ބޮޑު ގޯހެއް ހަދައި ރިޕޯޓް ފާސްކުރި ކަމުގެ ތުހުމަތު!

ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމާ ގުޅޭ ގޮތުން މަރު ކޮމިޝަނުގެ ރިޕޯޓް ދިރާސާކޮށް، އާ ތުހުމަތުތަކަކާ އެކު ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ފާސްކުރި ރިޕޯޓަކީ "ބޮޑު ގޯހެއް" ކަމަށް ސިފަކޮށް، ރިޕޯޓާ މެދު އިދިކޮޅު މެމްބަރުން ސުވާލު އުފައްދަވައިފި އެވެ.


އަފްރާޝީމް އަވަހާރަކޮށްލުމާ ގުޅޭ ގޮތުން މަރު ކޮމިޝަންގެ ރިޕޯޓް ދިރާސާކުރަން ހަވާލުކުރީ 241 ކޮމިޓީއާ އެވެ. އެކަން ކުރަން އެ ކޮމިޓީން އެކުލަވާލީ ތިން މެމްބަރުންގެ ސަބް ކޮމިޓީއެކެވެ. އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފާއި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފްގެ އިތުރުން ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފެވެ.

މެމްބަރު ހުސެއިން މުހައްމަދު ލަތީފް ވިދާޅުވީ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ފާސްކުރި ރިޕޯޓުގައި ޝައްކު ކުރެވޭ ގިނަ ކަންކަމާއި މައްސަލަތަކެއް އެބަހުރި ކަމަށެވެ. ފުރަތަމަ ކަމަކަށް، އޭނާ ފާހަގަކުރެއްވީ މަރު ކޮމިޝަންގެ ރިޕޯޓުގައި ތުހުމަތުކޮށްފައި ނެތް މީހުންގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތުކޮށް ލިސްޓެއް އެކުލަވާލުމެވެ. އެއާއެކު، އަފްރާޝީމްގެ ގަޔަށް ވަޅި ހެރުމުގައި އަމަލީ ގޮތުން ބައިވެރިވި ހ. ހިކޯސްޓާ އަލީ ޝާން (ސަޓޯ)ގެ ނަމެއް ނެތެވެ. މި ސަރުކާރުގެ އިސް ބޭފުޅުންނާ ގާތް ގުޅުމެއް އޮންނަ ސަޓޯއަކީ ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްޒެޑްއަައިއެލް)ގެ މުވައްޒަފެކެވެ. ރިޕޯޓް އާއްމުވުމާ އެކު އޭނާ ވަނީ ސަސްޕެންޑްކޮށްފަ އެވެ.

ރިޔާސީ ކޮމިޝަންގެ ރިޕޯޓު ދިރާސާކުރުމަށް ފަހު، ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ އަށް ލަފާ ދޭން ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި ސަލަފް ވެސް ހިމެނޭ ގޮތަށް ޖިހާދީ ފިކުރުގެ ފަރާތްތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅުމާއި އަފްރާޝީމް އަވަހާރަކޮށްލުމުގައި ހިންގާފައިވާ ފައިސާގެ މުއާމަލާތްތަކުގެ ތަފްސީލް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް ހޯދައި އެ ފަރާތްތަކާ ދެކޮޅަށް ގާނޫނީ ގޮތުން ފިޔަވަޅު އެޅުމަށް ކަމާބެހޭ މުއައްސަސާތަކަށް ހިއްސާކުރުން ހިމެނެ އެވެ.

ސަބް ކޮމިޓީގައި ހިމެނިވަޑައިގަތް ހުސެއިން މުހައްމަދު ލަތީފާއި އާދަމް ޝަރީފް ސިފަކުރެއްވި ގޮތުގައި މި ރިޕޯޓަކީ ވަކި ބަޔަކަށް އަމާޒުކޮށްގެން ހެދި އެއްޗެކެވެ. އެއާއެކު މި ގޮތަށް ރިޕޯޓް ތައްޔާރު ކުރެއްވީ މެމްބަރު ހަސަން ލަތީފް ކަމަށް ވެސް ތުހުމަތު ކުރައްވަ އެވެ.

ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއަކީ ސިއްރު ކޮމިޓީއަކަށް ވާތީ، މި ތުހުމަތާ ގުޅިގެން ހަސަން މީޑިއާގައި މިހާތަނަށް އޭނާ އެއްޗެއް ވިދާޅެއް ނުވެ އެވެ.

މެމްބަރު ހުސެއިން މުހައްމަދު ލަތީފް ވިދާޅުވީ ސަބް ކޮމިޓީން ތިން ބައްދަލުވުމެއް ބޭއްވި އިރު އެންމެ ފަހު ބައްދަލުވުމުގައި އޭނާ ބައިވެރިވެވަޑައިނުގަންނަވާ ކަމަށެވެ. ރިޕޯޓާ ގުޅޭ ގޮތުން ކޮމެންޓެއް ވެސް ނުކުރައްވާ ކަމަށާއި އެ ހާލަތުގައި، ސަބް ކޮމިޓީގެ ނިންމުންތަކުގެ ގޮތުގައި މައި ކޮމިޓީ އަށް އެ ރިޕޯޓް ނުފޮނުއްވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މައި ކޮމިޓީ [241 ކޮމިޓީ] އަށް ރިޕޯޓް ފޮނުވީ އަޅުގަނޑުމެން ދެ ބޭފުޅުންގެ އެއްވެސް ހިއްސާއެއް ނެތި،" އޭނާ ވިދާޅުވި އެވެ.

ހުސެއިން މުހައްމަދު ވިދާޅުވި ގޮތުގައި ސަބް ކޮމިޓީ އަށް އޭނާގެ އިތުރުން އާދަމް ޝަރީފް ނެގިއިރު، އެންމެ އެކަށީގެންވާ ވަގުތު ނުދެއްވޭނެ ކަމަށް ވާނީ ދަންނަވައިފަ އެވެ.

ސަލާމަތީ ކޮމިޓީގެ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ މުގައްރަރަކީ އަސްލަމް ކަމަށް ވިޔަސް އޭނާ ބައްދަލުވުމަށް ވަޑައިނުގަންނަވާނީ ވޯޓަށް އެއްސެވީ ހުސެއިން މުހައްމަދު ލަތީފެވެ. އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ ކޮމިޓީން ރިޕޯޓް ފާސްވި އެވެ.

ހުސެއިން މުހައްމަދު ލަތީފް ވިދާޅުވި ގޮތުގައި ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ ވޯޓަކުން ރިޕޯޓް ފާސްކުރީ ސަބް ކޮމިޓީން ފާސްނުކޮށް އޮއްވަ އެވެ.

"ފަހުން، މަޖިލީހުގެ މުވައްޒަފުންނާ ވާހަކަ ދެއްކުމުން އެނގުނީ ކޮމިޓީން މި ހެދުނީ ބޮޑު ގޯހެއް ކަން. އަޅުގަނޑު ކޮމިޓީ ޗެއާކުރަން އިށީން އިރު އަޅުގަނޑާ ހަމައަށް މައުލޫމާތު ހިއްސާކޮށްފައެއް ނުވޭ އެ ރިޕޯޓް ފާސްނުކޮށް އޮތް ކަމަަކަށް،" އޭނާ ވިދާޅުވި އެވެ.

އެ ރިޕޯޓް ފާސްނުކޮށް އޮތް ކަން ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމަށް، މަޖިލީހުގެ މުވައްޒަފުން އަންގާފައި އޮތް ކަމަށް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވި އެވެ. މި ރިޕޯޓް ގެންދާ ގޮތުން ޝައްކު އުފެދޭ ބައިވަރު ކަންކަން ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

އޮކްޓޯބަރު 2، 2012 ގައި އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ދައުވާކުރި އެވެ. އެއީ ކުށް ސާބިތުވި ހ. ލޮބީ ހުސައިން ހުމާމް އަހުމަދުގެ އިތުރުން ސަޓޯ އާއި އުމުރުން 18 އަހަރުން ދަށުގެ ކުއްޖާ އެވެ. ހެކިންނާ ހަވާލާދީ ކޮމިޝަންގެ ރިޕޯޓްގައި ބުނެފައިވާ ގޮތުން ސަޓޯ ވަނީ އަފްރާޝީމްގެ ހަށިކޮޅަށް ވަޅި ވެސް ޖަހައިފަ އެވެ. އަދި މި ހަމަލާ ރާވައި ތަންފީޒުކުރުމުގެ އެއް މޭސްތިރިޔާ އަކީ ވެސް އޭނާ އެވެ.