އަމިއްލަ ޕްރީ ސްކޫލް، ދޮންދޫނީގައި ކިޔަވަމުން އަންނަ އުމުރުން ހަ އަހަރުގެ ކުއްޖަކު ކީރިތި ގުރުއާން ހިތުދަސްކޮށްފި އެވެ.
ގުރުއާން ހިތުދަސްކޮށް އެ ސްކޫލަށް ކިޔައިދީފައިވަނީ ޔޫކޭޖީގައި ތައުލީމް ހާސިލް ކުރަމުން އަންނަ ރ. އިނގުރައިދޫ، ޔޫސުފް ބިން މާޒިން އެވެ.
ގުރުއާން ހިތުދަސްކުރި ނަމަވެސް ހާފިޒު ކަމުގެ ސަނަދު ލިބޭނީ ގުރުއާނާ ބެހޭ މަރުކަޒުގައި އޮންނަ އެކަމަށް ޚާއްސަ ކޮމެޓީއަކަށް ގުރުއާން އެއްކޮށް ކިޔައިދިނުމުންނެވެ. އުމުރުން ހަތް އަހަރު ނުވާތީ ޔޫސުފް އަދި އެ ކޮމެޓީ އަށް ކިޔައެއް ނުދެ އެވެ.
ޔޫސުފްގެ ބައްޕަ މާޒިން ހުސައިން އިބްރާހިމް ބުނިގޮތުގައި އޭނާގެ ދަރިފުޅަށް އެ ޝަރަފް ހޯދައި ދިނީ އެ ސްކޫލުން ކޮށްދިން ބުރަ މަސައްކަތުންނެވެ. އެހެންކަމުން ސްކޫލުގެ ވެރިންނަށާއި ޔޫސުފްގެ އާންޓީ ފާތިމަތު ޝިޔާޒާ އަށް އޭނާ ޝުކުރު އަދާ ކުރި އެވެ.
ޔޫސުފް ގުރުއާން ހިތުދަސް ކުރަން ފަށާފައިވަނީ ބޭބީ ނާސަރީން ފެށިގެންނެވެ. އެ ގުރޭޑްގައި އެއް ފޮތް ހިތުދަސްކުރިއިރު ނާސަރީގައި 2 ފޮތް ދަސްކުރި އެވެ. އަދި އެލްކޭޖީގައި ފަސް ފޮތް ދަސްކޮށް މިއަހަރު ޔޫލޭޖީގައި 22 ފޮތް ދަސްކުރި އެވެ.
އެ ސްކޫލުގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.
އޭނާގެ ބައްޕަ ބުނިގޮތުގައި ޔޫސުފްގެ ހިތުގައި ގުރުއާންގެ ޝައުގު އުފެދުނީ އޭނާގެ މަންމަގެ ފަރާތުންނެވެ. ޔޫސުފްގެ މަންމައަކީ ޓީވީއެމްްއިން ބޭއްވި އެންމެ އަލިގަދަ ތަރި ޕްރޮގްރާމުން މަޝްހޫރުކަން ހޯދި އުންމުހާނީ އިބްރާހިމް އެވެ.
މިދިޔަ އަހަރު ވަނީ އެ ސްކޫލުން ތައުލީމް ހާސިލްކުރި ފަސް އަހަރުގެ ކުއްޖަކުވެސް ގުރުއާން ހިތުދަސްކޮށްފަ އެވެ. އެ ސްކޫލަކީ ދީނީ ތައުލީމަށް ވަރަށް ބޮޑަށް އިސްކަން ދީގެން ކިޔަވައި ދޭ ސްކޫލެކެވެ.