މިއީ އިސްލާމީ ގައުމެއް، ދީނަށް އިތުރަށް ދައުވަތު ދޭން ޖެހޭ ސަބަބެއް ނެތް: ނަޝީދު

ސަތޭކަ ޕަސެންޓް އިސްލާމީ ގައުމެއްގެ ގޮތުގައި ރާއްޖެ އޮންނަތާ އެތައް އަހަރެއް ވެއްޖެ ކަމަށާއި މިހާރު އަލުން ރާއްޖޭގައި ދީނަށް ދައުވަތު ދޭން ޖެހޭ ސަބަބެއް އޮތް ކަމަށް ވިސްނިވަޑައިނުގަންނަވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ލ. ގަމުގައި، ވިދާޅުވެއްޖެ އެވެ.


އެ ރަށުގައި އެމްޑީޕީން ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވަނީ ރާއްޖޭގައި ފެތުރެމުންދާ ހަރުކަށި ވިސްނުމާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އަދި ބޭރު ގައުމުތަކަށް ހަނގުރާމައަށް ފޮނުވުމަށް ބަޔަކު ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން ވެސް ވާހަކަފުޅު ދެއްކެވި އެވެ.

ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ގޮތް ތަހުގީގުކޮށް ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓުގައި އެ ވާހަކަތައް ތަފްސީލުކޮށް ބަޔާންކޮށްފައި ވާއިރު، ނަޝީދުގެ ވާހަކަފުޅު ބިނާކުރެއްވީ އޭގެ މައްޗަށެވެ.

އެމަނިކުފާނު ވިދާޅުވީ އެ ޖަރީމާތައް ހިންގާ ބައިވަރު ވިއުގަތަށް އޮތްއިރު، ރިޕޯޓުން އެކަން ސާފުކޮށް އެނގެން ހުރި ކަމަށެވެ. އަދި ހަނގުރާމަތަކަށް މީހުން ރެކްރޫޓު ކުރާ މީހުން ގޮފިތަކަށް ބެހިގެން މަސައްކަތް ކުރާއިރު، އެ މީހުންގެ ތެރޭގައި އެންމެ ފުރަތަމަ ތިބެނީ "[އިސްލާމް ދީނަށް] ދައުވަތު ދޭ މީހުން" ކަމަށް ވެސް ވިދާޅުވި އެވެ.

އެކަމަކު ވިދާޅުވީ ރާއްޖެ އަކީ 100 ޕަސެންޓް އިސްލާމީ ގައުމަކަށް ވާއިރު، މި ތަނުގައި ދީނަށް އިތުރަށް ދައުވަތު ދޭން ޖެހޭ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ.

ނަޝީދުގެ ބައެއް ވާހަކަފުޅުތައް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒަށް ވެސް އަމާޒުކުރެއްވި އެވެ. އިޔާޒުގެ ނަން ނުގެންނަވައި، އެމަނިކުފާނު ވިދާޅުވީ "ކަޅުބެ އަބްދުއްލަތީފްގެ ދަރިއެއް އައިސް އަނެއްކާ އަޅުގަނޑަށް އިސްލާމްދީނަށް ދައުވަތު ދޭން ޖެހޭ ސަބަބެއް ނުވިސްނޭ،" ކަމަށެވެ.

""އަޅުގަނޑަކީ ގ. ކެނެރީގޭ މުހައްމަދު ނަޝީދު ކިޔާ މީހެއް. އަޅުގަނޑުގެ ބައްޕައަކީ އެގޭ އަބްދުއްސައްތާރު. ކަޅުބެ އަބްދުއްލަތީފްގެ ދަރިއެއް އައިސް އަޅުގަނޑަށް އަނެއްކާ އިސްލާމްދީނަށް ދައުވަތު ދޭން ޖެހޭ ސަބަބެއް ނުވިސްނޭ،" މި ސަރުކާރަށް ތާއީދު ކުރައްވައި، އެކަމަކު ދީނީ ކަންކަމާ ގުޅޭ ގޮތުން ވިދާޅުވާ ބައެއް ވާހަކަތަކާ ގުޅިގެން އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ އިލްމުވެރިޔާއަށް އަމާޒުކުރައްވައި، ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު މިހިރީ ދީނުގެ މަތީގައި. މިއީ 100 ޕަސެންޓް އިސްލާމީ ގައުމެއް. މިތަނުގައި އެހެން މީހަކަށް ދެން ދައުވަތު ދޭކަށް ނެތް."

ނަޝީދު ވިދާޅުވީ އިސްލާމް ދީނަށް ކަމަށް ބުނެ ދައުވަތު ދޭ މީހުން ދައުވަތު އެ ދެނީ ހަނގުރާމައަށް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އެދޭ ތަރައްގީ އާއި ހަމަޖެހުމާއި ތަނަވަސްކަން ހޯދަންޏާ، ރާއްޖޭގެ އަމަންއާއްމާއި އާއްމު މަސްލަހަތު އަލުން ބަލަހައްޓަން ޖެހެ އެވެ.

"ހުުރިހާ ރައްޔިތުންނަށް ދަންނަވަން އޮތީ ރާއްޖެ ހަރާމުގެ މަގަށް ނުގެންދާށޭ. އެބަ އޮތޭ ސަލާމަތުގެ އައްސޭރިއެއް. ތަނަވަސްކަމާ އެކުގައި ދިރިއުޅެވޭނެ ގޮތެއް،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ "އެންމެން ސޯލިހު ގޮތުގައި އުޅުނީމައި ރާއްޖެ ދާނީ ބިނާވަމުންް" ކަމަށާއި ގުދުރަތީ ގޮތުން މުއްސަނދި މި ޖަޒީރާ ރަށްތަކުގައި ތަނަވަސްކޮށް އުޅެވެން އެބަ އޮތް ކަމަށެވެ. އަދި ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި، ދުވަހަކު ވެސް ނުދެކޭ މިންވަރަށް ރާއްޖެ ބަދަލުވެގެން ދާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަތައް ބަލަން އުފެއްދި ރިޔާސީ ކޮމިޝަންގެ ތަހުގީގު ރިޕޯޓުން ހާމަވެފައިވާ ގޮތުގައި އަފްރާޝީމް އަވަހާރަކޮށްލަން ބަޔަކާ ހަވާލުކުރީ ރާއްޖޭގައި ހިންގާ ޖިހާދީ ފިކުރުގެ ބައެކެވެ. އަދި އެ ހަރުކަށި ޖިހާދީ ފިކުރުގެ ހަރަކާތްތައް ކުރީއްސުރެ، ހިނގަމުންދާ ކަމަށް ވެސް ކޮމިޝަންގެ ރިޕޯޓުގައި ބުނެފައިވެ އެވެ.