ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ދެ ބިލަށް ޔުނިސެފުން މަރުހަބާ ކިޔައިފި

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ގުޅޭ ދެ ބިލް ރައްޔިތުންގެ މަޖިލިހުން އިއްޔެ ފާސްކުރުމުން، އދ. ގެ ކުޑަކުދިންގެ ހައްގުގައި މަސައްކަތް ކުރާ ޖަމިއްޔާ، ޔުނިސެފުން މަރުހަބާ ކިޔައިފި އެވެ.


ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ބިލުގެ އިތުރުން ކުޑަކުދިންގެ އަދުލުގެ ބިލް އިއްޔެ ވަނީ ފާސްކޮށްފަ އެވެ.

ރާއްޖެ އަށް ޔުނިސެފުން ކަނޑައަޅާފައިވާ ރެޕްރެޒެންޓޭޓިވް ޑރ. މުނީރު ސަފީލްދީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ހުރިހާ ކުޑަ ކުދިންނަށް މަރުހަބާ ދަންނަވާ ކަމަށެވެ. އަދި އިއްޔެ އަކީ ތާރީހީ ދުވަހެއް ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށާއި މެމްބަރުންނަށް މުނީރު ޝުކުރު އަދާކުރެއްވި އެވެ.

މުނީރު ކުރެއްވި ޓުވީޓް.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ އާ ބިލްގައި ފަރުވާ އަށް ވަރަށް ބޮޑަށް ބާރުއަޅާފައިވެ އެވެ. އެގޮތުން، ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމުގެ ހައްގާއި އެކަށީގެންވާ ސިއްހީ ފަރުވާ ލިބުމުގެ ހައްގުގެ ތެރޭގައި ދަރިމައިވުމުގެ ކުރިން ކުރަން ޖެހޭ ފަރުވާ އާއި މައިމީހާގެ ބަނޑުގައި ކުއްޖާ ގަރުބަގަތީއްސުރެ، އެ ކުއްޖާ ވިހެއުމާ ހަމައަށް އަދި ކުއްޖާ ވިހެއުމަށް ފަހު ބޭނުންވާ ފަރުވާ އާއި ކުއްޖާ އާއި ކުއްޖާގެ މަންމަގެ އާންމު ސިއްހަތާއި ދުޅަހެޔޮކަން ދެމެހެއްޓުމަށް ކުރަން ޖެހޭ އެންމެހައި ފަރުވާތައް ލިބިދެވޭނެ ގޮތަކަށް އޮވެއްޖެ ނަމަ، އެ ކުއްޖާ ދުނިޔެއަށް އައުމުގެ ކުރިން ވެސް ފައިދާ ހުރި ނިންމުން ނިންމޭނެ ކަން ބިލުގައި ފާހަގަކޮށްފައިވެ އެވެ.

އެހެންވެ، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށާއި ބަލިތަކުން ސަލާމަތްވުމަށް ވެކްސިން ޖެހުމަކީ މައިންބަފައިންގެ ޒިންމާއެއް ކަމާއި އެ ވެކްސިން ޖެހުމަށް އިއުތިރާޒް ކުރުމުގެ ހައްގު މައިންބަފައިންނަށް ލިބިގެން ނުވާ ކަމަށް ވެސް ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ބިލްގައި ވަނީ ބުނެފަ އެވެ.

ބިލްގައި ވަނީ ކުޑަކުދިންނަށް ލިބޭ އުނގެނުމުގެ ހައްގުގެ ތެރެއަށް އިސްލާމީ އުސޫލުތަކާއި ދިމިގްރާތީ ހަމަތައް އުނގަންނައި ދިނުމަށް ބާރު އަޅާ ތައުލީމީ ނިޒާމެއް އެކުލަވާލަން ހިމެނުމަށާއި ސްކޫލަށް ނުދާ އަދި ނުފޮނުވާ ކުދިން ދެނެގަނެ، އެ ކުދިން ސްކޫލެއް ގެންދާނެ ނިޒާމެއް އެކުލަވާލުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށެވެ.

ކުޑަކުއްޖަކީ ރައްކާތެރިކަން ބޭނުންވާ ކުއްޖެއް ކަމަށް ފުލުހުންނަށް ނުވަތަ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސް އަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރި ނަމަ، އެ ކުއްޖާގެ ހާލަތު ދެނެގަތުމަށް މައްސަލަ ތަހުގީގު ކުރުމުގެ ބާރު ފުލުހުންނަށް، އަދި ސޯޝަލް އިންކުއަރީ އާއި އެސެސްމަންޓް ހެދުމުގެ ބާރު ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސް އަށް ބިލުން ދީފައިވެ އެވެ.