އުމްރާގެ ވިސާ ފީ ސައުދީން ބޮޑެއް ނުކުރޭ: އިސްލާމިކް މިނިސްޓްރީ

ސައުދީ އަރަބިއްޔާ އިން އުމްރާގެ އެއްވެސް ފީއެއް ބޮޑުނުކުރާ ކަމަށް ރާއްޖޭގައި ހުންނަ އެ ގައުމުގެ އެމްބަސީއާ ހަވާލާދީ އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.


އުމްރާގެ އެއްވެސް ފީއެއް ބޮޑުނުވާ ކަމުގެ ޔަގީންކަން އިސްލާމިކް މިނިސްޓްރީން މި ދިނީ، ސައުދީ އަރަބިއްޔާ އިން އުމްރާގެ އުސޫލްތަކަށް ގެނައި ބަދަލުތަކަކާ ގުޅިގެން ވިސާ އާއި އެ ނޫން ފީތަކެއް ބޮޑުވެ، އުމްރާގެ އަޅުކަމަށް ނަގާ އަގު ބޮޑުވެދާނެ ކަމަށް، ރާއްޖޭގެ އެޖެންޓެއް ކަމަށްވާ ސީޕްރީއާ އިން ކުންފުނިތަކަށް އަންގާފައި ވަނިކޮށެވެ.

އެ ކުންފުންޏަށް ލިބިފައިވާ މައުލޫމާތުތަކަކާ ގުޅިގެން ސީޕްރިއާ އިން ކުންފުނިތަކަށް އެންގީ އުމްރާ އަށް ގެންދިއުމުގެ އާ އުސޫލަށް ސައުދީން އަމަލުކުރަން ފެށުމުން ހެލްތު އިންޝުއަރެންސް ހިމެނޭ ގޮތަށް އާ ފީތަކެއް ނެގުމަށް ވަނީ ކަނޑައަޅައިފައިވާ ކަމަށެވެ. ސައުދީ ސަރުކާރުން ނަގާ ޓެކްސްތައް ވެސް އިތުރުކޮށްފައިވުމާ އެކު އުމްރާގެ ވިސާގެ ފީ ވެސް ކުރީ އަހަރުތަކަށް ވުރެން ބޮޑުވެފައިވާ ކަން އެ ކުންފުނިން އުމްރާ ގްރޫޕްތަކަށް އެންގި އެވެ.

ވިސާ އާއި ޓެކްސް އަދި އެހެނިހެން ފީގެ ގޮތުގައި ރާއްޖެ އިން އުމްރާ އަށް ދާ މީހެއްގެ އަތުން ކުރިން ނަގަމުން އައީ ގާތްގަނޑަކަށް 100 ޑޮލަރު، (1،542ރ.) އެވެ. އުމްރާ އަށް މީހުން ގެންދާ ކުންފުނިތަކަށް ސީޕްރިއާ އިން އެންގީ މި އަދަދު ބޮޑުވެދާނެ ކަމެވެ.

އެކަމަކު އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ރާއްޖެ އިން އުމްރާ އަށް ދާ މީހުންގެ ވިސާ ފީ ބޮޑެއް ނުވާ ކަމަށެވެ. ކުރިން އުމްރާގެ އަޅުކަން އަދާކޮށްފައިވާ ނަމަ ރިޕީޓާސް ފީގެ ނަމުގައި ކުރިން ނަގަމުން އައި 2000 ރިޔާލު ވެސް މިހާރު ނުނަގާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

"ވިސާ ފީގެ ގޮތުގައި ހުރިހާ އުމްރާވެރިންގެ އަތުން މިހާރު ނަގާނީ 300 ރިޔާލު ކަމަށާއި މީގެ އިތުރުން އެއްވެސް ފީއެއް ނުނަގާނެ ކަން ދިވެހިރާއްޖޭގައި ހުންނަ ސައުދީ އަރަބިއްޔާގެ އެމްބަސީން ވަނީ މައުލޫމާތު ދެއްވައިފަ އެވެ،" ބަޔާނުގައިވެ އެވެ.

އެކަމަކު ތަފާތު އެޖެންޓުން މެދުވެރިކޮށް ވިސާ ނަގާއިރު އެ ފަރާތްތަކުން ކަނޑައަޅާ ޚިދުމަތްތަކަކާ ގުޅިގެން ފީ ބޮޑުކުރުން އެކަށީގެންވާ ކަމަށް އެމްބަސީން މައުލޫމާތު ދޭ ކަމަށް އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ. އެކަމަކު އެއީ ސައުދީ އަރަބިއްޔާ އިން އަންގައިގެން ނަގާ ފީތަކެއް ނޫން ކަަމަށް އެމްބަސީއާ ހަވާލާދީ އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގައި، އެކި ގްރޫޕްތަކުން އުމްރާ އަށް މީހުން ގެންދަން ނަގަނީ އެކި ވަރަށެވެ. އެގޮތުން، 25،000ރ.-39،000ރ އާ ދެމެދުގެ އަގުތައް އުޅެ އެވެ. އުމްރާ އަށް މީހުން ގެންދިއުމުގެ ހުއްދަ މި އަހަރު ވަނީ، 25 ކުންފުންޏަކަށް ދީފަ އެވެ.