ހަރުކަށި ފިކުރު ނުހުއްޓުވިއްޖެ ނަމަ ގައުމު ހަރާބުވެދާނެ: ނަޝީދު

ދީނީ ހަރުކަށި ފިކުރުގެ ހަރަކާތްތައް ނުހުއްޓުވިއްޖެ ނަމަ، ރާއްޖެ ހަރާބުވެދާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މަޖިލިހުގައި މިއަދު ވިދާޅުވެއްޖެ އެވެ.


ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ގޮތް ތަހުގީގުކޮށް ރިޔާސީ ކޮމިޝަނުން ތައްޔާރު ކުރި ރިޕޯޓުގެ ހުލާސާއެއް އިއްވަވައި ދެއްވުމަށް ފަހު، ނަޝީދު ވިދާޅުވީ ރާއްޖޭގައި ހިނގާ ދީނީ، ހަރުކަށި ފިކުރުގެ ހަރަކާތްތައް އަވަހަށް ތަހުގީގުކޮށް ހުއްޓުމަކަށް ނުގެނެވިއްޖެ ނަމަ، ރާއްޖެ ހަރާބުގެ މަގަށް ދާނެ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށެވެ.

އެހެންވެ، ފުލުހުންނާއި ޕްރޮސެކިއުޓަ ޖެނެރަލާއި ދައުލަތުގެ ކަމާ ބެހޭ އެންމެހާ ފަރާތްތަކުން ވެސް ރިޕޯޓުގެ މައްޗަށް އަމަލު ކުރަން އަވަސްވެ ގަތުމަށް ވެސް ނަޝީދު އެދިވަޑައިގަތެވެ.

ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަތައް ބަލަން އުފެއްދި ރިޔާސީ ކޮމިޝަންގެ ތަހުގީގު ރިޕޯޓުން ހާމަވެފައިވާ ގޮތުގައި އަފްރާޝީމް އަވަހާރަކޮށްލަން ބަޔަކާ ހަވާލުކުރީ ރާއްޖޭގައި ހިންގާ ޖިހާދީ ފިކުރުގެ ޖަމާއަތަކާ އެވެ. އެ ޖަމާއަތް ހިންގަނީ މުހައްމަދު މަޒީދު އަދި ސާމިތު މުހައްމަދު ނަމަކަށް ކިޔާ މީހެއް ކަމަށް ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައިވެ އެވެ.

މަޒީދާއި ސާމިތަކީ އަހުމަދު ރިލްވާން ވަގަށް ނެގުމުގައި ވެސް ތުހުމަތުކުރެވޭ ޖަމާއަތުގެ މީހުންނެވެ.

އޮކްޓޯބަރު 2، 2012 ގައި އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގައި ކުށް ސާބިތުވެފައިވަނީ ހ. ލޮބީ ހުސައިން ހުމާމް އަހުމަދުގެ މައްޗަށެވެ. އޭނާގެ މައްޗަށް އިއްވި މަރުގެ ހުކުމް ސުޕްރީމް ކޯޓުން ވެސް ވަނީ ދަމަހައްޓައިފަ އެވެ. ނަމަވެސް ކޮމިޝަންގެ ތަހުގީގުގައި ބުރަވެފައި ވަނީ ހުމާމާ އެކު ދައުވާ ލިބި ކުށް ސާބިތު ނުވި ހ. ހިކޯސްޓް އަލީ ޝާން (ސަޓޯ) ވެސް ހުމާމާ އެކު ބައިވެރިވެފައިވާ ކަމަށެވެ. އަދި 18 އަހަރުން ދަށުގެ ކުޑަ ކުއްޖާގެ ބައިވެރިވުން ވަރަށް ބޮޑަށް އޮތް ކަމަށް ރިޕޯޓުގައިވެ އެވެ.

ރިޕޯޓުގައި ވަނީ އަފްރާޝީމް އަވަހާރަކޮށްލުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުންގެ ތެރޭގައި އަޒްލިފާއި ހުމާމާއި ޝާން އާއި 18 އަހަރު ނުފުރޭ ކުޑަ ކުޑަކުއްޖާއާ އެކު އިތުރު ބަޔަކު ވެސް އެ މަސައްކަތުގައި ބައިވެރިވެފައިވާ ކަމަށެވެ. ނަމަވެސް އެ މީހުން އަފްރާޝީމް އަވަހަރާކޮށްލި ހާދިސާ އަށް ފަހު، ރާއްޖެ އިން ބޭރަށް ހަނގުރާމަ އަށް ގޮސްފައިވާތީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ދަތިވެފައިވާ ކަމަށް ވެސް ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައިވެ އެވެ.

ކޮމިޝަނުން ބުނި ގޮތުގައި އަފްރާޝީމް އަވަހާރަކޮށްލި ރެއަށް ފަހު، ޖެހިގެން އައި ދުވަހު ބަޔަކު، މާލެ އިން ގަތަރަށް ފުރި އެވެ. އޭގެ ތެރޭގައި، އަފްރާޝީމަށް މިސްކިތެއްގެ ތެރޭގައި ހަމަލާ ދޭން އުޅުމުގެ ތުހުމަތު އޮތް ގދ. ވާދޫ ޖަވާހިރުގޭ ޖާދުﷲ އިބްރާހިމާއި މ. ހާދޫ މުހައްމަދު ނިޝާނާއި އިތުރު ހަތް މީހަކު ހިމެނެ އެވެ. އެ މީހުން ވަނީ ސީރިއާ އާއި ސޫދާނަށް ގޮސްފައި ކަމަށް ރިޕޯޓްގައިވެ އެވެ.

ރިޕޯޓުގައި ބުނެފައި ވަނީ މި އެންމެންނަކީ މަޒީދާއި ސާމިތު އިސްވެ ތިބެ ހިންގާ ޖިހާދީ ފިކުރުގެ ޖަމާއަތުން ތަމްރީންކޮށް، މާލޭގައި އެކިއެކި ހަރަކާތްތައް ހިންގާފައިވާ މީހުން ކަމަށެވެ.

ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ވަނީ ރާއްޖޭގައި ޖިހާދީ ފިކުރުގެ ޖަމާއަތްތައް ރާވައި ހިންގާ ގޮތް ތަފްސީލްކޮށްދީފަ އެވެ. އެގޮތުން ހަރުކަށި ޖިހާދީ ފިކުރުގެ ހަރަކާތްތައް ކުރީއްސުރެ، ހިނގަމުންދާ ކަމަށް ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ.