ނޫމަޑީގެ ބަދަލު: މުއިއްޒުގެ ދިފާއު މެމްބަރުން ގަބޫލެއް ނުކުރެއްވި!

ނޫމަޑިން ދައުލަތާ ދެކޮޅަށް އާބިޓްރޭޝަނަށް ހުށަހެޅި މައްސަލައިގައި ދައުލަތަށް ގެއްލުންވާ ގޮތަށް ބަޔާން ދެއްވާފައި ނުވާނެ ކަމުގެ ޔަގީންކަން ދެއްވައި ދިފާއުވެވަޑައިގަތުމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްކެވި ވާހަކަތައް ގަބޫލުކުރައްވަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ގިނަ މެމްބަރުން ދެކޮޅު ހައްދަވައިފި އެވެ.


އެއްބަސްވުން އުވައިލި މައްސަލައިގައި ނޫމަޑިން، ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ހުށަހެޅީ 155 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) އަދި އާބިޓްރޭޝަނާ ގުޅޭ އެހެން ޚަރަދުތައް ހޯދުމަށެވެ. ކޯޓުގައި މި މައްސަލަ ހިނގަނިކޮށް، ނޫމަޑިއާ ވާހަކަ ދައްކައި މި ސަރުކާރުން ވަނީ 55 މިލިއަން ޑޮލަރު (849،750،000ރ.) ބަދަލުގެ ގޮތުގައި ދޭން ނިންމައިފަ އެވެ. ކޯޓުން ބޭރުގައި ވެސް މިހާ ބޮޑު ބަދަލެއް ދޭން ޖެހުނު އެއް ސަބަބަކީ، ދައުލަތާ ދެކޮޅަށް އާބިޓްރޭޝަންގައި މުއިއްޒު ހެކިބަސް ދެއްވުން ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

މި ތުހުމަތާ ގުޅޭ ގޮތުން މުއިއްޒު ފުރަތަމަ ފަހަރަށް މިއަދު ވަނީ މާލިއްޔަތު ކޮމިޓީ އަށް ޖަވާބުދާރީވެވަޑައިގެންފަ އެވެ. އެކަމަކު، އެ ކޮމިޓީގައި މުއިއްޒުގެ ވާހަކަ ސަރުކާރަށް ތާއީދުކުރާ މެމްބަރުން ގަބޫލެއް ނުކުރެއްވި އެވެ. އޭނާއާ އެއްކޮޅަށް ކޮމިޓީގައި ވާހަކަ ދެއްކެވީ ފެލިދޫ ދާއިރާގެ މެމްބަރު ފަޒުލް ރަޝީދާއި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފެވެ. އެއީ މުއިއްޒާ ސިޔާސީ ގޮތުން އެއް ފިކުރުގެ ދެ ބޭފުޅުންނެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުން ނިމުނީ، މުއިއްޒު ކޮމިޓީގައި ވެސް ދޮގު ހެއްދެވި ކަމުގެ ތުހުމަތާ އެކު އެވެ. މަގާމުގެ ނުފޫޒު ބޭނުން ކުރެއްވި ކަމަށާއި ކޮމިޓީގައި ދޮގު ހެއްދެވި ކަމަށް ތުހުމަތުކޮށް، އެ މައްސަލަ ބަލަން ދެ މެމްބަރަކު ހުށަހެޅުއްވި އެވެ. އެކަމަކު އެ ދެ ހުށަހެޅުއްވުމާ މެދު ކޮމިޓީން މިއަދު ގޮތެއް ނުނިންމަ އެވެ.

