07 ނޮވެމްބަރ 2019 - 15:31
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކުރާ ހަތް ދައުވާގެ ޝަރީއަތް ޓީވީން ލައިވް ބްރޯޑްކާސްޓްކުރަން ދައުލަތުން ކޯޓުގައި އެދުމުން އެކަމާ މެދު ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ގޮތެއް ނިންމުމަށް ހަމަޖައްސައިފި އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް އަލަށް ހަތް ދައުވާއެއް ދައުލަތުން ވަނީ ކްރިމިނަލް ކޯޓުގައި ކޮށްފަ އެވެ. އެއީ ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ހޯދުމުގެ ދައުވާ އަކާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ހޯދައި ދިނުމުގެ ދައުވާއެއްގެ އިތުރުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އެވެ.
އެ މައްސަލަތަކުގެ ޝަރީއަތް މިއަދު ފެށުމާ އެކު ދައުލަތުން ބުނީ އެ ޝަރީއަތް ލައިވްކޮށް ދިނުމަށް އެދި ކޯޓަށް ކުރިން ސިޓީއެއް ފޮނުވި ކަމަށާއި އެ ސިޓީގެ ޖަވާބުގައި، އެ ޝަރީއަތް ލައިވް ނުކުރަން އެ މައްސަލަ ބައްލަވާ ގާޒީ ނިންމެވި ކަން އަންގައި، މިއަދު ޖަވާބު ލިބިފައިވާ ކަމަށް ދައުލަތުން ބުންޏެވެ. އެކަމަކު އެ މައްސަލައަކީ ދައުލަތުގެ ގިނަ އަދަދެއްގެ ފައިސާ ހިމެނޭ މައްސަލައެއް ކަމަށްވާތީ ގާޒީގެ އެ ނިންމުން މުރާޖާ ކޮށްދޭން ދައުލަތުން އެދުނެވެ. އަދި އަދީބުގެ ފަރާތުން ވެސް އެ ޝަރީއަތް ލައިވްކުރަން އެދުނު ކަން ދައުލަތުން ފާހަގަކުރި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް ވެސް ލައިވް ކުރަމުންދާ ކަން ފާހަގަކޮށް، ދައުލަތުން ބުނީ އެ މައްސަލައަށް ވުރެ އަދީބުގެ ޝަރީއަތް ލައިވް ކުރުމުގެ މަސްލަހަތު މާ ބޮޑު ކަމަށެވެ. އަދި އަދީބުގެ ޝަރީއަތް ލައިވް ނުކުރަން ނިންމީ އެކަމާ ބެހޭގޮތުން ކޯޓުން އެކުލަވާލާފައިވާ އުސޫލެއްގެ ދަށުން ކަމަށް ކޯޓުގެ ޖަވާބުގައި އޮތަސް، އެ އުސޫލުގައި އޮތީ ކޮން ވާހަކަތަކެއް ކަން ދައުލަތަށް ނޭނގޭ ކަމަށް ދައުލަތުން ބުންޏެވެ. ލައިވް ނުކުރަން ގާޒީ ނިންމެވީ ކަމަށް ސިޓީގައި އޮތަސް، އެގޮތަށް ގާޒީ ނިންމެވި ސަބަބެއް ވެސް ސިޓީގައި ނެތް ކަމަށް ދައުލަތުން ބުންޏެވެ.
އެކަމާ ގުޅިގެން އަދީބުގެ ވަކީލް މަހްފޫޒް ސައީދު ވެސް ވިދާޅުވީ އެ ޝަރީއަތް ލައިވްކުރަން އަދީބުގެ ފަރާތުން އެދިފައިވާނެ ކަމަށާއި ސަބަބަކީ އެއީ ބޮޑެތި ތުހުމަތުތަކެއް ކުރާ މައްސަލައަކަށް ވާތީ ކަމަށެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ވާހަކައިން އެންމެންނަށް ވެސް ސިފަވަނީ އަދީބު ކަމަށާއި އެކަމަކު އެއީ އެއަށް ވުރެ މާ ގިނަ ބަޔަކު ހިމެނޭ ކަމެއް ކަމަށް މަހްފޫޒް ވިދާޅުވި އެވެ. އެހެންވެ، މަހްފޫޒް ވެސް އެދިވަޑައިގަތީ ލައިވް ނުކުރަން ނިންމި ނިންމުން އަލުން މުރާޖާކޮށް ދިނުމަށެވެ.
