އެމްއާރުއެމް އިން މަސައްކަތް ކުރާނީ އެންމެން އެކުވެރިކުރަން: މައުމޫން

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން މަސައްކަތް ކުރާނީ ގައުމުގެ އެންމެން އެކުވެރިކޮށް، އެއްބައިވަންތަ ކުރުމަށް ކަމަށް އެ ޕާޓީގެ ރައީސް، ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.


މައުމޫންގެ އާ ޕާޓީ، އެމްއާރުއެމް އުފެއްދުމަށް ބޭއްވި ޖަލްސާގެ ނިމުން ފާހަގަ ކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި އެ މަނިކުފާނު ވިދާޅުވީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ޑިމޮކްރެޓިކް ނިޒާމެއްގެ އެއް ތަނބު ނަމަވެސް، ހިިޔާލުފާޅުކުރުމުގެ މާނައިގައި، ސިޔާސީ ޕާޓީތަކުގެ މެދުގައި މެދުކެނޑުމެއް ނެތި ބަހުގެ ހަމަލާތައް ބަދަލުކުރުމަކީ ނުރައްކާތެރިކަމެއް ކަމަށެވެ. އަދި އޭގެ ނަތީޖާ ވެސް ރަނގަޅު ނުވާނެ ކަމަށް ވިދާޅުވި އެވެ.

އޭގެ ހައްލެއްގެ ގޮތުން މައުމޫން ވިދާޅުވީ ހިޔާލުތަފާތުވުން އޮންނަ ކަންކަމުގައި، އެންމެންގެ ބައިވެރިވުން އޮންނަ ވަކި ސަރަހައްދެއް ނުވަތަ ކޮމަން ގްރައުންޑެއް ހޯދުމެވެ.

"އެންމެން ހިއްސާ ކުރާ ވަކި ސަރަހައްދެއް އޮތުމަކީ ގައުމަށް ހަމަޖެހުން އަންނާނެ ކަމެއް،" ޕާޓީ އުފެއްދުމަށް މި މަހު 8 ވަނަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި، އެ ޕާޓީގެ ރައީސް ކަމަށް އައްޔަން ކުރެއްވި މައުމޫން ވިދާޅުވި އެވެ.

މިރޭގެ ޖަލްސާ ގައި އެމްއާރުއެމްގެ ވަގުތީ ރައީސް، ކުރީގެ ރައީސް މައުމޫން ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ދިވެހި މުޖުތަމައު އަކީ އެކަކު އަނެކަކަށް ކަމޭ ހިތައި، އެކަކު އަނެކެއްގެ ހައްގުތައް ރައްކާކޮށްދޭ އަދި އެކަކު އަނެކަކަށް ޖާގަދޭ މުޖުތަމައަކަށް ވާން ޖެހެ އެވެ. އަދި ސިޔާސީ ޕާޓީތަކުގެ ތެރެއިން، އެމްއާރުއެމުން މަސައްކަތް ކުރާނީ ގައުމުގެ އެންމެން އެކުވެރިކުރުމަށް ކަމަށް މައުމޫން ވިދާޅުވި އެވެ.

އެ މަނިކުފާނުގެ ޕާޓީގެ ނަމަށް އިޝާރާތް ކުރައްވައި ވިދާޅުވީ އިސްލާހަށް މަސައްކަތް ކުރުމަކީ ކެނޑިނޭޅި ކުރަން ޖެހޭނެ ކަމެއް ކަމަށާއި އެއީ ކޮންމެ ކަމެއްގައި ކުރިއަށް އޮތް ހެޔޮ ފިޔަވަޅެއް އެޅުން ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އެމްއާރުއެމްގެ މަސައްކަތްތައް ވެސް ކުރިއަށް ގެންދާނީ، ދެ ޖިންސް ހަމަހަމަ ވާނެ ގޮތުގެ މަތިން، ޕާޓީގެ ގުނަވަންތަކުގެ 25 ޕަސެންޓް، 30 އަހަރުން ދަށުގެ ޒުވާނުންނަށް ހާއްސަކޮށްގެން ކަމަށް މައުމޫން ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބައިވެރިވެ ވަޑައިގެންނެވި އެ ޖަލްސާގައި މައުމޫން ވަނީ ސިޔާސީ މައިދާނުގައި އުފެދިފައިވާ ބައިބައިވުމުގެ ހޫނުކަން މައިތިރިކޮށް، ޕާޓީތަކުން ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލައްވައިފަ އެވެ. އަދި އެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްދު ސޯލިހް ބައިވެރިވެވަޑައިގަތުމަކީ ޕާޓީ އަށް ލިބުނު ޝަރަފެއް ކަމަށެވެ.