ވެރިކަމުގެ ހުވާކުރުމުގެ ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ/މިހާރު
17 ނޮވެމްބަރ 2019 - 11:54
ރައްޔިތުން އުއްމީދުކުރީ ހެޔޮބަދަލަކަށެވެ؛ އެ ބަދަލުގެ މިސްރާބު އިދިކޮޅަށް ގޯސްކޮށް ފެނުނު ނަމަވެސް ސަރުކާރުން އާއްމުކުރި އަދަދުތަކުން ފެންނަ ގޮތުގައި ވެރިކަމުގެ އެއް އަހަރު ކާމިޔާބެވެ.
ރައީސް އޮފީހުން "މިހާރު"އާ ހިއްސާކުރި ތަފާސްހިސާބަށް ބަލާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގަތް ވައުދުތައް ފުއްދެވުމަށް ހުރިހާ ދާއިރާތަކަކުން ވެސް ވަނީ މަސައްކަތް ފަށައިފަ އެވެ. ފުރަތަމަ އަހަރު ބިޔަ މަޝްރޫއުތަކެއްގެ ބިންގާ ނޭޅި ނަމަވެސް އާއްމު ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލު ގެނައުމުގެ ކަންކަން ތަންފީޒު ކުރަން ފަށައިފި އެވެ. އަސާސީ ޚިދުމަތްތަކަށް އިސްކަންދީގެންނެވެ. ފެނާއި ކަރަންޓާއި ނަރުދަމާ އާއި މަގު ހެދުން ފަދަ މަޝްރޫއު ގިނަ ރަށްތަކެއްގައި ކުރިއަށް އެބަދެ އެވެ.
މުޖުތަމައުގެ އަމާންކަމާއި ހަމަޖެހުން ގާއިމްކުރަން ކުރި މަސައްކަތުގެ ނަތީޖާ ވެސް ރަނގަޅެވެ. ނުހައްގުން މީހުން ހައްޔަރުކޮށް ޖަލަށް ނުލަ އެވެ. ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތައް މި ސަރުކާރަކުން ނުހިފަހައްޓަ އެވެ.
ރާއްޖޭގެ އެއްވެސް ރަށެއް ބާކީ ނުކޮށް ތަރައްގީގެ ޕްލޭން އެކަށައަޅައި އިފްތިތާހްކޮށްފައިވާ އިރު ދެން އޮތީ، އެ މަޝްރޫއުތަކުގެ ފެށުމެވެ. ސަރުކާރުން ރައްޔިތުންނަށް ދޭ ޚިދުމަތްތައް ލަސްކަމަށް ބުނާ ވާހަކަ އާއި އެދެވޭ ބަދަލެއް ނުފެންނަ ކަމުގެ ރައްދު ދިނީ މި ހިސާބުތަކުންނެވެ.
މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އަދި އޭގެ ފަހުން، އެންމެ ބޮޑު އިސްކަމެއް ދީފައިވާ އެއް ދާއިރާއަކީ ތައުލީމެވެ. މި ދާއިރާ އިން އެއް އަހަރަށް ރައީސް ވެވަޑައިގަތް ގިނަ ވައުދުތައް ތަންފީޒުކުރަން ފަށައި ހެޔޮބަދަލެއް ވެސް ވަނީ ފެންނަން ފަށައިފަ އެވެ.
މާލެ: ސެޕްޓެމްބަރު 12، 2019: ސާނަވީ އިމްތިހާންގައި ބައިވެރިވެ ވަނަތައް ހޯދި ދަރިވަރުންނަށް އިނާމު ދިނުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.---ފޮޓޯ: ހުސައިން ވަހީދު /މިހާރު
- ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ނާސްތާ ދޭން ފެށި.
- ހިލޭ ޑިގްރީ އަށް ކިޔަވައިދިނުމުގެ ޕްރޮގްރާމް އިފްތިތާހުކޮށް ގިނަ ދަރިވަރުންތަކެއް ވަނީ ރަޖިސްޓްރީވެފައި.
