ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޝާހް، ޝަރީއަތުގެ މަޖިލީހެއްގައި ވާހަކަ ދައްކަވަނީ.
05 ނޮވެމްބަރ 2019 - 14:23
ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހުކުމް އިއްވުމުގެ ޝަރީއަތް މިއަދަށް ތާވަލް ކޮށްފައި ވަނިކޮށް، އެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް ސަސްޕެންޑް ކުރުމަކީ ޝަރުއީ ދާއިރާ އަށް އެޅި "ބޮމެއް" ގެ ގޮތުގައި ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ، އަލީ ޝާހް މިއަދު ސިފަކުރައްވައިފި އެވެ.
ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ހުކުމް އިއްވުން ތާވަލް ކޮށްފައި އޮތީ މިއަދު މެންދުރު 1:00 އަށެވެ. އޭގެ ހަތަރު ގަޑިއެއްހާއިރު ކުރިން، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ބައްދަލުވުމެއް ބާއްވައި ހައިލަމް ވަނީ ސަސްޕެންޑް ކޮށްފަ އެވެ. އެއީ، ނަސްރުގެ ދުވަހުގެ ތަހުނިޔާ ފޮނުއްވަން ވައިބަ ގްރޫޕަކަށް އޭނާ ޝެއާކުރެއްވި ކުރެހުމެއްގެ މައްސަލައިގަ އެވެ.
"އެ އިއްޒަތާ ގަދަރު ފޭރިގެންފިއެ" ލިއެފައިވާ ކުރެހުމުން ފެންނަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހައި ގަންހިންގުވާ މަންޒަރެވެ. އެއީ، ކޮން ބައެއްކަން އެނގިވަޑައިގެން ފޮނުއްވި ކުރެހުމެއް ނޫން ކަމަށް ވިދާޅުވެ ހައިލަމް ވަނީ މާފަށް ވެސް ރޭ އެދިވަޑައިގަތެވެ.
އެކަމަކު ޖޭއެސްސީން ނިންމީ ހައިލަމް ސަސްޕެންޑް ކުރުމަށެވެ.
ޝާހް ވިދާޅުވީ، ހުކުމާ ދިމާކޮށް ފިޔަވަޅުތަކެއް އެޅިއިރު، ޔާމީންގެ ޝަރީއަތުގެ އަޑުއެހުން ކެންސަލް ކުރެއްވި ކަމެއް ވެސް ވަކީލުންނަށް ކްރިމިނަލް ކޯޓަކުން ނާންގާ ކަމަށެވެ. މައްސަލަ ބައްލަވާ ފަނޑިޔާރު ޖޭއެސްސީ އަށް ހާޒިރުވާން އަންގައި، ފަހުން ސަސްޕެންޑް ކުރެއްވި ކަން ވެސް އެނގިވަޑައިގަތީ މީޑިއާ އިން ކަމަށް ޝާހް ވިދާޅުވި އެވެ.
ހުކުމް އޮންނަ ދުވަހާ ދިމާކޮށް، ހައިލަމްގެ މައްސަލަ ޖޭއެސްސީން ބަލަން ފެށުމުން ޔާމީންގެ ވަކީލުން ކަންބޮޑުވުން ފާޅުކުރެއްވި އެވެ. ހުކުމް އޮންނަ ދުވަހާ ދިމާކޮށް ފަނޑިޔާރު ހާޒިރުކޮށް، ތަހުގީގު ހިންގާނީ ވަކި ގޮތަކަށް ފިޔަވަޅު އަޅަން ނުވަތަ ވަކި ނަތީޖާއެއް ނެރެން ކަމަށް ގަބޫލުކުރުމުގެ ޖާގަ އޮތް ކަމަށް ޝާހް ވިދާޅުވި އެވެ.
