ނޫސްވެރިންގެ ތަމްރީނު ވޯކްޝޮޕެއް ފަށައިފި

މީޑިއާތަކުގައި މަސައްކަތް ކުރާ ޒުވާން ނޫސްވެރިންނަށް އަމާޒުކޮށްގެން އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓް (އައިއެފްޖޭ) އިން ވޯކްޝޮޕެއް މިއަދު ފަށައިފި އެވެ.


އައިއެފްޖޭ އާއި މީޑީއާ ޑިވެލޮޕްމަންޓް ފައުންޑޭޝަން އޮފް މޯލްޑިވްސް (އެމްޑީއެފްއެމް) ގުޅިގެން ޗަމްޕާ ސެންޓްރަލް ހޮޓަލްގައި ބާއްވާ ތަމްރީން ވޯކްޝޮޕްގައި ނޫސްވެރިންނަށް ދިމާވެފައި ހުރި ގޮންޖެހުންތަކާއި ނޫސްވެރިން ކުރިއެރުވުމަށް ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރާނެ އެވެ.

ޗަމްޕާ ސެންޓްރަލް ހޮޓަލްގައި މިއަދު ވޯކްޝޮޕް ކުރިއަށް ދަނީ: ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މި ތަމްރީން ޕްރޮގްރާމްގައި ނޫސްވެރިންނަށް ހުރި ހައްގުތަކަކީ ކޮބައިކަން އަންގައިދޭނެ. - ފޮޓޯ: ނިޝާން އަލީ/ މިހާރު

އެމްޑީއެފްއެމްގެ ޗެއާމަން އަދި ސަން އޮންލައިންގެ ޗީފް އެޑިޓަރު އަހުމަދު ޒާހިރު (ހިރިގާ) ވިދާޅުވި ގޮތުގައި މި ޕްރޮގްރާމްގެ އެންމެ ބޮޑު މަގްސަދަކީ ނޫސްވެރިންނަށް ހުރި ހައްގުތަކަކީ ކޮބައިކަން އަންގައިދިނުމެވެ.

"ގިނަ ފަހަރު ނޫސްވެރިންނަށް ނޭނގޭ އެ މީހުންނަށް ހުރި މަސްއޫލިއްޔަތުތަކަކީ ކޮބައި ކަމެއް. އެހެންވީމަ އެ ބައިތަކަށް ވެސް މި ޕްރޮގްރާމްގައި ވަރަށް ބޮޑަށް ސަމާލުކަން ދޭނެ،" އޭނާ ވިދާޅުވި އެވެ.

ތަމްރީން ޕްރޮގްރާމްގައި ނޫސްވެރިންތަކެއް ބައިވެރިވަނީ. މިއީ ދެ ދުވަހުގެ މުއްދަތަކަށް ބާއްވާ ތަމްރީން ޕްރޮގްރާމެއް. - ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭނާ ވިދާޅުވީ ނޫސްވެރިން އެ މީހުންގެ ހައްގު ހޯދުމަށް އަޑު އުފުލުމުގެ މުހިންމުކަމާއި ނޫސްވެރިން ފަހަތަށް ނުޖެހި ބަސް ބުނުމުގެ މުހިންމުކަން އަންގައިދޭނެ ކަމަށެވެ.

ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ ވޯކްޝޮޕްގައި ނޫސްވެރިންނަށް މައުލޫމާތު ދެނީ އޭޝިއާގެ ތަޖުރިބާކާރު ނޫސްވެރިއެއް ކަމަށް އެމްޑީއެފުން ބުންޏެވެ. މި ޕްރޮގްރާމްގައި ރާއްޖޭގެ އެކި މީޑިއާތަކުގައި މަސައްކަތް ކުރާ ދިހަވަރަކަށް ނޫސްވެރިން ބައިވެރިވެ އެވެ.