އަރީފް ރިޓަޔާކުރައްވައި ސުޕްރީމް ކޯޓް ހިންގުން އަޒްމިރަލްދާ އަށް

ސުޕްރީމް ކޯޓު ހިންގެވުމާ ހަވާލުވެ ހުންނެވި ފަނޑިޔާރު އަބްދުﷲ އަރީފް ރިޓަޔާ ކުރައްވައި، ސުޕްރީމް ކޯޓު ހިންގުން ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާ ހަވާލުކޮށް އަދި އެ ކޯޓުގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު މަގާމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިރޭ ނިންމައިފި އެވެ.


އަރީފް ރިޓަޔާކުރެއްވީ އެމަނިކުފާނާއި ފަނޑިޔާރު އަބްދުލްޣަނީގެ މައްސަލަތަކެއް ޖޭއެސްސީ އިން ބަލަމުން އަންނަނިކޮށެވެ. ނަމަވެސް ޖޭއެސްސީން ބުނީ އަރީފް ރިޓަޔާކުރެއްވީ ސިއްހީ ސަބަބުތަކަށްޓަކައި ކަމަށެވެ.

މައްސަލަތައް ބެލުމަށް ފަހު ޣަނީ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން މިރޭ ވަނީ ނިންމައިފަ އެވެ. އަރީފް އިޚްތިޔާރު ކުރެއްވީ ރިޓަޔާކުރެއްވުމަށެވެ.

ސުޕްރީމް ކޯޓު ހިންގެވުމާ ހަވާލުކުރި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު. -- ފޮޓޯ: ރައީސް އޮފީސް

ޣަނީ މަގާމުން ވަކިކުރަން މަޖިލީހަށް ފޮނުވަން ނިންމައި، އޭނާ ވަނީ ގާނޫނުގައި ބުނާ ގޮތަށް، 60 ދުވަހަށް ވުރެ އިތުރުނުވާ ގޮތަށް ސަސްޕެންޑް ވެސް ކޮށްފަ އެވެ.

އަރީފާއި ޣަނީގެ އިތުރުން އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ މައްސަލަތަކެއް ވެސް ޖޭއެސްސީން ބެލި އެވެ. އެ ބޭފުޅުންގެ މައްސަލަތައް ބެލުމަށް ފަހު، ގާނޫނުގައި ކަނޑައަޅާފައިވާ، ފަނޑިޔާރުންނާ އެކަށީގެން ނުވާ އަމަލުތައް ކުރައްވާފައިވާ ކަމަށް ނިންމައި އެ ބޭފުޅުން ވެސް ވަނީ މި ހަފުތާގައި މަގާމުން ވަކިކޮށްފަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ރިޓަޔާކުރެއްވި އަބްދުﷲ އަރީފް. -- ފޮޓޯ: މިހާރު

މި ދެ ފަނޑިޔާރުން ވަކި ކުރުމުން ސުޕްރީމް ކޯޓުގައި މިހާރު ތިއްބަވާނީ އެންމެ ފަހުން އެ ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރެއްވި ތިން ބޭފުޅުންނެވެ. އެއީ އަޒްމިރަލްދާގެ އިތުރުން ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ. ފަނޑިޔާރުންގެ ބެންޗު ފުރިހަމަކުރުމަށް އަލަށް ހަތަރު ފަނޑިޔާރުން އައްޔަންކުރަން ޖެހެ އެވެ.

އުއްތަމަ ފަނޑިޔާރު މަގާމުން ވަކިކުރުމުން، ސުޕްރީމް ކޯޓު ހިންގުމާ ހަވާލުކުރެއްވި އަރީފް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރެއްވީ ސެޕްޓެމްބަރު 18، 2008 ގަ އެވެ. އަރީފް ފުރުއްވާފައިވާ މަގާމުތަކުގެ ތެރޭގައި، 2010 އިން 2014 އަށް ސުޕްރީމް ކޯޓުގެ ޗެމްބަ ފަނޑިޔަރުކަމާއި، 2005 އިން 2008 އަށް ޖިނާއީ ކޯޓުގެ އިސް ގާޒީކަމާއި 1998 އިން 2005 އަށް އެކޯޓުގެ ގާޒީކަން ހިމެނެ އެވެ. ރިޓަޔާކުރެއްވި އިރު އުމުރަކީ 51 އަހަރެވެ.