ރާއްޖެ ޓީވީ ރޯކޮށްލި ދުވަހު އަދީބުގެ މެސެޖެއް ޔާމީނަށް: "މިޝަން އެކޮމްޕްލިޝްޑް"

ރާއްޖެ ޓީވީ ރޯކޮށްލި ދުވަހު، "މިޝަން" ކާމިޔާބު ވެއްޖެ ކަމަށް ވިދާޅުވެ، އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މެސެޖް ކުރެއްވި ކަމަށް، ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަތައް ބަލަން އުފެއްދި ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ބުނެފި އެވެ.


ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ގޮތް ތަހުގީގު ކުރުމަށް ފަހު، ރިޔާސީ ކޮމިޝަނުން އެކުލަވައިލި ރިޕޯޓަށް ދެއްވި ބަޔާނުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމް ވިދާޅުވީ، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުހައްމަދު ނަޝީދަށް ވާދަނުކުރެވޭނެ ގޮތް ހެއްދެވުމަށް އަދީބު ވަރަށް މަސައްކަތް ކުރެއްވި އެވެ.

އަދި އޭނާ ދިޔައީ އެކަމާ ގުޅޭގޮތުން އެކި މަސައްކަތް ކުރައްވަމުން ކަމަށާއި އެ ހުރިހާ ކަމެއް ވެސް، އަދީބު ޔާމީނާ ހިއްސާ ކުރެއްވި ކަމަށް ނާޒިމް ވިދާޅުވި އެވެ.

ޔާމީނާ، ކުރިން ގާތްގުޅުމެއް ބާއްވަމުން އައި ނާޒިމްގެ ބަޔާނުގައިވާ ގޮތުން "މިޝަން ކާމިޔާބު ވެއްޖެ" ކަމަށް ވިދާޅުވެ އަދީބު، ޔާމީންގެ ފޯނަށް މެސެޖް ކުރެއްވީ އެ މަނިކުފާނު ގޭގައި ތާސްކުޅުއްވަން އިންދަވަ އެވެ. އަދި އައިނު ނާޅުއްވައި ޔާމީނަށް މެސެޖް ވިދާޅު ނުވެވޭތީ އެ ވިދާޅުވެ ދެއްވުމަށް އޭނާގެ އަރިހުން ޔާމީން އެދިވަޑައިގަތީ ކަމަށް ނާޒިމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ކުރީގެ ރައީސް ޔާމީނާއި ނާޒިމް ބައިވެރިވެވަޑައިގަންނަވަނީ

"އެ މެސެޖްގައި އޮތީ މިޝަން އެކޮމްޕްލިޝްޑް ކަމަށެވެ. އެއީ ކޮން ކަމަކަށް ބުނި އެއްޗެއް ކަމެއް އޭރު އަޅުގަނޑަކަށް ނޭނގެ އެވެ،" ފަންސަވީސް އަހަރަށް ޖަލަށްލާން ސުޕްރީމް ކޯޓުން 2015 ގައި ކުރި ހުކުމާ އެކު، މެމްބަރު ކަމުގެ ގޮނޑި ގެއްލިފައިވާ ނާޒިމް ވިދާޅުވެފައި ވެ އެވެ.

"ނަމަވެސް އެ ދުވަހު ރާއްޖެ ޓީވީގައި ރޯކޮށްލައިގެން އުޅޭކަން އެނގުމުން، އެ މެސެޖަކީ އެކަމާ ގުޅޭގޮތުން ފޮނުވި އެއްޗެއްކަން ފަހުން އެނގުނެވެ."

ނާޒިމް ވިދާޅުވި ގޮތުގައި އަދީބު އޭރު ހުންނެވީ ކޮންމެ ފަދަ ސަބަބެެއް ކުރިމަތިކޮށްގެން ނަމަވެސް، އިންތިޚާބުގައި ނަޝީދަށް ބައިވެވަޑައި ނުގަންނެވޭނެ ގޮތް ހެއްދެވުމަށެވެ.

"އަޅުގަނޑު ޔާމީންއާއެކު އިންނަ ވަރަށް ގިނަ ދުވަސްތަކުގައި، ޔާމީންގެ ކައިރިއަށް އަދީބު އަންނާނެ އެވެ. އަދި އައިސް، އަދީބު ކުރާ މި ފަދަ ކަންތައްތަކުގެ ވާހަކަ ޔާމީން ގާތުގައި ދައްކަ އެވެ." ނާޒިމް ވިދާޅުވި އެވެ.

ރާއްޖެ ޓީވީ ހުންނަ އިމާރާތުގައި ރޯކޮށްލި މައްސަލައިގައި ހަތް މީހަކާއި ކުޑަ ކުއްޖަކު ހައްޔަރު ކުރި ނަމަވެސް އެ މައްސަލައިގައި މިހާރު ދައުވާ ކުރަނީ އެންމެ މީހެއްގެ މައްޗަށެވެ. އެ މައްސަލަ ކްރިމިނަލް ކޯޓުން އަދިވެސް ނުނިމެ އެވެ. ދީނީ އިލްމުވެރިޔާ އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގެ ތަފްސީލީ ރިޕޯޓު ރިޔާސީ ކޮމިޝަނުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އަދި އެ ރިޕޯޓު ކަމާ ގުޅޭ އިދާރާތަކަށް ފޮނުއްވުމަށް ފަހު، ރައީސް އޮފީހުން މިއަދު ވަނީ ރިޕޯޓު އާންމުކޮށްފަ އެވެ.