ޔާމީނަށް ޖަލު ހުކުމެއް އިއްވާނެ ކަމުގެ ކަށަވަރުކަން ދޭން އެދުނު: ހައިލަމް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ޖަލު ހުކުމެއް އިއްވާނެ ކަމުގެ ކަށަވަރު ކަން ދިނުމަށް، ސަރުކާރުގެ އިސް މަގާމްތަކުގައި ތިއްބެވި ބޭފުޅުން އެދިވަޑައިގަތް ކަމަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް މިރޭ ވިދާޅުވެއްޖެ އެވެ.


ހައިލަމް ނެރުއްވި ބަޔާނެއްގައި ތުހުމަތު ކުރެއްވި ގޮތުގައި، އޭނާއާ މެދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފިޔަވަޅު އަޅައި، ރިޝްވަތުގެ ތުހުމަތުތަކެއްކޮށް އަބުރު ކަތިލަމުން ދަނީ ޔާމީނަށް ޖަލު ހުކުމެއް އިއްވާނެ ކަމުގެ ޔަގީންކަން ނުދިނުމުންނެވެ.

ޔާމީނަށް ދައުލަތުން ކުރި މަނީ ލޯންޑްރިންގެ ދައުވާގައި، ހުކުމް އިއްވަން ޝެޑިއުލްކޮށްފައި އޮތީ މިދިޔަ އަންގާރަ ދުވަހެވެ. އެކަމަކު، ހަމަ އެ ދުވަހު ޖޭއެސްސީން ހައިލަމް ސަސްޕެންޑްކުރީ، ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވެ ވައިބަ ގްރޫޕަކަށް ފޮނުއްވި ކުރެހުމެއްގެ މައްސަލައިގަ އެވެ. އެ ކުރެހުމުން ފެންނަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހައި ގަންހިންގުވާ މަންޒަރެވެ.

ހައިލަމް މިރޭ ނެރުއްވި ބަޔާނުގައި ވެސް ވިދާޅުވި ގޮތުގައި، ރަނގަޅަށް ބަލައިނުލެވި އެ ޕޯސްޓު އިޖުތިމާއީ ގްރޫޕަކަށް ފޮނުވުމަކީ ހިތާމަވެރިކޮށް ހިނގި ކަމެކެވެ. އެކަމަށްޓަކައި ރައްޔިތުންގެ ކިބައިން މާފަށް އެދިވަޑައިގެން ބަޔާނުގައި ތަފްސީލްކޮށްދެއްވާފައި ވަނީ ޔާމީންގެ މައްސަލައާ ގުޅިގެން އޭނާ އަށް ކުރިމަތިވެވަޑައިގެންނެވި ކަންކަމެވެ.

އޭނާ ވިދާޅުވި ގޮތުގައި ޔާމީނަށް ދައުލަތުން އުފުލި ދައުވާގެ ޝަރީއަތް ފެށުމާ އެކު ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ނުފޫޒު ފޯރުވަން ސަރުކާރުގެ އެކި ލެވެލްތަކުގައި ތިއްބެވި ބޭފުޅުން މަސައްކަތް ކުރެއްވި އެވެ. އެކަމަކު ބަޔާނުގައި އެއްވެސް ބޭފުޅެއްގެ ނަން ހިމަނައިފައެއް ނުވެ އެވެ.

"މި [ނުފޫޒު ފޯރުވުމުގެ] މަސައްކަތް އެންމެ ބޮޑަށް ސަރުކާރުގެ އެކި މަގާމްތަކުގައި ތިއްބެވި ބޭފުޅުން ކުރައްވާފައި ވަނީ މި ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހާއި 4 ވަނަ ދުވަހެވެ،" ހައިލަމް ވިދާޅުވި އެވެ.

"ސަރުކާރުގެ ވަރަށް އިސް މަގާމްތަކުގައި ތިބި ފަރާތްތަކަކުން އަޅުގަނޑަށް ސީދާ ގޮތުން މެސެޖްކޮށްގެންނާއި ގުޅައިގެންނާއި އަޅުގަނޑު ދަންނަ މީހުން މެދުވެރިކޮށްގެން އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލަށް ލުމަށް ހުކުމްކުރާނެ ކަމުގެ ކަށަވަރުކަން ދިނުމަށް އެދިފައިވެ އެވެ."

ކްރިމިނަލް ކޯޓުގައި ބޭއްވި، ޔާމީންގެ ޝަރީއަތުގެ މަޖިލީހެއް ކުރިއަށް ގެންދަނީ.

އޭނާ އާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީއާ ދެމެދު ހިނގައިދިޔަ ފައިސާގެ ޓްރާންސެކްޝަނެއްގެ މައްސަލަ ފުލުސް އޮފީހުގައި އެބައޮތް ކަމަށާއި ހުކުމްގެ ކަށަވަރުކަން ނުލިބޭ ނަމަ އެ މައްސަލަ ބަލާނެ ކަމުގެ އިންޒާރު ވެސް ދިން ކަމަށް ހައިލަމް ވިދާޅުވި އެވެ.

"އަދި ސަސްޕެންޑް ކުރާނެ ކަމުގެ އިންޒާރު ވެސް ދީފައިވެ އެވެ،" ހައިލަމްގެ ބަޔާނުގައިވެ އެވެ.