މުއިއްޒު ދޮގު ހެއްދެވި ކަމަށް މެމްބަރުން ތުހުމަތު ކުރެއްވީ، އާބިޓްރޭޝަނަށް އޭނާގެ ފަރާތުން ބަޔާން ހުށަހެޅުއްވީ ކޮން ބޭފުޅެއް ކަން އެނގިވަޑައިނުގަންނަވާ ކަަމަށް ވިދާޅުވުމުންނެވެ. ކާކު ކަން ނޭނގޭ މީހަކު ލައްވައި އާބިޓްރޭޝަނަށް މުއިއްޒު ބަޔާން ދެއްވީތޯ ވިދާޅުވެ އެންމެ ބޮޑަށް ސުވާލު އުފެއްދެވީ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ. ފުރަތަމަ ދިން ބަޔާނުގައި ހުރި އޮޅުންތަކެއް ސާފުކޮށް ފަހުން ވެސް އާބިޓްރޭޝަނަށް ބަޔާން ދެއްވި ކަމަށް މުއިއްޒު ވިދާޅުވާ އިރު، އެ ބަޔާން ހުށަހެޅުއްވީ ކޮން ބޭފުޅަކު ކަން އެނގިވަޑައިނުގަންނަވާ ކަމަށް މުއިއްޒު ވިދާޅުވުމަކީ ކޮމިޓީ އަށް ދޮގު މައުލޫމާތު ދެއްވުން ކަމަށް އިލްޔާސް ވިދާޅުވި އެވެ.

މަޖިލީހުގެ ކޮމިޓީގައި މުއިއްޒު ޖަވާބު ދެއްވަނީ. --ފޮޓޯ/މަޖިލީސް

މުއިއްޒާއި އިދިކޮޅު ޕީޕީއެމްގެ މެމްބަރުން ތުހުމަތު ކުރެއްވި ގޮތުގައި، ކުޑަ ބަދަލަކުން ނިމެން އޮތް މައްސަލައެއްގައި ދައުލަތުން ބޮޑު ބަދަލެއް ނޫމަޑި އަށް ދިނީ ބޮޑު ރޭވުމެއްގެ ތެރެއިންނެވެ. ނޫން ނަމަ، އާބިޓްރޭޝަނުން މައްސަލަ ނިމޭއިރު 155 މިލިއަން ޑޮލަރު ނޫމަޑި އަށް ލިބޭނެ ކަމުގެ ޔަގީންކަން އޮއްވައި އޭގެ އެތައް ގުނައެއް ކުޑަކޮށް 55 މިލިއަން ޑޮލަރަށް އެ ކުންފުނިން އެއްބަސް ނުވާނެ ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ.

ދައުލަތަށް ގެއްލުންވާ ގޮތަށް ބަޔާނެއް ނުދެން: މުއިއްޒު

މުއިއްޒުގެ ވާހަކަ ފެއްޓެވީ ކޮމިޓީގެ މެމްބަރުން އެންމެ ފުރަތަމަ ކަމަކަށް، ރައީސް އޮފީހުން ނޫމަޑިއާ އެކު ވީ ސެޓްލްމަންޓް އެގްރީމެންޓް ބެއްލެވުމަށް އެދިވަޑައިގެންނެވެ. އެ އެއްބަސްވުމަށް ދާން ޖެހުނު ސަބަބު ތަފްސީލްކޮށް އޭގައި އޮންނާނެ ކަަމަށް މުއިއްޒު ވިދާޅުވި އެވެ.

ދައުލަތުން ބޮޑު ބަދަލެއް ދައްކަން ޖެހުނީ އޭނާގެ ސަބަބުން ކަަމަށް ތުހުމަތު ކުރާއިރު، އޭގެ އެއްވެސް ހިސާބެއްގައި އޭނާގެ ނަމެއް ނޯންނާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. ކޮމިޓީގެ މެމްބަރުންގެ އިޚްލާސްތެރިކަމެއް ހުރި ނަމަ އެކަން ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.

ނޫމަޑިއާ އެކު ފުރަތަމަ ވީ އެއްބަސްވުން ބާތިލްކުރީ ސަރުކާރުންނެވެ. ދެ ވަނަ އެއްބަސްވުން ބާތިލްކުރީ އެ ކުންފުނިންނެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ނޫމަޑިއާ ގުޅުވައި އޭނާ އަށް ކުރާ ތުހުމަތުތަކުގައި އެއްވެސް ހަގީގަތެއް ނެތެވެ. ދައުލަތުން އެހާ ބޮޑު ބަދަލެއް ނޫމަޑި އަށް ދޭކަށް ނުޖެހޭނެ ކަމަށް ތަކުރާރުކޮށް މުއިއްޒު ވިދާޅުވި އެވެ.