- ސްޓޫޑެންޓް ލޯން 500 ދަރިވަރުންނަށް ދީފައިވޭ.
- ސްޓޫޑެންޓް ލޯންގެ އިންޓަރެސްޓް ރޭޓް ފަަސް ޕަސެންޓުން ތިން ޕަސެންޓަށް ވަނީ ކުޑަކޮށްފައި. ކުރިން ކިޔަވަމުން އައި ދަރިވަރުންގެ ތެރެއިން 60 ޕަސެންޓް ދަރިވަރުންގެ ލޯން އިންޓަރެސްޓް ރޭޓު ވަނީ ކުޑަކޮށްފައި.
- އެއް ދަންފަޅި އަށް ގިނަ ސްކޫލްތަކެއްގައި ކިޔަވައިދޭން ފެށި.
- 20 ރަށެއްގައި ކްލާސް ރޫމް އެޅުމުގެ މަސައްކަތް ފެށި.
- ހައިއެޗީވާސް ސްކޮލަޝިޕް ސްކީމްގެ ދަށުން އޯއީސީޑީ ގައުމުތައް ހިމެނޭ ގޮތަށް ބޭނުން ގައުމަކަށް ކިޔަވަންދެވޭ ގޮތައް އުސޫލު ބަދަލުކުރުން.
- ޖީސީއީ އޭ ލެވެލް އިން އެއް ވަނަ ހޯދާ ދަރިވަރުން އިހްތިޔާރުކުރާ ޔުނިވަސިޓީއަކުން ބޭނުންވާ ޕްރޮގްރާމަކުން ފުރަތަމަ ޑިގްރީ ހާސިލްކުރަން ސްކޮލަޝިޕްދިނުން.
ފަސް އަހަރަށް ސަރުކާރުން އެކުލަވާލި ޕްލޭން ރައީސް އިފްތިތާހްކޮށްދެއްވަނީ. --ފޮޓޯ/މިހާރު
ހދ. ކުޅުދުއްފުށީ ހޮސްޕިޓަލްގައި ސީޓި ސްކޭނާއި ހިތުގެ ފަރުވާ ފެށުމާ އެކު އައިޖީއެމްއެޗަށް ލުއި ވެއްޖެ އެވެ. ކިޔޫ ވަރަށް ބޮޑުތަން ކުޑަވެއްޖެ އެވެ. ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ ސިއްހީ ދާއިރާ އިން ހޯދައި ދެއްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވައުދުވެވަޑައިގަތް ކުރިއެރުމަކީ މިއީ ކަމަށެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލް އެކަންޏެއް ނޫނެވެ. އެ ހޮސްޕިޓަލް ހިމެނޭ ގޮތުން ޓާޝަރީ ފެންވަރަށް ފަސް ހޮސްޕިޓަލް ތަރައްގީ ކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ. އެ މަސައްކަތް އެ އޮތީ ފަށައިފަ އެވެ. އަމާޒަކީ ރާއްޖޭގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗަށް ރައްޔިތުން ބަރޯސާވެފައި އޮތް މިންވަރު ކުޑަކުރުމެވެ.
ނަފްސާނީ ބަލިތަކަށް އައިޖީއެމްއެޗުގައި ކްލިނިކެއް ހުޅުވައި ރައީސް ވާހަކަފުޅު ދައްކަވަނީ. --ފޮޓޯ/މިހާރު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވާ ގޮތުގައި، މި ސަރުކާރުގެ ސިއްހީ ހިދުމަތުގެ ސިޔާސަތަކީ ރައްޔިތުންނާ ވީހާ ގާތުން، އެ މީހަކު ހުރި ރަށަކުން ނޫނީ އެ އަތޮޅަކުން އެކަށީގެންވާ ފަރުވާ ފޯރުކޮށްދިނުމެވެ. އެކަން ކޮށްދެވޭނީ ލާމަރުކަޒީ އުސޫލުން ރާއްޖޭގެ ސިއްހީ ނިޒާމަށް ބަދަލުތަކެއް ގެނެސް ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުގެ ފެންވަރު ރަނގަޅުކޮށްގެން ކަމަށް ވިދާޅުވި އެވެ. ބޭސްކުރަން މާލެއަށް ކުރާ ދަތުރުތައް ވެސް ހުއްޓުމަކަށް ގެނައުމަކީ ސަރުކާރުގެ އަމާޒު ކަމަށް ވެސް ވިދާޅުވި އެވެ.
