ސިނގިރޭޓް ފޮށީގައި ބިރުވެރި މަންޒަރުތައް، ނަތީޖާ ކިހިނެއް؟

ދުންފަތުން ސިއްހަތައް ލިބޭ ގެއްލުމާއި އޭގެ ސަބަބުން ޖެހޭ ނުރައްކާތެރި ބަލިތަކުން ހަށިގަނޑަށް ކުރާ އަސަރުތައް ދައްކައިދޭ އަސްލު ފޮޓޯ ޖެހި ސިނގިރޭޓް ފޮށިތައް ރާއްޖޭގައި ވިއްކަން ފަށައިފި އެވެ.


ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާ ބެހޭ ގަވާއިދުގައިވާ ގޮތުން އަންނަ މަހުން ފެށިގެން ރާއްޖޭގައި ސިނގިރޭޓް ވިއްކޭނީ އިންޒާރުގެ މަންޒަރުތައް ޖަހައިގެންނެވެ. އަދި މިދިޔަ އޮގަސްޓުން ފެށިގެން ދުންފަތުގެ އެއްވެސް ބާވަތެއް ރާއްޖެ އަށް އެތެރެކުރެވޭނީ އިންޒާރުގެ މަންޒަރުތައް ޖަހައިގެންނެވެ. އޭގެ ފަހުން އެތެރެކޮށްފައިވާ ސިނގިރޭޓްތައް މިހާރު ވިއްކަމުން ދަނީ އިންޒާރުގެ ފޮޓޯއާއެކު އެވެ.

އެ ގަވައިދު ތަންފީޒު ކުރުމުގެ ކުރިން ވަކި ސިނގިރޭޓް ވިއްކުން ވަނީ ރާއްޖޭގައި މަނާކޮށްފަ އެވެ. އެހެންވެ އެންމެ މަދުން ވެސް ސިނގިރޭޓް ގަނެވޭނީ ފޮއްޓެއް ގަނެގެންނެވެ.

އެހެން ބައެއް ގައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައި ވެސް ވިއްކާ ސިނގިރޭޓް ފޮށިތަކުގެ ބޭރުގައި ބޮޑުކޮށް އިންޒާރުގެ ފޮޓޯ ޖަހާފައި ހުރެ އެވެ. ކުރިން ހުންނަނީ އިންޒާރުގެ ލިޔުން އެކަންޏެވެ. އެގޮތުން ސިނގިރޭޓް ބުއިމުގެ ސަބަބުން މަރުވެފައިވާ މީހެއްގެ ފުއްޕާމޭގެ ފޮޓޯތަކެއް ބައެއް ފޮށިތަކުން ފެންނައިރު އަނެއް ބައި ފޮށިތަކުން ފެންނަނީ އަނގައިގެ ކެންސަރު ޖެހިފައިވާ މީހެއްގެ ފޮޓޯ އެވެ.

މިހާރު ވެސް ނަތީޖާ ފެނޭ: އެޗްޕީއޭ

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ޑެޕިއުޓީ ޑިރެކްޓަރު އަދި ޓޮބޭކޯ ކޮންޓްރޯލް ބޯޑުގެ ތަރުޖަމާނު ހަސަން މުހައްމަދު މިއަދު ވިދާޅުވީ އެފަދަ ފޮށިތައް ވިއްކަން ފެށުމާއެކު ސިނގިރޭޓް ގަންނަ މީހުން ކުރިއާބަލާއިރު މަދުވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ނަމަވެސް އެކަމުގެ ތަފްސީލީ ޖަވާބެއް ލިބޭނީ އެކަމާ ގުޅޭގޮތުން އަންނަ އަހަރު ހަދާ ދިރާސާއަކަށް ފަހުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"އިންޒާރު ފޮޓޯ އިންނާތީ ގިނަ މީހުން އެ ހިފައިގެން އުޅެން ބޭނުމެއް ނުވޭ. ކޮފީ މޭޒުތައް މަތީ ބާއްވައިގެން ދައްކަން ބޭނުމެއް ނުވޭ. އެކަހަލަ އަސަރުތަކެއް އެބަ ކުރޭ މިހާރު ވެސް،" ހަސަން ވިދާޅުވި އެވެ.

