ސައިރިކްސް ކޮލެޖުގެ ދަސްވެނިވުމެއްގައި އެ ކޮލެޖުގެ ދަރިވަރުން ބައިވެރިވަނީ: ކޯޕަރޭޓް ސްކޮލަޝިޕަށް ހުޅުވާލާނީ އަންނަ ޖެނުއަރީ މަހު. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
09 ނޮވެމްބަރ 2019 - 19:50
މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރާއި އަމިއްލަ ކުންފުނިތައް ގުޅިގެން ކުރިއަށްގެންދާ "ކޯޕަރޭޓް ސްކޮލަޝިޕަ"ށް ކުރިމަތިލާން އަންނަ ޖެނުއަރީ މަހު ހުޅުވާލާނެ ކަމަށް ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
މިއީ ބޭރުގެ އެކި ޔުނިވާސިޓީތަކުން ރާއްޖެ އަށް ދީފައިވާ ޕާޝަލް ސްކޮލަޝިޕުގެ ބާކީ ބައި، ކުންފުނިތަކުން ސްޕޮންސާ ކޮށްދިނުމަށް މިދިޔަ މަހުގެ 20 ވަނަ ދުވަހު ލޯންޗުކުރި ސްކީމެކެވެ. މިއީ ކޯހުގެ ފީ އެއްކޮށް ކަވަރުކުރާ ސްކީމެކެވެ.
ކޯޕަރޭޓް ސްކޮލަޝިޕަށް އިއުލާނުކުރުމާއި ދަރިވަރުން ހޮވާނީ ހަޔަ އެޑިއުކޭޝަން މިނިސްޓްރީންނެވެ. އެއަށްފަހު އެ ދަރިވަރަކާއި އެ ސްކޮލަޝިޕްގެ ބާކީ ބައި ސްޕޮންސާކުރި ކުންފުންޏާ ދެމެދު އެއްބަސްވުމެއް ހަދާނެ އެވެ. އަދި އެ ދަރިވަރަކު ކިޔަވާ ނިމުމުން އެ ކުންފުންޏަކުން ވަޒީފާ ވެސް ހަމަޖައްސައިދޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިހާރު ވެސް ސަރުކާރާއި އަމިއްލަ 12 ކުންފުންޏަކުން އެ ސްކީމުގައި ބައިވެރިވެފައިވެ އެވެ. އެއީ އެޗްޑީސީ، ދިރާގު، ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، އެމްޓީސީސީ، އެސްޓީއޯ އަދި އެމްއޭސީއެލް އެވެ. އަމިއްލަ ކުންފުނިތަކުގެ ތެރޭގައި ޓްރީޓޮޕް ހޮސްޕިޓަލް، އޭޑީކޭ ހޮސްޕިޓަލް، ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް، މޯލްޑިވްސް އިސްލާމިކް ބޭންކް އަދި އުރީދޫ ހިމެނެ އެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ކުރިން ބުނިގޮތުގައި މަތީ ތައުލީމް ފޯރުކޮށްދިނުމަށް ތަފާތު އެކި އެއްބަސްވުންތައް ހަދާފައިވާއިރު، އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 100 އެއްހާ ސްކޮލަޝިޕް ލިބޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަހިދަތުރު
10 November 2019
ކޮން ދާއިރާތކެއްތަ ހުރީ