މި އަމާޒަށް ވާސިލްވާން، އެއް އަހަރުގެ ތެރޭގައި ގިނަ ކަންކަން ކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
- ރީޖަނަލް ހޮސްޕިޓަލްތަކަށް ބޭނުންވާ ވަސީލަތްތައް ހަމަކޮށް ރާއްޖޭގެ ފަސް ސަރަހައްދުގައި ޓާޝަރީ ހޮސްޕިޓަލް ހެދުމުގެ މަސައްކަތް އެބަދޭ.
- ފަސް ހޮސްޕިޓަލުގައި ވެސް ސީޓީ ސްކޭން ހެދުމުގެ އިތުރުން ބޮޑެތި ބަލިތަަކަށް ފަރުވާ ހޯދުމާއި އޮޕަރޭޝަން ކުރުމުގެ ޚިދުމަތް ލިބޭނެ. އަދި ކުޅުދުއްފުއްޓާއި އައްޑޫ ސިޓީގައި އެމްއާރުއައި ޚިދުމަތް ފޯރުކޮށްދިނުމަށް މި އަހަރު ނިމުމުގެ ކުރިން ފެށޭނެ.
- އުތުރާއި ދެކުނުގައި ޑައިލިސިސް ޚިދުމަތް ތަރައްގީކުރުން.
- ނެޝަނަލް ސެންޓަ ފޮ މެންޓަލް ހެލްތު އުފައްދައި ނަފްސާނީ ބަލިތަކަށް އާސަންދައިގެ ދަށުން ފަރުވާދޭން ފެށުން. ކުރު މުއްދަތެއްގައި 4000 އަށް ވުރެ ގިނަ މީހުން ވަނީ ފަރުވާ ހޯދާފައި.
- އާސަންދަ ޚިދުމަތް ރަނގަޅުކޮށް، ހިންގުން ހަރުދަނާ ކުރުމަށް މަސައްކަތް ކުރުން.
- ދުންފަތުގެ އިސްތިއުމާލުކުރުމުން ލިބޭ ގެއްލުމާ ގުޅޭ ގޮތުން ސިނގިރެޓް ފޮށީގެ ބޭރުގައި ތަސްވީރު ޖެހުން ލާޒިމުކޮށް ވަކިވަކިން ސިގިރޭޓް ވިއްކުން މަނާކުރުން.
- ހިއުމަން ޕެޕިލޯމާ ވައިރަސް ވެކްސިން (އެޗްޕީވީ) ވެކްސިން ޖެހުމުގެ ގައުމީ ޕްރޮގްރާމް އިފްތިތާހްކޮށް އުމުރުން 10 އަހަރާއި 14 އަހަރާ ދެމެދުގެ އަންހެން ކުދިންނަށް އެވްޕީވީ ވެކްސިން ދިނުމަށް ކެމްޕޭން ހިންގަން ފެށުން.
ސަރުކާރުން ގަބޫލުކުރާ ގޮތުގައި އެއް އަހަރުގެ އެންމެ ބޮޑު ކާމިޔާބީ އަކީ ގައުމުގައި ހަމަޖެހުން ގާއިމްކޮށްދިނުމެވެ. މިދިޔަ އަހަރު ދުވަހުގެ ތެރޭގައި ނުހައްގުން އެއްވެސް މީހަކު ހިފައި ހައްޔަރު ނުކުރެވެ. ސަރުކާރަށް ފާޑުކިޔާ މީހުންނަށް ބިރެއް ނުދައްކަ އެވެ. ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަހެއް ނާޅަ އެވެ.
