އިންޑޮނީޝިއާ އަށް އައި ބިންހެލުމާ ގުޅިގެން ރާއްޖެ އަށް ސުނާމީގެ އަސަރެއް ނުކުރާނެ: މެޓް

އިންޑޮނީޝިއާ އަށް މިރޭ އައި ބިންހެލުމާއި ގުޅިގެން އެ ގައުމުގައި ސުނާމީގެ އިންޒާރު ނެރެފައިވީ ނަމަވެސް އޭގެ އަސަރު ރާއްޖެ އަށް ނުކުރާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސަސް އިން ބުނެފި އެވެ.


އިންޑޮނީޝިއާގެ މަލުކޫ އައިލެންޑްސް އަށް ރިކާޓާ މިންގަނޑުން 7.4 ގެ ބާރު މިނުގައި އައި ބިންހެލުމާ ގުޅިގެން ރާޅު އުފެދުނު ނަމަވެސް އެއްގަމަށް ބޮޑު ރާޅެއް އެރުމުގެ ފުރުސަތު ކުޑަ ކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ބުނެފައިވެ އެވެ.

ބިންހެލުމުގެ އަސަރު ވަނީ ސުލަވެސީ އައިލެންޑަށް ވެސް ކޮށްފަ އެވެ. އިންޑޮނީޝިއާގެ މެޓްރޯ ޓީވީން ބުނީ ނޯތު މަލުކޫ އިން ބޮޑު ރާޅު އަރައިފާނެތީ ބައެއް މީހުން ބިރުން އުސް ތަންތަނަށް އަރާފައިވާ ކަމަށެވެ.

އިންޑޮނީޝިއާގެ ސުމަތުރާ އަށް ޑިސެމްބަރު 26، 2004 ގައި 9.1 ގެ ބާރުމިނުގައި އައި ބިންހެލުމާ އެކު އުފެދުނު ސުނާމީގައި އެ ގައުމުން އެކަނި 170،000 މީހުން މަރުވި އެވެ. މުޅި ސަރަހައްދުން މަރުވި މީހުންގެ އަދަދު 220،000 އަށް އެރި އެވެ.

އެ ފަހަރުގެ ސުނާމީގައި ރާއްޖޭގެ ގިނަ ރަށްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ފަސް ރަށެއްގައި މީހުން ދިރިނޫޅެވޭ ވަރުވި އެވެ. ސުނާމީގައި ރާއްޖެ އިން 82 މީހަކު މަރުވެ، 26 މީހަކު ވީނުވީއެއް ނޭނގި ގެއްލުނެވެ.