އެ މައްސަލަ ބައްލަވާ ގާޒީ އިސްމާއިލް ރަޝީދު ވިދާޅުވީ ލައިވް ކުރަން ދައުލަތުން ތަކުރާރުކޮށް އެދެމުންދާތީ އެކަމުގައި ދެން ގޮތެއް ނިންމާނީ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކަމަށެވެ. އެހެންވެ، ދެން އިތުރަށް އެ މައްސަލާގެ އަޑުއެހުންތައް ކުރިއަށް ގެންދާނީ އެކަމުގައި އެ މަޖިލީހުން ގޮތެއް ނިންމުމަށް ފަހު ކަމަށް ގާޒީ އިސްމާއިލް ވިދާޅުވި އެވެ.
މިއަދުގެ އަޑުއެހުމުގައި ގާޒީ އިސްމާއިލް ވިދާޅުވީ އަދީބާ އެކު ދައުލަތުން އިއުތިރާފްގެ އެއްބަސްވުމެއް ހެދީ މިދިޔަ ސެޕްޓެމްބަރު މަހު ހެދި ކަމަށް ލިޔުންތަކުގައި އެބައޮތް ކަމަށާއި އެކަމަކު އަދީބުގެ ތަހުގީގު ބަޔާނުގައި އޮތްގޮތުން މިދިޔަ ޖޫން މަހު ހެދި އެއްބަސްވުމެއް ހެދި ކަމަށް ވެސް އެބައޮތް ކަމަށް ގާޒީ ވިދާޅުވި އެވެ.
އެކަމާ ގުޅޭގޮތުން ގާޒީ ސުވާލު ކުރެއްވުމުން ދައުލަތުން ބުނީ މިދިޔަ ޖޫން މަހު ހެދީ ތަހުގީގަށް އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއް ކަމަށާއި ކުށަށް އިއުތިރާފްވުމާ ގުޅޭގޮތުން އިއުތިރާފްގެ އެއްބަސްވުމެއް ހެދީ މިދިޔަ ސެޕްޓެމްބަރު މަހު ކަމަށެވެ.
ގާޒީ އިސްމާއިލް އެންގެވީ މިދިޔަ ޖޫން މަހު ހެދި އެއްބަސްވުން ވެސް ކޯޓާ ހިއްސާ ކުރުމަށެވެ.
އަދީބުގެ މައްޗަށް ތިން މައްސަލައެއްގައި މީގެކުރިން 33 އަހަރުގެ ޖަލު ހުކުމެއް އިއްވިޔަސް، އެ ހުކުމްތައް ފަހުން ވަނީ މަތީ ކޯޓުތަކުން ބާތިލްކޮށްފަ އެވެ. އޭގެ ތެރެއިން އެއް ހުކުމެއް ހައި ކޯޓުން ބާތިލްކުރި މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރިޔަސް، އެ މައްސަލަ ކުރިއަށް ނުގެންދަން ދައުލަތުން ނިންމުމުން އެ މައްސަލަ ސުޕްރީމް ކޯޓުން މިއަދު ވަނީ ބޭރުކޮށްލައިފަ އެވެ.
ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރި މައްސަލާގައި އަދީބު ފުރުން މަނާކޮށް ސުޕްރީމް ކޯޓުން އަމުރެއް ނެރެފައި ވަނިކޮށް ފިއްލަވައިގެން އަދީބު ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން އުޅުނު މައްސަލާގައި އޭނާގެ މައްޗަށް ވަނީ ތިން މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުމަރުބެ
08 November 2019
ލައިވްކުރަން އެންމެ އެކަށީގެންވަނީ އަދީބުގެ ޝަރިއްއަށް
އްލަކިން ނޯލަ
08 November 2019
މީހަކަށް އުސޫލެއްތަ އޮންނަނީ ؟ ދުނިޔޭގެ ހަތްއަޖައިބުން އެއްއަޖައިބް¡¡¡¡¡ އިންސާފުން ކަންހިގާ ކޯޓެއްގަ މީހަކަށް އުސޫލެއް އޮންނާނެ ކަމަކަށް ގަބޫލު ނުކުރާނެ އެކަކުވެސް .ލައިވް ނުކުރެވެންޏާ ބުނޭ މަ ލައިވް ކޮށްދީފާނަން..ސަލާން
ބަބުރުކުއްޖާ
07 November 2019
މަނިކުފާނު ޝަރިއްޔަތް ލައިވް ނުކުރައްވަން ތިޔަ އުލުއްވަނީ އަނެއްކާ މަނިކުފާނަށް މިކަމުގެ ތެރޭގައި އުލުއްވެފައި ވަނީތޯއެވެ. އެހެން ކަމަށް ވާނަމަ އަވަހަށް އިސްތިޢުފާ ދެއްވާފައި އެނބުރި ގެއަށް ވަޑައިގަތުން ބުއްދިވެރި ކަމުގައި ދެކެން.
އިންޓަލެކްޓު
07 November 2019
ޔަގީން ހުރިހާ ރައްޔިތުންވެސް އެދޭކަމެއް ކަން ތީ ..
ރުއްގާ
07 November 2019
އަދީބް ގެ މައްސަލަ ބަލަން މިއުޅެނީ ކީއްވެތަ؟؟ އަދި ބުނި ކުރިކަމެއް ކުރީ ޔާމީން ބުނެގެނޭ ދެން އަދީބް ބެދޭނެގޮތެއް އެބައޮތްތަ..ގާނޫނުގައި ނުފެންނަ މާއްދާއެއް އޮންނާނެ ޔާމީން ބުނެގެން ކުށެއް ކޮށްފިނަމަ ކުއްވެރި ނުވާނެ ވާހަކަ..
ތިއޮތީއޮޅިފަ
08 November 2019
ކުރަން ބުނިކަމެއް ކުރީ ޔާމީން ބުނެގެންނޭ ބުނުން އެއީ އޭނާއަށް ފީޑްކޮށްދީފައި އޮތްގޮތް. ޔާމީން ބުނެގެން ކުށެއް ކޮށްފިނަމަ ކުށްވެރިނުވާނެ ކަމަށް ބުނާނީ އެ ފީޑްކޮށްދިން މީހުން. އޭނާ ސަލާމަތްކުރާނެ ކޮންމެ ގޮތެއް ހަދާފަވެސް. ޔާމީންގެ ވެރިކަން ފުނޑުފުނޑުކޮށްލި އިސް މީހާއަށް މެޑެލެއް އޮންނަންވާނެތާ.
ބޮޑުމީހާ
07 November 2019
އަވަހަށް ލައިވްކުރޭ؟ ތި 270 މީހުންގެ މައްސަލަވެސް ލައިވްކުރަންވާނެ!
ކަރީމުއްދީން ބާޝާ
07 November 2019
ހުރިހާއެންމެން ތިކަން ބޭނުންވާކަމަށް މިފެންނަނީ. އެހެންވީމާ ލަސްނުކޮށް ތިކަން ކުރާންވީ.
ބޮންދު
07 November 2019
އަދީބު ބޭނުން، ދައުލަތް ބޭނުން، ރައްޔިތުން ބޭނުން ދެން ކޯޓު ކޮން މައްސަލަ؟
ޖާދޫގަރު
07 November 2019
ބައެއް ފަނޑިޔާރުންގެ ފޮށާވެސް ވެއްޓޭނެތީ