ރައީސް އޮފީހުން ދިން މައުލޫމާތުތަކުގައިވާ ގޮތުން، ނުރައްކާތެރި ކުށްތަކުގެ އަދަދު 2018 ވަނަ އަހަރާ އަޅާބަލާއިރު ތިން ޕަސެންޓަށް ވަނީ ދަށްވެފަ އެވެ. ނުރައްކާތެރި ބޮޑެތި ކުށްތައް މަދުވެފައިވާ އިރު ގޭންގް މާރާމާރީގައި އެކަކު ވެސް މަރުނުވާ ކަން ތަފާސްހިސާބުގައި ފާހަގަކޮށްފައިވެ އެވެ.
ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮބަދަލުތަކެއް ގެނެސްދޭން ވެސް މި އަހަރު ގިނަ ކަންކަން ތަންފީޒުކުރަން ފަށާފައިވެ އެވެ.
މާލެ: ޑިސެމްބަރު 29، 2018- ޓޫރިޒަމް މިނިސްޓްރީން އިންތިޒާމުކޮށްގެން ބާއްވާ ގެސްޓްހައުސް ސިމްޕޯސިއަމް ފެށުމުގެ ތެރެއިން،----ފޮޓޯ: އަހުމަދު ނިޝާތު/މިހާރު
- ސަރުކާރުގެ މުވައްޒަފުންނަށް މުސާރައާ އެކު 6 މަސްދުވަހުގެ މެޓާނިޓީ ލީވް އަދި 1 މަސްދުވަހުގެ ޕެޓާނިޓީ ލީވް ކަނޑައެޅުން.
- އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް މާލީ އެހީ ދިނުމާ ބެހޭ ގަވާއިދަށް އިސްލާހު ގެނެސް މަހެއްގެ މައްޗަށް އާއިލާއަކަށް އެންމެ ގިނަވެގެން ދެވޭ އަދަދު 10،000 ރުފިޔާއަށް މަތިކުރުން.
- ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިން ބަލަހައްޓާ ކުދިންނަށް ދެވޭ މާލީ އެހީތެރިކަން އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދިނުމުގެ މަސައްކަތް.
- ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑީޓޮކްސިފިކޭޝަން ސެންޓަރުތައް ގާއިމްކުރުން.
- ކައުންސިލްތައް ބާރުވެރިކުރަން ގާނޫނަށް ބޮޑެތި އިސްލާހުތައް ހުށަހެޅުން.
- އޭސީސީ އަށް މެމްބަރުން އައްޔަންކޮށް، ދެން ހުރި މިނިވަން ކޮމިޝަންތަކަށް ވެސް އާ މެމްބަރުން އައްޔަންކުރަން ފެށުން.
- ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ މަސައްކަތް ފެށުން. ފަނޑިޔާރުންގެ ގާނޫނާއި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނަށް ބަދަލުތައް ގެނެސް ސުޕްރީމް ކޯޓުގެ ބެންޗަށް އާ 3 ފަނޑިޔާރުން އައްޔަންކުރުން.
- މަރުތަކާއި ގެއްލިފައިވާ މީހުންގ މައްސަލަތަކާއި ކޮރަޕްޝަންގެ މައްސަލަތައް ބަލަން އުފެއްދި ކޮމިޝަންގެ މަސައްކަތްތައް ފަށައި މުހިއްމު ހޯދުންތަކެއް ހޯދުން.
- މިނިވަން މުއައްސަސާތަކަށް ސަރުކާރުން ސިޔާސީ ނުފޫޒު ނުފޯރުވުން. އެ މުއައްސަސާތަކަށް މިނިވަންކަމާ އެކު ބިރުވެރިކަމެއް ނެތި މަސައްކަތް ކުރުމަށް ޖާގަ އޮތުން.
- އެއްވެސް ނޫސްވެރިއަކަށް އަދި ނޫސް ހިންގާ ފަރާތަކަށް ވެސް ސަރުކާރުގެ ނުފޫޒެއް، ބިރުވެރިކަމެއް ނެތި މަސައްކަތްކުރުމުގެ މާހައުލު އޮތުން.