"ފިހާރަ، ކެފޭތަކުގައި ވެސް ޑިސްޕްލޭ ކުރަން މިހާރު ވަރަށް ބޭނުން ނުވޭ އެ ފޮޓޯގެ ސަބަބުން. އަދި އެ ފޮޓޯ ފެންނާނީ އެހެން މީހުން ވެސް ސިނގިރޭޓް ބޯ މީހުން ކައިރީ ބުނަން ފަށައިފި އެކަން ނުކުރަން."

މިހާރު ވެސް ސިނގިރޭޓް ބުއިން ހުއްޓާލަން ބޭނުން ވެގެން ގިނަ ބަޔަކު އެދެމުން އަންނަ ކަމަށާއި އުސޫލުތައް ތަންފީޒު ކުރާތާ ދުވަސްކޮޅެއް ފަހުން އޭގެ ހެޔޮ ނަތީޖާ ފެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފޮޓޯއިން ކުރާނީ ކޮން އަސަރެއް؟

ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ބޯޑުގެ ވައިސް ޗެއާޕާސަން ޑރ. އާމިނަތު އަރޫނާ ވިދާޅުވިގޮތުގައި ގަވާއިދުގެ ދަށުން ހުރިހާ އުމުރުފުރައަކަށް ވެސް ތަންފީޒުވެގެންދާ އެންމެ މުހިއްމު ފިޔަވަޅަކީ ސިނގިރޭޓު ފޮށީގެ ބޭރުގައި ގްރެފިކް ހެލްތު ވޯނިން ޖެހުމެވެ. އެއީ، ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނާއި ނުކުރާ މީހުންނަށް ފައިދާވާ ކަމެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.

"ދުންފަތުން ކެންސަރު ޖެހެއޭ ބުންޏަސް ބައެއް މީހުން ގަބޫލެއް ނުކުރޭ. އެކަމަކު ސިނގިރެޓް ފޮށީގެ ބޭރުގައި މި މަންޒަރުތައް ޖަހައިގެން ވިއްކަން ފެށީމަ ހަގީގީ މައުލޫމާތު ލިބޭނެ، ދުންފަތުން ތިމަންނަ އަށް މި ލިބެނީ އެ ގެއްލުންތައް ކަން ވެސް އެނގޭނެ،" އަރޫނާ ވިދާޅުވި އެވެ.

އެޗްޕީއޭ އިން އާއްމުކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި އަހަރަކު ގާތްގަނޑަކަށް 84 ޕަސެންޓް މީހުން މަރުވަނީ ގައިންގަޔަށް ނާރާ ބަލިތަކުގަ އެވެ. އާސަންދައިގެ ތަފާސްހިސާބުތަކަށް ބަލާއިރު ވެސް އެންމެ ގިނައިން ހަރަދުކޮށްފައިވާ ހަތް ބައްޔަކީ ދުންފަތުގެ އިސްތިއުމާލުކުރުމާ ގުޅުން ހުރި ބަލިތަކެކެވެ. އޭގެ ތެރޭގައި ފުއްޕާމޭގެ ބަލިތަކާއި ކެންސަރު ހިމެނެ އެވެ

ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެ އަށް އެވްރެޖްކޮށް އަހަރަކު 462 މިލިއަން ސިނގިރޭޓް އެތެރެކުރެ އެވެ. އަންނަ އަހަރުން ފެށިގެން ސިނގިރޭޓުން ނަގާ ޓެކްސް އަނެއްކާވެސް ބޮޑުކުރަން ސަރުކާރުން ވަނީ މަޖިލީހަށް ހުށަހަޅާފަ އެވެ.