"ޖޭއެސްސީން ކޮށްގެން ނުވާނެ ވަރުގެ ކަމެއް [ހުކުމާ ދިމާކޮށް ހައިލަމް އަށް ފިޔަވަޅު އެޅުން] އެއީ،" ޝާހް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޝަރީއަތުގައި ޔާމީންގެ މައްޗަށް ދައުވާ ސާބިތު ކުރެވޭނެ ވަރުގެ ހެކި ނެތް ކަމަށް ވަކީލުން ގެންދެވީ ވިދާޅުވަމުންނެވެ. އެއާ އެކު، ހުކުމެއް އިއްވި ނަމަވެސް ހައި ކޯޓުގައި އިސްތިއުނާފްކުރަން ވަކީލުން ތިބީ ތައްޔާރަށް ކަމަށް ވިދާޅުވި އެވެ.
ޝާހް ވިދާޅުވީ ޖޭއެސްސީން އަމަލުކުރީ، ކުރިއަށް އޮތް ތަނުގައިވެސް އަދުލުއިންސާފަށް މަގުފަހި ނުވާ ފަދަ ގޮތަށް ކަމަށެވެ.
ފަނޑިޔާރުންގެ ޝަރަފާއި އިއްޒަތް ދަމަހައްޓަން ތިބޭ ބަޔަކީ ޖޭއެސްސީ ކަން ފާހަގަކޮށް، ޝާހް ވިދާޅުވީ މިނިވަން ޖައްވެއްގައި ފަނޑިޔާރުންނަށް މަސައްކަތް ކުރެވޭނެ މާހައުލެއް ފަހިކޮށްދިނުމަކީ އެ ކޮމިޝަނުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. އެކަމަކު، އުސޫލުން ބޭރުން، އިޖުރާއަތުތައް ފުރިހަމަނުކޮށް މެޖިސްޓްރޭޓުންނާ މެދު ފިޔަވަޅު އަޅަމުންދާތަން ފެންނަ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
ފަނޑިޔާރަކު ޖޭއެސްސީ އަށް ހާޒިރުކުރަން ޖެހޭ ގޮތާއި ޖަވާބުދާރީވާން ފުރުސަތު ދޭން ޖެހޭ އިޖުރާއަތުތައް ވެސް ބަޔާންކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޔާމީންގެ މައްޗަށް ދައުލަތުން މަނީ ލޯންޑްރިންގެ ދައުވާކުރަނީ އެމަނިކުފާނުގެ ނަމުގައި އޮތް އެކައުންޓަކަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ ފައިސާ ދައުރުކުރި ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފް ކުންފުނިން އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގަ އެވެ.
އެ ފައިސާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހަދާ އެސްކްރޯ އެކައުންޓެއްގައި ބަހައްޓަން އެއްބަސްވެ ވަޑައިގަތުމަށް ފަހު، އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކޮށް އަދި އެސްއޯއެފުން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް އެ ފައިސާގެ އަސްލު އޮޅުވާލީ ކަމަށް އެ ދައުވާގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަބްދުﷲނާފިޒް
05 November 2019
މިލިއުމުގެ ފަހު ދެ ޕެރަގްރާފް ކިޔާލީމަވެސް، ޝާހު ތިބުނާގޮތަށް ޔާމީނުގެ މައްޗަށް ކުށްސާބިތު ނުވާކަން ވަރަށް ރަނގަޅަށް ސާފުވޭ، ދެން އެހެންވީމަ ކޮންމެހެން ހައިލަމު ނޫނަސް ދެން އަންނަ މީހަކުވެސް ހުކުމްކުރާނީ ޔާމީނުގެ މައްޗަށް ކުރާ ދަޢުވާގަ ކުށް ސާބިތު ނުވާކަމަށް ނޫންބާ!، ކޮންކަމަކާ މާހާސްވެގެން ތިއުޅެނީ......
އަނދިރި އަނދިރި
05 November 2019
އެއްކަލަ މައުމޫން ވިދާޅުވި އެޓަމް ބޮން ގެ ވާހަކަ ދޯ ؟
1234
05 November 2019
ރަގަޅީނު ހުކުމްކުރުން ލަސްވީމާ ؟
ޕީޓާ
05 November 2019
ޜައިސް ނަޝީދުގެ ޝަރީއަތަށް ކޯޓް ބެންޗް ބަދަލުކުރިއްޔޯ؟
ކަކުނިބޯ
05 November 2019
ފުރާޅުންޓުނުނަގައިގެން އެޅިނިޔުކުލިޔާބޮން އެޅިއިރު ތިޔަބޭފުޅާ އުފަންވެފަތޯހުރީ
އަލީ!