ވިޔަފާރި އާއި އިގްތިސާދީ ގޮތުން ވެސް މި އަހަރަށް ކަނޑައެޅި ވައުދުތަކާ މެދު ސަރުކާރުން ހިތްހަމަޖެހެ އެވެ. ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވައި ތަރައްގީކުރަން އެފަދަ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެސްއެމްއީ ބޭންކެއް ވަނީ އުފައްދައިފަ އެވެ. ވިޔަފާރި އަށް ފަހި މާހައުލެއް ގާއިމްކޮށްދިނުމަށް، ފިނޭންސް މިނިސްޓްރީ އިން ވަނީ ހަމައެކަނި ކުދި ވިޔަފާރިތަކަށް 2.5 މިލިއަނަށް ވުރެ ދަށުގެ ބިޑްތަކަށް ކުރިމަތިލެވޭނެ ގޮތަށް މާލިއްޔަތު ގަވާއިދު އިސްލާހުކޮށްފަ އެވެ.
ޓެކްސްގެ ނިޒާމް ހަރުދަނާކުރަން ގެނެސްފައިވާ ބަދަލުތައް ވެސް ސަރުކާރުން ފާހަގަކުރެ އެވެ.
- އިންކަމް ޓެކްސް ބިލް އެކުލަވާލައި މަޖިލީހަށް ފޮނުވުން.
- ޓެކްސް ޕޮލިސީ އަދި އެޑްމިނިސްޓްރޭޝަން ހަރުދަނާކުރަން ޓެކްސް ނެގުމާ ބެހާ އިދާރީ ގާނޫނު އިސްލާހުކޮށް މީރާ އަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ މުއައްސަސާއަކަށް ހެދުން.
ޓޫރިޒަމްގެ ދާއިރާ ކުރިއަރުވަން ވެސް އެއް އަހަރުގެ ތެރޭގައި، ގިނަ ކަންކަން ޕްލޭންކޮށް، ތަންފީޒުކުރަން ވަނީ ފަށައިފަ އެވެ.
- ގެސްޓްހައުސް ވިޔަފާރި ތަރައްގީކުރަން 69 މިލިއަން ރުފިޔާގެ ލޯން ދޫކުރުން.
- ޓޫރިޒަމް ފުޅާކުރަން އެއް އަހަރުގެ ތެރޭގައި 90 ގެސްޓްހައުސް (1336 އެނދު) ހުޅުވުން.
- ގެސްޓު ހައުސްތަކުން 518 ވަޒީފާ އުފެއްދުން.
- ޓޫރިޒަމް މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރު ކުރަން ބޭރުގެ އެކި ގައުމުތަކުގައި 26 ޓޫރިޒަމް ފެއާ އާއި 13 ރޯޑްޝޯ ބޭއްވުން.
- މަސްވެރިކަމަށް ފަހި މާހައުލެއް ގާއިމްކުރަން މަސްވެރިކަމުގެ ގާނޫނު އެކުލަވާލައި އަމަލުކުރަން ފެށުން.
- ކަނޑުމަހުގެ ބާވަތްތައް މަސްވެރިންގެ އަތުން ގަނެވޭނެ އެންމެ ކުޑަ އަގެއް ކަނޑައެޅުން.
- ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ބޭރުގެ މަސްބޯޓުތައް ވަދެ މަސްވެރިކަން ކުރުމަށް ހުއްދަދިނުން ހުއްޓާލުން.
- ދޮށީގެ މަސްވެރިކަމުންބާނާ ކަޅުބިލަ މަސް ގަތުމަށް އަދި ޕްރޮސެސް ކުރުމަށް 5 ކުންފުންޏަށް މިހާރު ދެވިފައިވާ އެކްސްކްލޫސިވިޓީ އުވާލުން.
- 11 މިސްކިތެއް އިއާދަކުރަނިވި ހަކަތިން އޭސީ ކުރުމުގެ މަސައްކަތް ކުރިއަށްދޭ.
- މިސްކިތް އެޅުމުގެ މަސައްކަތް 8 ރަށެއްގައި ކުރިއަށް އެބަދޭ.
