މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު 401 ސައިކަލު ވަގަށް ނަގައިގެން ރިޕޯޓުކުރި

މި އަހަރުގެ ފުރަަތަމަ ހަ މަސް ދުވަހު 401 ސައިކަލު ވަގަށް ނަގައިގެން ރިޕޯޓުކޮށްފައިވާ ފުލުހުން އާއްމުކުރި ތަފާސްހިސާބަކުން ދައްކައިފި އެވެ.


ފުލުހުންގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި މިދިޔަ ޖޫން މަހުގެ ނިޔަލަށް 401 ސައިކަލް ގެއްލިގެން ހުށަހެޅި އިރު އޭގެ ތެރެއިން ފެނިފައިވަނީ 264 ސައިކަލެވެ.

ފުލުހުން ބުނި ގޮތުގައި، ގެއްލިގެން ހުށަހެޅި ސައިކަލުތަކުގެ އަގު 21.7 މިލިއަން ރުފިޔާ އަށް އަރަ އެވެ.

ވަގަށް ނަގައިގެން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ވޭވް 125S ގެ ސައިކަލެވެ. އެ ބްރޭންޑުގެ 172 ސައިކަލު ގެއްލިގެން ހުށަހަޅާފައިވާއިރު ދެން އެންމެ ގިނައީ 125i ބްރޭންޑުގެ ސައިކަލެވެ. އޭގެ 30 ސައިކަލު ގެއްލިގެން ރިޕޯޓްކޮށްފައިވެ އެވެ.

ސައިކަލު ވަގަށް ނަގައިގެން ފުލުހުންނަށް ހުށަހަޅާ މައްސަލަތައް އިތުރުވަމުންދާތީ، އެކަން ހައްލުކުރަން ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓުން ހެދި ސާވޭއަކުން ދައްކާ ގޮތުން 38 ޕަސެންޓް މީހުން ސައިކަލް ގެންގުޅެނީ އިންސްޓޯލްމަންޓަށް ނަގައިގެންނެވެ. އޭގެ ތެރެއިން 90 ޕަސެންޓް މީހުންގެ ސައިކަލްގައި އެލާމް ސިސްޓަމް ހަރުކޮށްފައެއް ނެތެވެ. ސައިކަލު ޕާކުކޮށްފައިވަނީ ރައްކާތެރި ތަނެއްގައިތޯ އަދި ސައިކަލުގެ ޝަޓާ، ލޮކް ކުރޭތޯ ބެލިބެލުމުން 35 ޕަސެންޓް މީހުން އެކަންކަމަށް ސަމާލުކަން ދީފައިނުވާކަން ސާވޭ އިން ދައްކަ އެވެ.

"މިހެންކަމުން، ސައިކަލުގެ ރައްކާތެރިކަމަށް ދޭންވާ އަހައްމިއްޔަތުކަން ގިނަ ބަޔަކު ދީފައި ނުވާކަން ވެސް ފާހަގަ ކުރެވިފައިވެ އެވެ،" ފުލުހުންގެ ވެބްސައިޓުގައިވެ އެވެ.

ފުލުހުން ބުނީ ސައިކަލުގައި އެލާމް ސިސްޓަމް ހަރުކުރުމާއި ސީސީޓީވީ ކެމެރާ ހުންނަ ސަރަހައްދުތަކުގައި ޕާކްކުރަން ސަމާލުކަން ދިނުމަށާއި ސައިކަލު ފުލް ކަވަރޭޖު އިންޝުއަރެންސް ކުރުމަކީ މިހާރު ސަމާލުކަން ދިނުން މުހިއްމު ކަންކަމެވެ.