ފަރަށް އަރާ ބޯޓުތައް ފުން ކުރާނެ އިދާރާއެއް އުފައްދަން ގޮވާލާ ގަރާރެއް

މަސް ދޯނިފަހަރާއި މީހުން އުފުލާ އުޅަނދުފަހަރު ފަރަށް އެރުމުން ފުން ކުރުމުގެ އަމަލީ މަސައްކަތްކޮށް ދޭނެ އިދާރާއެއް ނެތުމުގެ ކަންބޮޑުވުން ފާޅުކޮށް، ކުރީގެ ޑިފެންސް މިނިސްޓަރު، ރައްޔިތުންގެ މަޖިލިހުގެ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް މަޖިލިހަށް ގަރާރެއް ހުށަހަޅުއްވައިފި އެވެ.


ނާޒިމް ހުށަހެޅުއްވި ގަރާރުގައި ވަނީ އޮޔާދާ އުޅަނދުފަހަރާއި ބޭރު ދަތުރުކުރާ އުޅަނދުފަހަރާއި އެހެން އުޅަނދުތައް ފަރަށް އެރުމަކީ އާންމުކޮށް ދިމާވާ ކަމަށްވާތީ، އެފަދަ ހާދިސާއެއް ދިމާވުމުން އެ އުޅަނދުގެ ވެރިފަރާތަށް އެތައް ބުރައެއް އުފުލަން ޖެހޭ ކަމަށެވެ.

އެހެންވެ، ގަރާރު ނާޒިމް ހުށަހެޅުއްވީ އެކަހަލަ އުޅަނދުފަހަރު ފުން ކުރާނެ ދައުލަތުގެ އިދާރާއެއް ނެތުމުން އުފެދޭ ތަކުލީފްތައް ސަރުކާރުގެ ސަމާލު ކަމަށް ގެނައުމަށް ކަމަށެވެ.

ގަރާރުގައި ވަނީ އުޅަނދެއް ފުންކޮށް ދޭނެ ފަރާތެއްވޭތޯ ބެލުމާއި ފުން ކުރުމުގެ މަސައްކަތްކޮށް ދޭނެ ފަރާތެއް ހޯދައި އެކަން ކުރުމަށް ބޭނުންވާ ތަކެއްޗާއި ވަސީލަތްތައް އެއް ތަން ކުރަން ޖެހެނީ ފަރަށް އެރި އުޅަނދެއްގެ ވެރިފަރާތުން ކަމަށެވެ. އަދި އެކަން ކޮށްދޭނެ މީހުންނަށް ވަގުތުން އަގު އަދާކުރުމަކީ ވެސް ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ގަރާރުގައި ފާހަގަ ކުރި އެވެ.

ގަރާރުގައި ވަނީ އެ އުޅަނދެއް ފަރަށް އެރުމުން ދިމާވި ގެއްލުމުގެ "ޝިކާރައަކަށްވެ" އެހާ ތަނަށް ލިބެމުން އައި އާމްދަނީ ހުއްޓުމަކަށް އައިސް އެ އާމްދަނީ ނެތިދާ ކަމަށެވެ. އަދި އެ އާމްދަނީގެ މައްޗަށް ބިނާވެފައިވާ އެތައް އާއިލާއެއްގެ ދިރިއުޅުމާއި އެ އާމްދަނީ އަށް ބަރޯސާވެ ކުރަމުން އައި އެންމެހައި ކަންކަމަށް ކުއްލި ނިމުމެއް އަންނަ ކަމަށް ވެސް ނާޒިމް ހުށަހެޅުއްވި ގަރާރުގައި ބުނެފައިވެ އެވެ.

"ފަރަށް އަރައި އުޅަނދެއް ހަލާކުވުމުން އެ ހަލާކުވެ ދަނީ ހަމައެކަނި އުޅަނދެއް ނޫނެވެ. އެ އުޅަނދުގެ މައްޗަށް ބިނާވެފައިވާ އެތައް ދިރިއުޅުމެކެވެ. އެތައް ބައެއްގެ އާމްދަނީގެ ވަސީލަތެކެވެ. އަދި އެ ހަލާކުވުމުން އަނެއްކާ ވެސް ސުމަކުން ފަށަން ޖެހެ އެވެ،" ނާޒިމް ހުށަހެޅުއްވި ގަރާރުގައިވެ އެވެ.

"އެއީ އުޅަނދު ފުން ކުރުމާއި ފަރަށް އެރުމުން ދިމާވި ގެއްލުމުގެ ހުރިހާ ހަރަދެއްގައި ހިފުމުގެ އިތުރުންނެވެ. އަދި ފަރަށް އެރުމުގެ ސަބަބުން ތިމާވެއްޓަށް ގެއްލުމެއް ލިބިއްޖެ ނަމަ، އެކަން އެއީ އިތުރު ޒިންމާއެއް އުފުލަން ޖެހޭ ކަމެކެވެ."

އެހެންވެ، އުޅަނދުފަހަރު ފުން ކުރުމުގެ އަމަލީ މަސައްކަތް ކުރާނެ ދައުލަތުގެ އިދާރާއެއް ހަމަޖެހި، އެ އިދާރާ އިން އެކަމުގެ އުސޫލުތަކާއި ނިޒާމުތައް ގާއިމު ކުރުމުގެ ބޭނުންތެރިކަމާއި މުހިންމުކަން ގަބޫލުކޮށް އެކަން ސަރުކާރުގެ ސަމާލު ކަމަށް ގެނައުމަށް ބޭނުންވާ ކަމަށް ވެސް އެ ގަރާރުގައިވެ އެވެ.