- މާލޭގެ ޓްރެފިކް މައްސަލަ އަށް ހައްލެއް ގެނައުން. މަގުމަތީގައި ޕާކު ކޮށްފައިވާ އުޅަނދު މަދުކުރުމަށް، މާލޭގެ 7 ސަރަހައްދެއްގައި ޕާކިން ޒޯންތައް ގާއިމްކުރުން.
- އާންމުކޮށް އެންމެންނަށް ބޭނުންކުރެވޭނެ ގޮތަށް ހުޅުވާލެވިފައިވާ ހިތްފަސޭހަ ފެހި ޕާކެއްގެ ގޮތުގައި އާޓިފިޝަލް ބީޗް ރީޑިވެލޮޕް ކުރުން.
- މާލޭގެ ބޮޑެތި މަގުތައް ހުޅުވާލުން.
- 33 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރަން އެއްބަސްވުމުގައި ސޮއިކުރުން. އީއައިއޭ ހެދުމުގެ މަސައްކަތް ނިމުމާ އެކު 29 ރަށުގައި ވެސް އަމަލީ މަސައްކަތް ފަށާނެ.
- ޖުމްލަ 20 ރަށުގެ ބަނދަރުގެ މަޝްރޫއު ހަވާލުކޮށް، 14 ރަށެއްގައި އަމަލީ މަސައްކަތް ވަނީ ފަށާފައި. 5 ރަށުގެ ބަނދަރު މަސައްކަތް ނިމިއްޖެ.
- 7 ރަށުގައި ރަނގަޅު ފެންވަރަށް މަގު ހެދުން.
- މެދުނުކެނޑި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް 58 ރަށަކަށް އާ ޖަނަރޭޓަރު ސެޓް ފޮނުވުން.
- ޕިކްނިކް ދާނެ ސަރަހައްދެއް ނެތް ރަށްރަށުގެ މީހުންނަށް ޕިކްނިކް ދާން ވަކި ހާއްސަ ސަރަހައްދެއް ކަނޑައެޅުން.
- ކަރަންޓުގެ އަގު ހެޔޮ ކުރުމަށް މާލެ އާއި އަތޮޅުތަކުގެ ވިޔަފާރިތަކަށް ކަރަންޓު ވިއްކާ ރޭޓް އެއްހަމަ ކުރުން. އަތޮޅުތަކުގެ ޑޮމެސްޓިކް ކަރަންޓު ޓެރިފް މާލެއާ އެއްހަމަކުރުން.
- ހއ. ބާރަށު ކުޅި އާއި ހދ. ނޭކުރެންދޫ ކުޅި އާއި ހދ.ކޭލަކުނު އަދި ބޮޑުތިލަދުންމަތީގެ އިތުރު 11 ސަރަހައްދެއް ތިމާވެށީގެ ގާނޫނުގެ ދަށުން ހިމާޔަތްކުރުން.
- އައްޑޫ އަދި ފުވައްމުލަކަކީ ޔުނެސްކޯ ބަޔޮސްފިއަ ރިޒާވެއްގެ ލަގަބު ލިބިފައިވާ އަތޮޅަކަށް ހެދުމަށް "ނޮމިނޭޝަން ޑޮސިއާ" ތައްޔާރުކޮށް ޔުނެސްކޯއަށް ހުށައެޅުން.
- އދ.ގެ ކްލައިމެޓް އެކްޝަން ސަމިޓްގެ ހަވާސާގައި، މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ކުދި ޖަޒީރާ ގައުމުތަކަށް ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށް ރާއްޖެ އިސްނަގައިގެން "ކްލައިމެޓް ސްމާޓް ރެސިލިއަންޓް އައިލެންޑްސް" ގެ ނަމުގައި ބައިނަލްއަގުވާމީ ހަރަކާތެއް ތައާރަފްކުރުން.
- އިރުގެ އަލިން ހަކަތަ އުފެއްދުމަށް 13 ރަށެއްގައި ސޯލާ ޕަވާ ސިސަޓަމް ގާއިމްކުރުން.
