އެއާޕޯޓުގެ ޑީސަލް ތާނގީގައި ފެން އުފެދިގެން 55،000 ލީޓަރުގެ ތެޔޮ ފިލްޓާ ކުރަން ޖެހިއްޖެ

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)ގެ އިންޖީނުގޭގެ ތެޔޮ ރައްކާކުރާ ތާނގީތަކުގައި "ފެން އުފެދިގެން" 55،000 ލީޓަރުގެ ތެޔޮ އަލުން ފިލްޓާ ކުރަން ޖެހިއްޖެ އެވެ.


އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ އޮފިޝަލަކު "މިހާރު"އާ ވާހަކަދައްކަވަމުން މިއަދު ވިދާޅުވީ ތާނގީގައި ފެން އުފެދިފައި ހުރިކަން އެނގުމުން އެ ތެޔޮ ބޭނުންކުރުން ހުއްޓައިލި ކަމަށެވެ. އަދި އެއާޕޯޓަށް ކަރަންޓު ދޭ ޖަނަރޭޓަރުތައް ހުއްޓި ބޮޑު ބަޔަކު އިއްޔެ ކަރަންޓް ކެނޑެން ދިމާވީ ފެނާ އެކުވެފައިވާ ތެޔޮ އިންޖީނުތަކަށް ދިއުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މާގިނަ ފެން އެ ތެލުގައި ހުރުމުން އެންމެ ބޮޑު އެއް އިންޖީނުގެ ފިލްޓާ އަށް އަމިއްލަ އަށް ފިލްޓާ ނުކުރެވުނީ. އެހެން ނަމަ އަމިއްލަ އަށް ފިލްޓާ ކުރެވޭނެ. އެކަމަކު އެއް އިންޖީނު ހުއްޓުނީމަ ދެ ވަނަ އިންޖީނުގެ ލޯޑު ބޮޑުވެގެން ހުއްޓުނީ،" އޮފިޝަލް ވިދާޅުވި އެވެ.

އެއާޕޯޓުގެ އިންޖީނުގެ އަށް ބޭނުންވާ ތެޔޮ ރައްކާކުރާ ފަސް ޓޭންކު ހުރެ އެވެ. އޮފިޝަލް ވިދާޅުވީ ތަޣައްޔަރުވި ތެޔޮ އަލުން ފިލްޓާކުރުމުގެ މަސައްކަތް މާދަމާ ނިންމާލެވޭނެ ކަމަށެވެ.

އެއާޕޯޓުގެ އިންޖީނަށް ދިމާވި މައްސަލައާ ގުޅިގެން އިއްޔެ ހެނދުނު 9:45 އިން ފެށިގެން ބައި ގަޑިރަށް މުޅި އެއާޕޯޓުން ކަރަންޓް ކެނޑުނެވެ. އަދި ދެވަނަ ފަހަރަށް ކަރަންޓް ކެނޑުނީ ހެނދުނު 11:45 ހާއިރެވެ.

އައިއެންއައިއޭ އަށް ބޭނުންވާ 11 މެގަވޮޓްގެ ކަރަންޓް އުފެއްދުމަށް ހަތް ޖަނަރޭޓަރު ބޭނުންކުރެ އެވެ.

އެއާޕޯޓުން ކަރަންޓް ކެނޑުމުގެ މައްސަލަ ކުރިމަތިވިއިރު އެތަނުގައި އާ ރަންވޭއެއް ހެދުމަށް 350 މިލިއަން ޑޮލަރުގެ މަޝްރޫއެއް ވަނީ ފަށައިފަ އެވެ. އަދި އަހަރަކު ހަތް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށް ޓާމިނަލް ތަރައްގީ ކުރުމަށް 300 މިލިއަން ޑޮލަރުގެ މަޝްރޫއެއް ވަނީ ސައޫދީ އަރަބިއްޔާގެ ބިން ލާދިން ގްރޫޕާ ހަވާލުކޮށްފަ އެވެ. އެ މަސައްކަތް ވެސް މި އަހަރުގެ ތެރޭގައި ފެށޭނެ ކަމަށް އެ އެމްއޭސީއެލް އިން ބުނެފައިވެ އެވެ.