މަގުމަތީގައި ދުންފަތުގެ އިސްތިއުމާލުކުރުން އެންމެ ފުރަތަމަ މަނާކުރާނީ އައިޖީއެމްއެޗް ހޮސްޕިޓަލް ހިމެނޭ ސަރަހައްދުގައި ކަމަށް މާލޭގެ މޭޔަރު ޝިފާ މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
މާލޭގެ މަގުތަކުގައި ދުންފަތުގެ އިސްތިއުމާލުކުރުުން މަނާކުރަން ސިޓީ ކައުންސިލުން ވަނީ މިދިޔަ މެއި 15 ގައި ނިންމައިފަ އެވެ. ކައުންސިލުން އޭރު ބުނި ގޮތުގައި އެ ނިންމުމަށް އަމަލުކުރަން ފަށާނީ ހަ މަސް ފަހުންނެވެ.
ނަމަވެސް އެކަން ތަންފީޒުކުރުމުގެ މުއްދަތު ހަމަވި އިރު ވެސް އަމަލީ ސިފައެއް ނާދެ އެވެ.
ޝިފާ ވިދާޅުވީ ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމާ ގުޅޭ މަސައްކަތްތައް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ. ވިސްނުން ހުރީ ދުންފަތުގެ އިސްތިއުމާލުކުރެވޭނެ ވަކި ސްޕޮޓްތަކެއް ހެދުން ކަމަށް ވިދާޅުވި އެވެ.
އެ ސްޕޮޓްތައް އެންމެ ފުރަތަމަ ހަދާނީ އައިޖީއެމްއެޗް ހޮސްޕިޓަލް ހިމެނޭ ސަރަހައްދުގަ އެވެ.
"އަމާޒަކީ އެ ސަރަހައްދަކީ ސްމޯކް ފްރީ ސަރަހައްދަކަށް ހެދުން. މަސައްކަތްތައް ކުރަމުން އަންނަނީ،" ޝިފާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި ދުންފަތުގެ އިސްތިއުމާލުކުރާނެ ތަންތަން ހެދުމަށް ފަންޑުކުރަނީ އެޗްޕީއޭ އިންނެވެ. ފަންޑު ހަމަޖެހުނުހާ އަވަހަކަށް އެކަމުގެ މަސައްކަތް ފަށާނެ ކަމަށް ވިދާޅުވި އެވެ.
މިހާރު ދުންފަތުގެ އިސްތިއުމާލުކުރުން މަނާކޮށްފައި ވަނީ ސަރުކާރުގެ އިދާރާތައް ފަދަ ތަންތަނުގެ ކައިރީގަ އެވެ. އަދި ކެފޭ/ރެސްޓޯރަންޓުތަކުގެ ތެރެއިން ސިނގިރޭޓު ބޮވޭނީ ސަރުކާރުން ހުއްދަ ދީފައިވާ ތަންތަނުގައި އެކަންޏެވެ.