- ގްރީން ޓެކްސް އިން ލިބޭ އާމްދަނީ ތިމާވެށި ހިމާޔަތް ކުރުމަށާއި ރައްކާތެރި ގޮތުގައި ކުނި ނައްތާލުމަށާއި، ސާފު ބޯފެން ފޯރުކޮށްދިނުމަށް ހާއްސަކުރުން.
އދ. ގެ އާއްމު މަޖިލީހުގެ ހަވާސާގައި ބޭއްވި ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް
މި ވެރިކަން ފެށުނު އިރު ރާއްޖެ ކޮމަންވެލްތުން ވަކިވެ، އެކުވެރި ގައުމުތަކާ އޮންނަ ގުޅުން ވެސް އޮތީ ހީނަރުވެފަ އެވެ. މި ވެރިކަން ފެށުމާ އެކު ސަރުކާރުން ފެށި އެއް މަސައްކަތަކީ ބައިނަލްއަގުވާމީ މުޖުތަމައާ އޮންނަ ގުޅުން ބަދަހި ކުރުމެވެ.
- ކޮމަލްވެލްތުގެ މެމްބަރަކަށް އަލުން ވުމުގެ މަސައްކަތް ފެށުން.
- ހެޔޮއެދޭ އެކި ގައުމުތަކުން ޖުމްލަ 3.2 ބިލިއަން ރުފިޔާގެ ހިލޭ އެހީ ލިބުން.
- ކުރިއަށް އޮތް އަހަރުގެ އެންމެ ބޮޑު އެއް އަމާޒަކީ ބޯހިޔާވަހިކަމުގެ ބޮޑެތި މަޝްރޫއުތައް ފެށުމާއި ކަނޑުގެ ދަތުރުފަތުރުގެ ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތް ފެށުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
- 149 ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް.
- ދުވަސްވީ މީހުންނަށް ޚާއްސަ 2 މަރުކަޒު ގާއިމްކޮށްދިނުން.
- 750 މިލިއަން ރުފިޔާގެ ސްޓޫޑެންޓް ލޯނު ދޫކުރުން.
- ގުޅީފަޅު ޕޯޓް ޕްރޮޖެކްޓް: މި މަޝްރޫއު ސަބަބުން އެއްފަހަރާ ގިނަ ބޯޓުތަކަކަށް ޚިދުމަތް ދިނުމަށް މަގުފަހިވެ ބޮޑެތި ބޯޓުފަހަރަށް ޚިދުމަތް ދިނުމަށް ފަސޭހަ ވާނެ. ރާއްޖެއަށް މުދާ އުފުލުމުގެ ޚަރަދު ވެސް ކުޑަވެގެންދާނެ. ޕޯޓާ އެކު ހުރިހާ ގުދަންތައް ގުޅީފަޅަށް ބަދަލުކުރުމުގެ ސަބަބުން މާލޭގައި ތޮއްޖެހުން ކުޑަވެގެންދާނެ.
- އައްޑޫ ސިޓީގައި ބިން ހިއްކުމާއި މަގު ހެދުމާއި ފެން ހިންދާ ނިޒާމްތައް ތަރައްގީކުރަން ފެށުން.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހައްމަދުއަލީ
18 November 2019
މަސްގަންނާނެ އެންމެ ކުޑައަގެއް ކަޑައެޅީ ކޮންއިރަކުތޯ؟
ޝޮކްތެރަޕީ
17 November 2019
ޔާމިން ރާއްޖޭގެ ރިޒާވް އިތުރުކޮއްދިންތީ ފެންނަ ނަތީޖާ މިފެންނަނީ
ތތތހހ
17 November 2019
ވަރަށް ފައްކާ ރިޕޯޓެއް. ތައުލީމީ ދާއިރާއަށް ކީއްކޮށްދިނީ؟ މަތީބތައުލީމުގެ ލޯނުގެ ގޮތުގައި ދިން 500 ފުރުސަތު 140 އަށް ހެދުންތަ؟
އާސިފް
17 November 2019
އަދި އެއް ކަމެއް- ކޯލިޝަން ސަރުކާރެއްގަ ކެބިނެޓްގެ ހަމަ މެމްބަރަކުވެސް އިސްތިއުފާ ނުދީ އެއް އަހަރު ހިފަހައްޓާލެވުނު ފުރަތަމަ ސަރުކާރު މީ.