ސަރުކާރުން ދޭން ޖެހޭނެ ބަދަލެއް އޮތިއްޔާ، ވަރަށް ކުޑަ އަދަދަކުން ނިންމާލެވޭ ހިސާބުގައި އާބިޓްރޭޝަންގައި ވެސް މައްސަލަ އޮތީ.

މިހެން އޮއްވައި، ބޮޑު ބަދަލެއް ނިންމީ މި ސަރުކާރު ވެރިކަމާ ހަވާލުވެ ބަދަލު ދިނުމުގެ ކަންކަން ވަކި އަމާޒަކަށް ގެންދަން މިސްރާބު ޖަހައިގެން ކަމުގެ ތުހުމަތު މުއިއްޒު ކުރެއްވި އެވެ.

އާބިޓްރޭޝަނުން ނިންމި ނަމަ މި މައްސަލަ ސަރުކާރަށް ކާމިޔާބުވާނެ. ވަރަށް ކުޑަ ބަދަލަކުން ނިންމޭނެ.

މުއިއްޒު ވިދާޅުވީ ޔާމީންގެ ސަރުކާރުގައި އާބިޓްރޭޝަނަށް ނުދީ ހުރި ބަޔާންތަކެއް މި އަހަރުގެ އެޕްރީލް ނުވަތަ މެއި މަހުގެ ތެރޭގައި މި ސަރުކާރުން ދީފައިވާ ކަމަށެވެ. ނޫމަޑިން ނުރުހުންވި އެއް ސަބަބަކީ ފޭސް ދޭއް ގައި ހަވާލުކުރި ދިއްފުށިމާދޫ އަތުލުމެވެ. އެ ރަށަށް އަތުލީ ސަރުކާރުގެ ބޭނުމަކަށް ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މި ސަރުކާރުން ދިން ބަޔާނުގައި، އެ ރަށް ނެގީ އެހެން އިންވެސްޓަރަކަށް ދޭން ކަމަށް ބުނެފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ. މުޅި ކޭސް ދިވެހި ސަރުކާރަށް ގެއްލެނީ އެ ހިސާބުން ކަމަށް މުއިއްޒު ވިދާޅުވެ އެވެ. އެއްބަސްވުމާ ޚިލާފުވެވުނީ އެ ހިސާބުން ކަމަށާއި އެކަން ސާބިތުކުރަން މި ސަރުކާރުން ލިޔެކިޔުން ހުށަހަޅާފައިވާ ކަމުގެ ތުހުމަތު ވެސް މުއިއްޒު ކުރެއްވި އެވެ.

ދިއްފުށިމާދޫ އަތުލި ސަބަބެއްގެ ގޮތުގައި މި ސަރުކާރުން ބުނެފައި އޮތީ، ރިސޯޓެއް ތަރައްގީކުރަން އެހެން އިންވެސްޓަރަކާ ހަވާލުކުރުމެވެ.

"މި ދެންނެވި ރަށް ނެގިގެން ދިޔައީ ކޮންމެވެސް އެހެން ގައުމެއްގެ އިންވެސްޓަރަކަށް ދޭންވެގެންނޭ، އެކަން ކުރި މީހަކީ އަޅުގަނޑު ކަމަށް އޮތީ ބަޔާން ދީފައި. މިއީ ކަނޑައެޅިގެން ބޮޑު ދޮގަކަށް ވާތީ، މިކަން ލޫސްވެގެން ދާއިރު ޒިންމާ ނަގަން ޖެހޭ މީހަކީ އަޅުގަނޑު ކަަމަށް ބުނެ ދޮގެއް ހަދައިފައި އޮތުމުން މިކަން ސާފުކޮށްދޭން އަޅުގަނޑު ބަޔާން ދިނީ،" މުއިއްޒު ވިދާޅުވި އެވެ.

