ފަނޑިޔާރު ޣަނީ ވަކިކުރުމުގެ މައްސަލަ މާދަމާގެ އެޖެންޑާގައި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުލްޣަނީ މަގާމުން ވަކިކުރުމުގެ މައްސަލަ މާދަމާ އޮންނަ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާ އަށް އެޖެންޑާ ކުރަން ނިންމައިފި އެވެ.


މަޖިލިހުގެ ޖަލްސާ ފައްޓަވައި ދެއްވުމަށް ފަހު، މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ފަނޑިޔާރު ޣަނީ ވަކިކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމި ނިންމުން މާދަމާ އޮންނަ މަޖިލިހުގެ ޖަލްސާގައި އިއުލާން ކުރަން ރިޔާސަތުން ނިންމާފައިވާ ކަމަށެވެ.

ނަޝީދު ވިދާޅުވި ގޮތުގައި މަޖިލިހުން ޣަނީ ވަކިކުރަން ނިންމައިފި ނަމަ، ސުޕްރީމް ކޯޓުގެ ކުރީގެ ހުރިހާ ފަނޑިޔާރުން ބަދަލުވީ އެވެ.

އެކަމަކު ނަޝީދު ވިދާޅުވީ ފަނޑިޔާރުން ބަދަލުވެގެން އެކަނި ޝަރުއީ ނިޒާމު އިސްލާހު ވެދާނެ ކަމަށް ގަބޫލު ކުރައްވަން ދަތި ކަމަށެވެ. ފަނޑިޔާރުންގެ އިތުރުން ޝަރުއީ ނިޒާމު ހަރުދަނާކޮށް ފަނޑިޔާރުންނަށް ދިމާވާ ދަތިތައް ބެލުމަކީ ވެސް ކުރަން މުހިންމު މަސައްކަތެއް ކަމަށް ވިދާޅުވި އެވެ.

ޣަނީއާ ގުޅޭ ގޮތުން ޖޭއެސްސީ އަށް ހުށަހެޅި މައްސަލަތައް ބެލުމަށް ފަހު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވީ މިދިޔަ ބުދަދުވަހު އެވެ. އެކަމަކު، ޣަނީ ފަނޑިޔާރު ކަމުން ވަކިކުރަން އުޅެނީ ކޮން ސަބަބުތަކާ ހުރެ ކަމެއް ޖޭއެސްސީ އިން އަދި ހާމައެއް ނުކުރެ އެވެ.

ޣަނީ މަގާމުން ވަކިކުރަން މަޖިލީހަށް ފޮނުވަން ނިންމައި، އޭނާ ވަނީ ގާނޫނުގައި ބުނާ ގޮތަށް، 60 ދުވަހަށް ވުރެ އިތުރުނުވާ ގޮތަށް ސަސްޕެންޑް ވެސް ކޮށްފަ އެވެ.

ރ. އަލިފުއްޓަށް އުފަން ޣަނީ 2000 ވަނަ އަހަރު ފުރަތަމަ ޑިގްރީ ހާސިލްކުރެއްވީ ޝަރީއާ އެންޑް ލޯގެ ދާއިރާއިން މިސްރުގެ އަލްއަޒްހަރު ޔުނިވަސިޓީންނެވެ. ޣަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަން ކުރީ މިދިޔަ އަހަރުގެ ޖޫން 28 ގަ އެވެ. ޣަނީ ވަނީ މީގެ ކުރިން ހައި ކޯޓުގައި އަދި ޖޭއެސްސީގެ މެމްބަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ.

ސުޕްރީމް ކޯޓުގައި ތިއްބެވި ފަނޑިޔާރުންގެ ތެރެއިން އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ފަނޑިޔާރު އަބްދުﷲ ދީދީ (ޑީޑީ) ވަނީ މަގާމުން ވަކިކޮށްފަ އެވެ. އަދި ފަނޑިޔާރު އަބްދުﷲ އަރީފް ދާދި ފަހުން ވަނީ ރިޓަޔަ ކުރައްވައިފަ އެވެ.

ސުޕްރީމް ކޯޓުގައި މިހާރު ތިއްބަވާނީ އާ ރައްޔިތުންގެ މަޖިލިހުން އެ ކޯޓުގެ ފަނޑިޔާރު ކަމަށް ފާސްކުރި ތިން ކަމަށް ވާ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.

ފަނޑިޔާރުންގެ ބެންޗު ފުރިހަމަކުރުމަށް އަލަށް ހަތަރު ފަނޑިޔާރުން އައްޔަންކުރަން ޖެހެ އެވެ.