ޞޫޚެ
18 November 2019
ނުވާނެ ތިހެން... އިމްރާނު އިސްތިއުފާދިން ނޫންތޯ.. ކަލޭ ދޫނިރާއްޖޭގަ އުޅެންޔާ ވާނީތިހެން. ނޭގޭނެ..
ކޯޑިނޭޓަރ
17 November 2019
މާ ބޮޑު ކަމެއް ތަރައްޤީ ގެ ގޮތުން ނުވޭ.. އެކަމަކު ބައިކޮޅަށް ގޯލް ނުޖަހާތީ ރަނގަޅު .
ރާއްޖެ
18 November 2019
ބާގީ ލުތުފީ އެމްބަސީގަ ހިމާޔަތްދީގެން ގެންގުޅުން. އެމްޑީއެން ލާދީނީ ގްރޫޕަށް ބޮޑެތި މަގާމް ދިނުން.
ޑޮކްޓަރ ނާން
17 November 2019
ދިވެހިން ހިތް ނުފުރޭނެ. ޝުކުރުވެރި ނުވާ ބައެއް
އެހެންނޫން
18 November 2019
ހިތްފުރެނީ އަބަދުވެސް އެއް ބައެއްގެ. އެއީ އެއިރެއްގަ އޮންނަ ސަރުކާރަކަށް ތާއީދުކުރާ ބައެއްގެ.
ރާޖުބައްބަރު
17 November 2019
29 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފަ ރައްޔިތުން އޮތީ އަހަރު ފެށުނުއިރު. ދެން ޝާހިދުގެ ދަތުރުތަކަށް ކަނޑާފަ ކޮންމެވެސް ކަންތަކެއް ފެންނަން ހުންނާނެތާ އަހަރެއް ނިމިގެންދާއިރު.
ފަތުހުﷲ
17 November 2019
ހުރިހާ ރަށަކަށް އެމްބިއުލާންސް ހަމަވެގެން ދިޔުމަކީވެސަ ވަރަށް ފުރިހަމައަށް ކުރެވިގެން ދިޔަ ކަމެއް.. ސިއްހީ ދާއިރާގެ ސުރުހީގެ ދަށުން އެ ވާހަކަވެސް ހިމަނާލިނަމަ..
އޮޅާލީތޭ
17 November 2019
އެއް އަހަރުގެ ކާމިޔާބު ތަފާސްހިސާބުން ދައްކާ އިރު މާލެ ސަރަހައްދުގައި ގޯތި ގެދޮރު ނެތި މަގުމަތީގައި ނިދާމީހުންނަށް ހޯދާދިން ފަސޭހަ އެއްނެތް ދޯ ދެން މާލެ ސަރަހައްދުގައި ވިޔަފާރި ކުރާ މީހުންގެ ވިޔަފާރި ފުނޑިގެން ނުދިއުމަށް ޓަކައި ތިލަފުށި އަދި ގުޅިފަޅުން ދިން ގޯއްޗެއް ނެތް ދޯ ދެން އަނެއް ކޮޅުން މާލޭގައި ހުރި އަމިއްލަ ކޮލެޖްސް ތައް ހިންގަން އެމެން ނަށް ދިން ގޯއްޗެއް ނެތް ދޯ އަމިއްލަ ކުންފުނި ތަކުގެ ވިޔަފާރި ވަނީ ފުނޑި އިގްތިސާދު ވަނީ އޮޅާލާފައޭ...
ޜައް
17 November 2019
އެމްޑީއެން އަދިވެސް އުވައެއް ނުލާ. އެ ރިޕޯޓް ނެރުނުމީހުން ތިބީ މިސަރުކާރުން ރައްކާތެރިކޮށްދީފައި