ޖޭއެސްސީން ބަލަމުން އަންނަނީ ހައިލަމަށް އަލްހާން 200،000ރ. ދީފައިވާ ކަމަށް ފުލުހުން ހުށަހަޅާފައިވާ މައްސަލަ އެކެވެ.

ހައިލަމް ވިދާޅުވި ގޮތުގައި އޭނާ މަސައްކަތް ކުރައްވަނީ ކްރިމިނަލް ކޯޓުގައި ކަމަށްވާ އިރު، އަލްހާނަކީ އެއްވެސް ކަމެއްގައި އެއްވެސް ހައިސިއްޔަތަކުން އެ ކޯޓަށް ވަޑައިގަންނަވާ ބޭފުޅެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ވެވަޑައިގަތުމުގެ މާ ކުރިން ވެސް އަލްހާނަކީ އޭނާގެ ގާތް ރަހުމަތްތެރިއެއް ކަމަށް ހައިލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަލްހާންގެ މަސްލަހަތު އޮތް އެއްވެސް މައްސަލައެއް ކޯޓުގައި ބައްލަވައިފައެއް ނުވާނެ ކަަމަށެވެ.

އަލްހާނާ އެކު މެއި، 19، 2019 ގައި ހިނގި ފައިސާގެ ޓްރާންސެކްޝަނާ ގުޅޭ ގޮތުން ފުލުހުންގެ އިސްވެރިއަކު ބައްދަލު ކުރައްވައި އެފަދަ މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި އެއީ ކިހިނެއް ހިނގައިދިޔަ ކަމެއްތޯ އޮޅުން ފިލުއްވި ކަމަށް ބަޔާނުގައިވެ އެވެ.

"އެކަން ހިނގައިދިޔަ ގޮތުގެ ތަފްސީލް އަޅުގަނޑު ކިޔައިދީފައިވާނެ އެވެ. އަދި އޭގައި ޖިނާއީ އެއްވެސް ކަމެއް ނުހިމެނޭތީ އެ މައްސަލަ ވަނީ އޭރު ފުލުހުން ނުބަލަން ނިންމައިފަ އެވެ،" ހައިލަމް ވިދާޅުވި އެވެ.

ހައިލަމް ވިދާޅުވި ގޮތުގައި ޔާމީންގެ މައްސަލައާ ގުޅިގެން ނުފޫޒު ފޯރުވަމުން ދިޔަ ކަން ކްރިމިނަލް ކޯޓާ މިހާރު ހިންގެވުމާ ހަވާލުވެ ހުންނެވި ގާޒީ އަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެވެ.

އޭނާ ވިދާޅުވީ ފަނޑިޔާރަކު ބަލަމުންދާ މައްސަލައެއްގައި ކުރާނެ ހުކުމް ސަރުކާރުގެ އޮފިޝަލުންނަށް އެނގޭކަށް ނުޖެހޭ ކަމަށެވެ. އެއީ ކިތަންމެ މަތީ މަގާމެއްގައި ހުރި ފަރާތެއް ކަަމަށް ވިޔަސް އެކަން އެނގެން ނުޖެހޭނެ ކަން ހައިލަމްގެ ބަޔާނުގައި ވިދާޅުވި އެވެ.

ހައިލަމް ވަނީ ޖޭއެސްސީން އޭނާގެ މައްސަލަ ބަލަން ނިންމައި ފިޔަވަޅު އަޅަން ނިންމި މައްސަލައިގައި ވެސް ރައްދު ދެއްވައިފަ އެވެ. ހައިލަމް ޖޭއެސްސީ އަށް ހާޒިރުވާން އެންގުމުން އޭނާ ވަޑައިގެންފައެއް ނުވެ އެވެ.

އޭނާ ވިދާޅުވީ ސަރުކާރުގެ ވަޒީރުންގެ ތެރޭގައި، ކުރީގެ މަޖިލިސް މެމްބަރުންނާއި މިހާރުގެ މަޖިލީސް މެމްބަރުންގެ އަތުން ފައިސާ ނެގުން ދީނީ ގޮތުންނާއި ގާނޫނީ ގޮތުން ހައްގު ފަރާތްތަކެއް އެބަތިބި ކަމަށެވެ. ސަރުކާރުގެ މަގާމެއްގައި ހުރި ކޮންމެ ފަރާތެއްގެ ބޭންކް އެކައުންޓް ބަލައިފި ނަމަ ވެސް އެ މީހެއްގެ ގާތް މީހެއްގެ ފަރާތުން ފައިސާ ލިބިފައިވާ ކަން ފެންނަން ހުންނާނެ ކަމަށް ވިދާޅުވި އެވެ.

"ވަކި ފަރާތެއް ޖަލަށް ލާނެ ކަމުގެ ކަށަވަރުކަން ނުލިބިގެން ފަނޑިޔާރަކު ފަހާދުވަން ވާނީ ވެސް ޖުޑީޝަލް ސާވިސް ކޮމިޝަންގެ މުއައްސަސާގެ ހުރުމަތުން ކޮންމެވެސް މިންވަރެއް ނަމަވެސް ބާކީ އޮންނާނެ ގޮތަކަށް ވިސްްނާލައްވާފައި ނޫންތޯ އެވެ،" ބަޔާން ނިންމާލައްވަމުން ހައިލަމް ވިދާޅުވި އެވެ.