ބަދަލުދިނުމާ ގުޅޭ ގޮތުން މުއިއްޒު ވަނީ މި ސަރުކާރަށް ވެސް ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ސަރުކާރުގެ ފަރާތުން ވެލުއޭޝަން ހަދާފައި އޮތް ނަމަވެސް ސެޓްލްމަންޓް ކޮމިޓީން ބުރަވެ ދީލާލީ ނޫމަޑި ކޮޅަށެވެ. މިއީ ވަކި ނިޔަތެއް އޮވެގެން، ނޫމަޑި އަށް ފައިދާ ހޯދަން ކޮށްފައި އޮތް ކަމެއްގެ ތުހުމަތު މުއިއްޒު ކުރެއްވި އެވެ.

މުއިއްޒު ވިދާޅުވީ ނޫމަޑި އަށް ދައްޕަރު ވެސް އަދި ދިއްފުށިމާދޫ ވެސް 50 އަހަރަށް ކުއްޔަށް ދީފައި އޮތީ ދައުލަތަށް އެއްވެސް އެއްޗެއް ނުލިބޭ ގޮތަށް ކަމަށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ސިޔާސަތަކީ މި ރަށްތަކުން ދައުލަތަށް ފައިދާ ލިބޭނެ ގޮތް ހެދުން ކަމަށް އޭނާ ވިދާޅުވި އެވެ.

މުއިއްޒަށް މެމްބަރުންގެ ގިނަ ސުވާލުތަކެއް!

ވިލުފުށި ދާއިރާގެ މެމްބަރު އަފީފްގެ ސުވާލުތައް ފެއްޓެވީ، އާބިޓްރޭޝަނަށް ހުށަހެޅި މައްސަލައިގައި މުއިއްޒުގެ ދައުރާ ގުޅޭ ގޮތުންނެވެ.

ތަފްސީލްކޮށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވި ގޮތުގައި، ހައުސިން މަޝްރޫއުތަކުގެ ދެ ވަނަ ފިޔަވަހި ނޫމަޑިން ކުރިއަށް ގެންދިޔައީ ދިއްފުށިމާދޫ ބޭނުންވެގެންނެވެ. އެ ރަށުގެ ބަދަލުގައި އެހެން އެއްވެސް ރަށަކަށް ނޫމަޑިން އެއްބަސްނުވީ އެވެ.

ނޫމަޑިން އާބިޓްރޭޝަނަށް ދިޔައީ ވެސް، މުއިއްޒު ވިދާޅުވި ގޮތުގައި، އެ ރަށް ދައުލަތުން ނުދިނުމުންނެވެ.

އޭނާ ވިދާޅުވީ އާބިޓްރޭޝަންގައި އޮތް މައްސަލައިގައި އޭރު ދައުލަތުން ބޭނުންވި ހުރިހާ އެހީތެރިކަމެއް ހައުސިން މިނިސްޓްރީން ވާނީ ފޯރުކޮށްދީފައި ކަމަށެވެ. އެކަމަކު އަމަލީ ގޮތުން އެއްވެސް ކަމެއްގައި އޭނާ ބައިވެރިވެވަޑައިގެންފައި ނޯންނާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސެއިން ވަހީދު ސުވާލު ކުރެއްވީ ނޫމަޑި އެއްބަސްވުން ބާތިލްކުރީ ގޯސްކޮށް ކަމަށް މުއިއްޒު ވިދާޅުވެ ދައުލަތަށް ގެއްލުންވާ ގޮތަށް އާބިޓްރޭޝަނަށް ބަޔާން ދެއްވި ސަބަބު އޮޅުންފިލުވުމަށެވެ.

"އަޅުގަނޑު ދިން ބަޔާނުގައި އެއްވެސް ވަރަކަށް ނޯންނާނެ ދައުލަތަށް ގެއްލުވާ ގޮތަށް ވާހަކަ ދައްކާފައި. އަޅުގަނޑު ވާހަކަ ދެއްކީ ހަގީގަތާ އެއްގޮތަށް ތެދު ބަހުން. އެކަން ލިޔެކިޔުންތަކުން ސާބިތުކުރެވެން ހުންނާނެ،" މުއިއްޒު ވިދާޅުވި އެވެ.

