފައި ކޮންމެ ރަށެއްގައި ސްކޫލެ، ހެލްތްޕޯސްޓެއް/ހޮސްޕިޓަލެއް، ކައުންސިލް އިދާރާއެއް، ހުރުމަކީ ސަރުކާރަށް ބުރަބޮޑުވާކަމެއްގެ ގޮތުގައި ޒަމާނުއްސުރެ ފާހަގަކުރަމުން އާދެއެވެ. ލިބޭއެއްޗެއް ދެކޮޅު ނުޖެހެއެވެ. މިކަން ޤަބޫލު ކުރަން އެބަޖެހެއެވެ.އެހެންވީމާ މުވައްޒަފުން ކޮންޓްރޯލްކުރަން އެބަޖެހެއެވެ. އާޓެކޮނޮލޮޖީގެ އެހީގައި މަސައްކަތް "އީ-ވޯރކް ޓެކްނޮލޮޖީ" އަށް ބަދަަލުކުރަން ޖެހެއެވެ.

The name is already taken The name is available. Register?

ހަމީދު

31 October 2017

އާޓިކަލް.ވަރަށް ރަނގަޅުކަމަށް ފެންނަނީ. ސިވިލް ސަރވިސް އިން ކޮރަޕްޝަން މައްސަައެއްގައި ވަކިކުރި މީހާއަށްވެސް ވީ އެވަރު.ސިވިލް ސަރވިސްގެ ޑަބަލް މުސާރަ ލިބޭގޮތަށް ތ.އަތޮޅު ހިރިލަންދޫ ސިއްހީމަރުކަޒު ހިންގަން ހަވާލްކުރި ވާހަަ އޮތް ނޫހެއްގަ. މައްސަލަ އަކީ ހަމަ ސިވިްސަރވިސް. ޚަރަދު ބޮޑުވަނީވެސް ސިވިލް ސަރވިސްއާހެދި

The name is already taken The name is available. Register?

ދެވެއްސެއް

31 October 2017

ގައުމެއް ނުވަތަ މުއައްސަސާއެއްކަމުގައި ވިއަސް، އިންސާނީ ވަސީލަތކީ އެންމެ މުހިންމު އަދި އެންމެ އަގުހުރި ރައުސުލްމާލް. އެ ރައުސުލްމާލުގެ ބޭނުން ރަނގަޅުގޮތުގައި ކުރެވޭނީ ލީޑަރުންނަށް . އެކަށީގެންވާ އައުޓްޕުޓާއި އުފެއްދުންތެރިކަން ނެރުމަކީ އެއީ ހުނަރެއް. ދަނޑިބުރި ހިފައިގެން ދަނޑުގައި ކަންބަޅި ގެންގުޅޭ ގޮތަށް، ކަމުގެ އެއްވެސް ތަޖްރިބާއެއް ނެތް ތައުލީމެއްނެތް ކޯޑިނޭޓަރުންތަކަކަށް ނުވަތަ ޑެޕިއުޓީން ނުވަތަ ސްޓޭޓް މިނިސްޓަރުންނަށް އިންސާނީ ވަސީލަތުގެ ބޭނުން ހިފާކަށް ނޭގޭނެ! ސިވިލް ސާރވިސް ފަންކްޝަން ކުރުވަން ނޭގުމަކީ ނުވަތަ ސިވިލްސާރވިސްގެ އުފެއްދުންތެރިކަން ދައްވުމަކީ ސިވިލް ސާރވިސް މުވައްޒަފުންގެ މައްސަލައެއް ނޫން. އެއީ ވެރިކަން ހިންގަންތިބި މީހުންގެ ނާގާބިލުކަން!

The name is already taken The name is available. Register?

މަހުމޑުދު

31 October 2017

ސިވިލް ސާރިވިސް ކޮމިޝަނެކޭ މިގައުމުގެ ދެން ހުރި މިނިވަނޭ ކިޔާ މުއައްސަސާއެކޭ އެއްވެސް ތަފާތެއް ނެތް..އޮތްހާ ގޮތަކީ ސަރުކާރުގެ ނުފޫޒުގެ ދަށުގައި ރައީސް ކަނޑައަޅުއްވާފައި ތިބި މެންބަރުން ތާށިވެ މުސާރައާއި މަގާމަށް އެހެންމީހުންގެ ހައްގުގައި ވަކާލާތުނުކުރެވި ދަށުވެފައިތިބުން...ކޮމިޝަނުގެ މެންބަރުން ވެސް ބޭނުންވޭ ސިވިލްސާރވިސްގެ މުވައްޒަފުންނަށް ކަންކަން ކޮށްދޭން..އެކަމަކު މުވައްޒަފުންގެ ހައްގުގައި ބަސްނުބުނެ ބުނިހާއެއްޗަކަށް އާނބަސްބުނެ ނިކަމެތި މުވައްޒަފުން ފިއްތަމުންދާތީވެ ބުނަން މަޖުބޫރުވަނީ މިހެން މިކަމެއް ނުވާނޭ ދެން އިސްތިއުފާ ދޭށޭ ނުވަތަ ކެރިގެން ބަސްބުނާށޭ..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454