ސީއެޗްއެސްއީގެ ޓީޗަރެއްގެ މައްސަލަ އެޑިއުކޭޝަނުން ބަލަނީ

ސެންޓަ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) ގައި މަސައްކަތްކުރާ އިސްލާމީ މުދައްރިސެއްގެ މައްސަލަ ސީރިއަސް ގޮތެއްގައި ބަލަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިރޭ ބުނެފި އެވެ.


އެ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ސީއެޗްއެސްއީގެ ޓީޗަރު ހަސަން ޒަރީރާ ގުޅޭ ގޮތުން ދަރިވަރުން ފާހަގަކޮށްފައިވާ ކަންކަމަކީ ހިނގާފައިވާ ކަންކަން ކަމުގައި ބެލެވޭ ކަމަށެވެ. މިފަދަ ކަންކަމަކީ އިތުބާރު ކުރެވޭ ފަދަ މަގާމެއްގައި ހުރި މީހަކު، އޭނާގެ ބެލެހެއްޓުމުގައިވާ ކުދިންނާ މެދުގައި ހިންގައިގެން ވާނެ އަމަލުތަކެއް ނޫން ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

އެކަމަކު، އެއީ ކޮން ކަމެއް އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފައި ނުވިޔަސް، "މިހާރު" އަށް އެނގިފައިވާ ގޮތުގައި މިނިސްޓްރީން ބަލަނީ ޓީޗަރު ދަރިވަރުންތަކަކަށް އިންޒާރު ދިން މައްސަލައެކެވެ.

މިނިސްޓްރީން ބުނީ ކްލާސް ރޫމަކީ ދަރިވަރުންނަށް ރައްކާތެރި މާހައުލަކަށް ހެދުމަށް އެޑިއުކޭޝަން މިނިސްޓްރީން އަބަދުވެސް އިސްކަން ދޭނެ ކަމަށެވެ. އަދި އެއްވެސް ބާވަތެއްގެ ފުރައްސާރައެއް ދަރިވަރަކަށް ކުރިމަތިވާނެ ފަދަ އަމަލެއް ސްކޫލްގެ އެއްވެސް މުވައްޒަފެއްގެ ފަރާތުން ހިންގާފައިވާ ނަމަ، އެކަމަށް ބަލައި އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ދަރިވަރެއްގެ ޖިސްމަށް، އަބުރަށް، ކަރާމާތަށް އުނިކަމެއް އަތުވެދާނެ ފަދަ އެއްވެސް ކަމެއް ބަޔަކު ކުރާ ނަމަ، އެކަމެއް ބަލާނެ ކަމުގެ ޔަގީން ކަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ދީފަ އެވެ.

ސްކޫލް މާހައުލަކީ ރައްކާތެރިކަމާ އެކު ހިނިތުންވެ ތިބެ އުނގެނުމަށް ފަހި ފުރުސަތުތައް ތަނަވަސްވެފައިވާ ތަނެއް ކަމުގައި ހެދުމަށް މަސައްކަތް ކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.