ފަރެސްމާތޮޑާ މެމްބަރު ހުސެއިން މުހައްމަދަށް ލިބިވަޑައިގަތް ފުރުސަތުގައި، މުއިއްޒު ހާޒިރުކޮށް ކޮމިޓީ ކުރިއަށް ގެންދާ ގޮތުން ހިތްހަމަނުޖެހުންފާޅުކުރެއްވި އެވެ. ހުސެއިން ވިދާޅުވީ ނޫމަޑި މައްސަލައިގައި މުއިއްޒަށް ތުހުމަތުތަކެއް ކުރަނީ ސިޔާސީ ގޮތުން ކަމަށެވެ.

ނޫމަޑި މައްސަލަ ކޮމިޓީން ބަލަމުން ދިޔަ ނަމަވެސް މިއަދާ ހަމައަށް ވެސް ސެޓްލްމަންޓް ކޮމިޓީގެ އެއްބަސްވުމެއް މެމްބަރުންނަށް ނުފެންނަ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ނޫމަޑި މައްސަލައާ ގުޅޭ ގޮތުން މެމްބަރުން ކޮމިޓީގައި ކުރައްވާނެ ސުވާލުތައް ވެސް ތައްޔާރުކޮށްދެއްވީ އެޓާނީ ޖެނެރަލް އޮފީހުގެ އިސް ބޭފުޅެކެވެ. އެކަމަކު މި ތުހުމަތު ކޮމިޓީގެ މުގައްރިރު މުހައްމަދު ނާޝިޒް ދޮގު ކުރެއްވި އެވެ.

އޭނާ ވިދާޅުވީ ނޫމަޑި މައްސަލަ ކޮމިޓީން ބަލަނީ ވަކި ފަރާތަކަށް ކަމެއް ރައްދުކުރަން ނޫން ކަމަށެވެ. މިހާތަނަށް ވެސް އެގޮތަށް މަސައްކަތްތަކެއް ކޮމިޓީން ކޮށްފައި ނުވާ ކަމަށް ވިދާޅުވި އެވެ.

އާބިޓްރޭޝަންގައި މުއިއްޒު ބަޔާން ދެއްވީ ސަރުކާރުގެ ހައިސިއްޔަތުންތޯ ނުވަތަ ނޫމަޑި ތަމްސީލް ކުރައްވާ ބޭފުޅެއްގެ ހައިސިއްޔަތުންތޯ އިލްޔާސް ލަބީބް ސުވާލު ކުރެއްވި އެވެ.

ޖަވާބުގައި، މުއިއްޒު ވިދާޅުވީ "ބަޔާން ދެއްވީ އަމިއްލަ ދިފާއުގައި" ކަމަށެވެ. އޭނާއާ ދެކޮޅަށް، ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ހުރުން ގަބޫލެއް ނުކުރެއްވުނީ ކަމަށް ވިދާޅުވި އެވެ. އޭގެ ފަހުން އެއްސެވީ، އާބިޓްރޭޝަނަށް ޖަވާބު ފޮނުއްވުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރީ ކޮން ބޭފުޅެއްތޯ އެވެ. އެ ސުވާލު ކުރެއްވި ސަބަބަކީ މުއިއްޒު އަމިއްލަ އަށް އާބިޓްރޭޝަނަށް މައްސަލަ ހުށަނޭޅުއްވޭނެތީ ކަމަށް އިލްޔާސް ވިދާޅުވި އެވެ.

އެ ބޭފުޅެއްގެ ނަން މުއިއްޒު ވިދާޅެއް ނުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އާބިޓްރޭޝަނަށް ބަޔާން ހުށަހެޅީ ކާކު ކަމެއް އެނގިވަޑައެއް ނުގަންނަވަ އެވެ.