ޔާމީންގެ ޝަރީއަތަށް ބެންޗެއް އެކުލަވާލައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގެ މައްސަލަ ފަސް ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ބެންޗަކުން ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.


ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑްރިންގެ ދައުވާގެ ހުކުމް މިދިޔަ ހަފުތާގައި އިއްވަން ހަމަޖެހިފައި ވަނިކޮށް އެ މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ސަސްޕެންޑް ކުރުމާ އެކު ހުކުމް އިއްވުން ވަނީ ފަސްކޮށްފަ އެވެ. އެެހެންވެ، ކްރިމިނަލް ކޯޓު ހިންގުން މިހާރު ހަވާލުކޮށްފައިވަނީ އެ ކޯޓުގެ ގާޒީ އަލީ ރަޝީދު ހުސައިންއާ އެވެ.

ކޯޓު ހިންގުމާ ހަވާލުވެ ވަޑައިގެން ހުންނެވި ގާޒީގެ ހައިސިއްޔަތުން ގާޒީ އަލީ ރަޝީދު ނެރުއްވި ގަރާރުގައިވަނީ އެ މައްސަލަ އަށް ބެންޗެއް އެކުލަވާލަ ދިނުމަށް ޔާމީންގެ ފަރާތުން އެދިވަޑައިގެންފައި ވާތީ އެ މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ބެލުމަށް ފަހު ކޯޓުތަކުގެ ގާނޫނުގެ ދަށުން އިސް ފަނޑިޔާރަށް ލިބޭ ބާރުގެ ދަށުން، ފަސް ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ބެންޗަކުން އެ މައްސަލަ ކުރިއަށް ގެންދަން ނިންމެވީ ކަމަށެވެ.

އެ ބެންޗުގައި ތިއްބަވާނީ ގާޒީ އަލީ ރަޝީދާއި ގާޒީ އަހުމަދު ޝަކީލާއި ގާޒީ މުހައްމަދު ސަމީރާއި ގާޒީ އަލީ އާދަމްގެ އިތުރުން ގާޒީ ހުސައިން ފާއިޒް ރަޝާދު ކަމަށް އެ ގަރާރުގައިވެ އެވެ.

ޔާމީންގެ މައްސަލަ ފަނޑިޔާރުންގެ ބެންޗަކުން ކުރިއަށް ގެންދަން ޔާމީންގެ ފަރާތުން ކުރިން ވެސް އޮތީ އެދިވަޑައިގެންފަ އެވެ.

އެ މައްސަލަ ބަލަން ފަސް ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލިއިރު، އެ މައްސަލައިގެ އަޑުއެހުމެއް އަންނަ އާދިއްތަ ދުވަހަށް ވަނީ ތާވަލްކޮށްފަ އެވެ.

އާންމު އުސޫލުން ދަށު ކޯޓުތަކުގެ މައްސަލަ ބަލާނީ އެއް ފަނޑިޔާރު އިންނަވައިގެން ކަމަށް ވިޔަސް، މައްސަލައިގެ ބާވަތުުން އޮނަހިރި އަދަދެއްގެ މައްޗަށް އެކުލެވޭ ފަނޑިޔާރުންގެ ބެންޗަކުން އެ މައްސަލައެއް ބެލުމަށް އެ ކޯޓެއްގެ އިސްގާޒީއަށް ކަނޑައެޅިދާނެ ކަމަށް ކޯޓުތަކުގެ ގާނޫނުގައިވެ އެވެ.

މީގެކުރިން ކްރިމިނަލް ކޯޓުގައި ސިޔާސީ ބައެއް ބޭފުޅުންގެ މައްސަލަތައް ކުރިއަށް ގެންދިޔައީ ވެސް ފަނޑިޔާރުންގެ ބެންޗު ކަނޑައަޅައިގެންނެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްސަލަ ބެލީ ވެސް ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ.

އިސްގާޒީ ހައިލަމް ސަސްޕެންޑްކުރީ ނަސްރުގެ ދުވަހުގެ ތަހުނިޔާ ފޮނުވުމުގެ ގޮތުން ކްރިމިނަލް ކޯޓުގެ ވައިބާ ގްރޫޕަކަށް އޭނާ ފޮނުއްވި ފޮޓޯއެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް ނަޝީދާއި އިތުރު ބައެއްގެ ކަރުގައި ވާ ޖަހާފައިވާ ކުރެހުމެއް ހުރި މައްސަލާގަ އެވެ.

އެ މައްސަލާގައި ހައިލަމް ސަސްޕެންޑް ކޮށްފައި ވަނިކޮށް އޭނާ ނެރުއްވި ބަޔާނެއްގައިވަނީ ޔާމީން ޖަލަށްލާން ކަމުގެ ޔަގީންކަން އޭނާގެ ކިބައިން ހޯދަން ދައުލަތުގެ އިސް މަގާމުތަކެއްގައި ތިއްބެވި ބައެއް ބޭފުޅުން މަސައްކަތް ކުރެއްވި ކަމަށެވެ.