ފޯރަމަކީ އާއްމު ސިއްހަތުގެ ހާލަތު ރަނގަޅު ކުރުމުގެ ފެށުން: އަމީން

އެކި ދާއިރާތަކުން 200 އަށް ވުރެ ގިނަ މަންދޫބުންނާ އެކު ތިން ދުވަހުގެ މުއްދަތަކަށް ބޭއްވި ފޯރަމަކީ ޕަބްލިކް ހެލްތު ނުވަތަ އާންމު ސިއްހަތުގެ ކަންކަން ރަނގަޅު ކުރުމުގެ ފެށުން ކަމަށާއި އެ ފޯރަމަކީ ދިއްލުނު ކުޑަކުޑަ "ހުޅުކޮޅެއް" ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ރޭ ވިދާޅުވެއްޖެ އެވެ.


ހެލްތު މިނިސްޓްރީން އިންތިޒާމްކޮށްގެން ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ބޭއްވި އާއްމު ސިއްހަތުގެ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި އަމީން ވިދާޅުވީ، އެއް ދުވަސްވަރެއްގައި ރާއްޖެ އަކީ ބަލިތައް ގިނަ ކަމުން މީހުން ބިރުގަންނަ ތަނަކަށް ވިޔަސް މިހާރު މީހުން ތިބެނީ ރާއްޖެ އަންނަ ހިތުން ކެތްމަދުވެފައި ކަމަށެވެ. ދިވެހިންނަކީ ދިރިއުޅުމުގައި ކިތަންމެ ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލަމުން އަންނަ ބަޔަކަށްް ވިޔަސް ސިއްހީ ގޮތުން އެންމެ ނަސީބުވެރީ ދިވެހިން ކަމަށް ވެސް އޭނާ ވިދާޅުވިި އެވެ.

"މިއަދުގެ ދިވެހީން ދިރިއުޅުމުގައި ކިތަންމެ ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލަމުން ގެންދިޔަ ކަމުގައި ވިޔަސް ސިއްހީ ގޮތުން އެއީ އެންމެ ނަސީބުވެރިން. އިއްޔެގެ ކާބަފައިން އުޅުނު ދިވެހިރާއްޖެ އަށް ސިއްހީ ނުރައްކާތެެރި ކަމެއްގެ ބިރުން ދަތުރުވެރިން ގާތްކުރަން ބިރު ހީވިޔަސް މިއަދު އެ ދަތުރުވެރިން ދުނިޔޭގެ ކަންކޮޅުތަކުން ރާއްޖެ އަށް މިސްރާބު ޖަހަނީ ކެތްމަދުވެފައި ތިބެ،" ތިން ދުވަހުގެ މުއްދަތަށް ބޭއްވި ޕަބްލިކް ހެލްތު ފޯރަމް ނިންމުމުގެ ޖަލްސާ ގައި އަމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ސިއްހީ ދާއިރާ އިން ކުރިއަށް އޮތް އަހަރު ތަކުގައި ކުރާނެ މަސައްކަތްތައް ބައްޓަން ކުރާނީ ގައިންގަޔަށް ނާރާ ބަލިތަކުގެ ގޮންޖެހުމުން ރާއްޖެ ސަލާމަތް ކުރުމަށެވެ.

އެންމެން ގުޅިގެން ރަނގަޅު ސިޔާސަތުތަކަކާ އެކު މަސައްކަތް ކޮށްފި ނަމަ އެ ނަތީޖާ ހާސިލު ކުރަން މަސައްކަތް ކުރަމުން ގެންދަވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޕަބްލިކް ހެލްތު ފޯރަމް ނިންމުމުގެ ޖަލްސާގައި މިނިސްޓަރު އަމީން ރޭ ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

"ޒަމާން ބަދަލުވެ، މިއަދާ ހަމައަށް އައި އިރު އަޅުގަނޑުމެންގެ ކުރިމަތީގައި މި އޮތް ނުރައްކަލަކީ ގައިންގަޔަށް އަރާ ބަލިތަކެއް ނޫން. ގައިންގަޔަށް ނާރާ ބަލިތައް. މިއަދުގެ މަހާސިންތާގެ އަލީގައި އަދި މަހާސިންތާގައި ބައިވެރިވި އެތައް ބައެއްގެ ވިސްނުމާއި ފިކުރުގެ އަލީގައި ކުރިއަށް އޮތް އަހަރުތައް އަޅުގަނޑުމެން ތަރުތީބު ކުރާނީ އިރާދަކުރެއްވިއްޔާ ރާއްޖެ އަށް ކުރިމަތިވެފައިވާ ގައިންގަޔަށް ނާރާ ބަލިތަކުގެ ގޮންޖެހުމުން ސަލާމަތް ވުމަށް ކުރަން ޖެހޭ މަސަައްކަތްތައް އަވަސް ކުރަން،" ހެލްތު މިނިސްޓަރު ވިދާޅުވި އެވެ.