05 November 2019
ސުރުހީ ރަގަޅުކޮށްލަންވީ މިގޮތަށް > ހުކުމާ ދިމާކޮށް ފަނޑިޔާރަކު ސުލޫކުން ބެރުވެއްޖެ.
ޤާނޫނުއަސާސީ
05 November 2019
ފަނޑިޔާރުންގެ ޝަރަފާއި އިއްޒަތް ދަމަހައްޓަން ތިބި ބަޔަކީ ޖޭއެސްސީ. މިނިވަން ޖައްވެއްގައި ފަނޑިޔާރުންނަށް މަސައްކަތް ކުރެވޭނެ މާހައުލެއް ފަހިކޮށްދިނުމަކީ އެކޮމިޝަނުން ކޮށްދޭންޖެހޭ ކަމެއް.އެކަމު މިހާރު ފެންނަނީ ފަނޑިޔާރުން ޖޭއެސްސީއިން ބޭނުން ގޮތަކަށް އަމަލުކުރުމަށް މަޖްބޫރުކުރުވަމުންދާ މަންޒަރު.
އިބިރިހިންބެއްޔާ
05 November 2019
އިރުއިރުކޮޅާ އެމްޑީޕީގެ 65 މެމްބަރުންގެ ވާހަކަ ދައްކަވާއިރު، އެމެމްބަރުން ހޮވުނީ ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކިހާވަރަކަށް ކެމްޕޭނުކޮއްގެންކަން ހަދުމަފުޅު އެބަހުރިތޯ؟ ހަމައެކަނި އައްޑޫފެއުދޫ މެމްބަރުގެ ކެމްޕޭނަށްވެސް ރައީސުލްޖުމްހޫރިއްޔާ 2 ދަތުރު ކުރެއްވި. ދިވެހި ރައްޔިތުން މެމްބަރުން ހޮވާދިނީ ސާލިހުގެ ސަރުކާރަށް. ހެޔޮވެރިކަމަކަށް އެހީތެރިވެދޭން. އެމްޑީޕީއަކަށް ނޫން. އަދި މަސްލަހަތު ނަގާލާކަށެއްވެސް ނޫން.
ލަދުކުޑޭ
05 November 2019
ހިތުން ތިޔަ ތިބީ ހުކުމް ގަނެގެންދޯ؟
ތުއްތުނާ
05 November 2019
މިއީ ހައިލަމް އަމިއްލައަށް ގަސްތުގައި ކޮށްފައިވާ ކަމެއް...... އެއީ ޝައްކެއްވެސް އޮތްކަމެއްނޫން........ ސުވާލަކީ ހައިލަމް އަށް ވަކިގޮތަކަށް ޙުކުމް ކުރަން ކޮންމެވެސް ބަޔަކު ބިރު ދެއްކީބާ ނޫނީ ވަކިގޮތަކަށް ޙުކުމް ކުރަން މަޖްބޫރު ވެފައިވާތީ އަމިއްލަ ސަލާމަތަށްޓަކައި މިކަމުން ސަލާމަތްވުމަށް ހައިލަމް ކޮށްފައިވާ ކަމެއްބާ ؟.....
ޙަލީމާ
06 November 2019
ނޫނީ އެދައުވާ ޔާމީނުގެ މައްޗައް ސާބިތު ކުރެވޭވަރައް ހެކި ނެތިގެން ހުކުމުން ބަރީއަ ވާތީ، މިދައުލަތުން ކުރިކަމެއްނޫންބާ؟ މިވެސް ހަމަ ވެދާނެ ކަމެއް ހަމަ. ކެންޕޭނު ގަ ބުނި އެގޮތައް ކުރެވެން ނެތުމުން ކޮއްލި ކަމަކައް ވުންވެސް އެކަށީގެން ވޭ.