1.6 ބިލިއަން ރުފިޔާގެ ބަޖެޓަކާ އެކު ކައުންސިލްތައް ބާރުވެރިވަނީ!

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ކަނޑައަޅައި، މައި ސަރުކާރަށް ބަރޯސާނުވެ ރައްޔިތުންނަށް ޚިދުމަތްތައް ފޯރުކޮށްދިނުން ކައުންސިލްތަކުގެ އަތް މައްޗަށް ދޫކޮށްލައިފި އެވެ.


މިއީ، ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގަން ފެށި ފަހުން ކައުންސިލްތަކަށް ދައުލަތުގެ ބަޖެޓުގައި މިގޮތަށް ބަޖެޓްކުރި ފުރަތަމަ ފަހަރެވެ. ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދެކެވެ.

އެ ވައުދާ އެއްގޮތަށް، 1.6 ބިލިއަން ބަޖެޓުގައި ކަނޑައެޅީ، ސަރުކާރުން ބުނިގޮތުގައި، މާލީ ގޮތުން ކައުންސިލްތައް ބާރުވެރި ކުރުވައި އަމިއްލަ ފައި މައްޗަށް ތެދުވެ ހިންގުމުގެ ކުޅަދާނަކަން ކަށަވަރުކުރަން ދޭ އެހީއެއްގެ ގޮތުގަ އެވެ.

މި އަހަރުގެ ބަޖެޓުގައި ކައުންސިލްތަކަށް ކަނޑައެޅީ 656 މިލިއަނެވެ. އެކަމަކު، މި އަހަރުގެ ބަޖެޓުގައި 1.6 ބިލިއަން ރުފިޔާ ކައުންސިލްތަކަށް ކަނޑައެޅުމުން، ރަށު ކައުންސިލްތަކަށް ލިބޭ ފައިސާ އެވްރެޖްކޮށް 148 ޕަސެންޓަށް އިތުރުވާނެ އެވެ. އަދި އަތޮޅު ކައުންސިލްތަކަށް ލިބޭ ފައިސާ އެވްރެޖްކޮށް 155 ޕަސެންޓަށް އަދި ސިޓީ ކައުންސިލްތަކަށް ލިބޭ ފައިސާ އެވްރެޖްކޮށް 433 ޕަސެންޓަށް އިތުރުވާނެ ކަމަށް ބަޖެޓުގައިވެ އެވެ.

ބ. ތުޅާދޫ: ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވަކީ މި ސަރުކާރުގެ ވައުދެއް.

ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އައިމިނަތު ޝައުނާ ވިދާޅުވީ ދައުލަތުގެ ބަޖެޓުގައި ކަނޑައެޅީ، ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތައް ތަންފީޒުކުރެވޭނެ މާލީ ބާރުވެރިކަން ފަހިކޮށްދޭނެ އަދަދެއް ކަމަށެވެ. އެހީގެ ގޮތުގައި ކަނޑައެޅި 1.6 ބިލިއަން ރުފިޔާ ހާއްސަކޮށްފައި ވަނީ، ދައުލަތުގެ އާމްދަނީގެ ފަސް ޕަސެންޓާއި ބިމު ކުލީގެ 40 ޕަސެންޓާއި އެ ރަށެއްގެ އިހްތިސާސްގައިވާ ހުރިހާ ތަނަކުން ލިބޭ ކުއްޔާއި އިތުރު ފީތަކުގެ 100 ޕަސެންޓް ކައުންސިލްތަކަށް ދިނުމާ އެކުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ފައިސާ ސެންޓްރަލީ ޖަމާކޮށްފައި، ވަކި ފިސްކަލް ފޯމިއުލާއަކުން ހަމަހަމަކޮށް، ބަހާލަނީ ރަށު ކައުންސިލްތަކަށާއި އަތޮޅު ކައުންސިލްތަކަށާއި ސިޓީ ކައުންސިލްތަކަށް،" ޝައުނާ ވިދާޅުވި އެވެ.

އެ ފޯމިއުލާ އިން ބަހާލުމުން އަންދާޒާ ކުރެވޭ އަަދަދުތައް

- 500 އަށް ވުރެން އާބާދީ މަދު ރަށްތަކުގެ ކައުންސިލްތަކަށް 3.8 މިލިއަން ރުފިޔާ.

- 1000-500އާ ދެމެދު އާބާދީ ހިމެނޭ ރަށްތަކުގެ ކައުންސިލްތަކަށް 5.4 މިލިއަން ރުފިޔާ.

- 2000-1000އާ ދެމެދުގެ އާބާދީގެ ރަށަކަށް 7.9 މިލިއަން ރުފިޔާ.

- 5000-2000 ދެމެދެ އާބާދީގެ ރަށަކަށް 13.3 މިލިއަން ރުފިޔާ.

- 5000 އިން މަތީގެ އާބާދީތަކަށް 33 މިލިއަން ރުފިޔާ

ބަޖެޓުގައި ކަނޑައެޅި އެހީއާ އެކު ވަކިވަކި ކައުންސިލްތަކަށް ލިބޭނެ އަދަދުތައް ދައުލަތުން ހުށަހެޅި ބަޖެޓުގައި ހިމަނާފައިވެ އެވެ.