އަމީން ވިދާޅުވީ ޕަބްލިކް ހެލްތު ފޯރަމަކީ ދިއްލުނު ކުޑަކުޑަ "ހުޅުކޮޅެއް" ކަމަށާއި މި ދިއްލުމުގެ އަލިކަން ފެތުރުމަށް ސިއްހީ ދާއިރާގެ އެންމެން ސާބިތުކަންމަތީ ތިބެން ވާނެ ކަމަށެވެ.

އާއްމު ސިއްހަތުގެ މަހާސިންތާ ނިންމައިލިއިރު، ކުރިއަށް އޮތް އަހަރުތަކުގައި އެ ދާއިރާ އިން މަަސަައްކަތް ކުރާނެ ގޮތުގެ މަގުޗާޓެއް ވެސް ވަނީ އިފްތިތާހުކޮށްފަ އެވެ. އެ މަގުޗާޓުގައި އިސްކަންދީފައިވާ ކަންތަައްތަކުގެ ތެރޭގައި ސިއްހީ ގޮތުން ރަނގަޅު ނޫން މިންވަރަކަށް ފަލަވުން ނުވަތަ "އޮބީސިޓީ" ކުޑަކުދިންގެ މެދުގައި އޮންނަ ވަރު މަދުކުރުމާއި ދުންފަތުގެ އިސްތިއުމާލްކުރާ މިންވަރު މަދުކުރުމާއި އުމުރުން ދުވަސްވީ މީހުންގެ އިޖުތިމާއީ ގުޅުން ރަނގަޅު ކުރުން އަދި ވެކްސިން ދިނުމާ ދެކޮޅު ހެދުން މުޅިން ނައްތައިލުން ފަދަ ކަންކަން ހިމެނެ އެވެ.

އާއްމު ސިްހަތުގެ މަހާސިންތާ ނިންމުގެ ރަސްްމިއްޔާތު ޝަރަފްވެެރި ކޮށްްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

ޒަމާން ބަދަލުވެ، މިއަދާ ހަމައަށް އައި އިރު އަޅުގަނޑުމެންގެ ކުރިމަތީގައި މި އޮތް ނުރައްކަލަކީ ގައިންގަޔަށް އަރާ ބަލިތަކެއް ނޫން. ގައިންގަޔަށް ނާރާ ބަލިތައް. މިއަދުގެ މަހާސިންތާގެ އަލީގައި އަދި މަހާސިންތާގައި ބައިވެރިވި އެތައް ބައެއްގެ ވިސްނުމާއި ފިކުރުގެ އަލީގައި ކުރިއަށް އޮތް އަހަރުތައް އަޅުގަނޑުމެން ތަރުތީބު ކުރާނީ އިރާދަކުރެއްވިއްޔާ ރާއްޖެ އަށް ކުރިމަތިވެފައިވާ ގައިންގަޔަށް ނާރާ ބަލިތަކުގެ ގޮންޖެހުމުން ސަލާމަތް ވުމަށް ކުރަން ޖެހޭ މަސަައްކަތްތައް އަވަސް ކުރަން: އަމީން

މި މަހާސިންތާ ގައި މަޝްވަރާ ކުރި ކަންތައްތަކުގެ ތެރޭގައި، އާބާދީގެ އެކި އުމުރު ފުރާތަކަށް އަންނަ ބަދަލުތަކާ އެކު، އާބާދީގެ ސިއްހީ މައްސަލަތަކާއި ދިރިއުޅޭ މާހައުލާއި ދިރިއުޅުމުގެ ވައްޓަފާޅި އާއި ކެއުންބުއިމުގެ އާދަތަކަށް އައި ބަދަލުތަކާއި ގައިންގަޔަށް ނާރާ ބަލިތައް އިތުރުވުން ހިމެނެ އެވެ.

އަދި މީހުންގެ ދިރިއުޅުމުގެ މާހައުލާ ގުޅުން ހުރި ކަންކަމުގެ ސަބަބުންނާއި ރާއްޖޭގައި ދިރިއުޅޭ ބޭރު މީހުންގެ އާބާދީ އިތުރުވަމުން ދިއުމުގެ ސަބަބުން ގައިންގަޔަށް އަރާ ބަލިތައް ކޮންޓްރޯލް ކުރުމުގައި ދިމާވެފައިވާ ގޮންޖެހުންތައް ދެނެގަނެ އެކަން ކަމާ މެދު މަޝްވަރާކޮށް، ހައްލު ކުރުމަށް ހުރިހާ ދާއިރާތައް ގުޅިގެން މަސައްކަތް ކުރުމަށް ވެސް ވާހަކަ ދެއްކި އެވެ.