ސެޓްލްމެންޓް ކޮމިޓީގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅި: ޔައުގޫބު

ދީބާޖާ އަށް ބަދަލު ދިނުމުގެ މައްސަލާގައި ސެޓްލްމެންޓް ކޮމިޓީގެ މެންބަރުންނަށް ރިޝްވަތު ހުށަހެޅި ކަމުގެ ތުހުމަތު ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ މިއަދު ކުރައްވައިފި އެވެ.


މިއަދު މަޖިލީހުގައި ކުރިއަށްދިޔަ މާލިއްޔަތު ކޮމިޓީގައި ޔައުގޫބު ވިދާޅުވީ، ދީބާޖާގެ މައްސަލައާ ގުޅިގެން ބަޔަކު މީހުން ކޮމިޓީ މެންބަރުންނަށް ވެސް ރިޝްވަތު ހުށަހެޅި ކަމަށާއި މި މައްސަލައިގައި ވެސް އަދި އެހެން މައްސަލަތަކުގައި ވެސް ސެލްޓްމަންޓް ކޮމިޓީ އަށް ވެސް ރިޝްވަތު ހުށައަޅާނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ. އިއްޔެ ވެސް ޓްރާންސްޕޯޓް މިނިސްޓްރީން އަވަސް އަރުވާލައިގެން ލިޔުންތަކެއް ހޯއްދެވުމަށް ބަންޑާރަނައިބު އޮފީހުން މަސައްކަތް ކުރެއްވި ކަމަށް އޭނާ ވަނީ ތުހުމަތު ކުރައްވާފަ އެވެ.

ޔައުގޫބު މިހެން ވިދާޅުވުމުން ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވަނީ ސެޓްލްމެންޓް ކޮމިޓީގެ މެންބަރުން ފައިސާގައި ޖެހުނު ކަމުގެ ތުހުމަތު ރައްޔިތުންގެ ކުރިމަތީގައި ވިދާޅުވާތީ ހިތްހަމަނުޖެހުން ފާޅުކުރައްވައިފަ އެވެ. އަދި މިއީ މި ކޮމިޓީގެ މަގްސަދުތޯ މުގައްރިރު އަރިހުން އޭނާ ސުވާލުކުރެއްވި އެވެ.

މިކަމާ ގުޅިގެން ކޮމިޓީގެ މުގައްރިރު ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު ވަނީ ކޮމިޓީގެ މައުލޫއާ އެއްގޮތަށް ސުވާލުތައް ބައްޓަންކުރުމަށް މެންބަރުގެ އަރިހުން އެދިވަޑައިގެންފަ އެވެ.

ޔައުގޫބު ވަނީ މިކަމުގައި އަމަލުކުރާ ގޮތް ކުއްލިއަކަށް ބަދަލުވީ ކީއްވެގެންތޯ ސުވާލު ކުރައްވާފަ އެވެ. ޖަވާބުގައި ރިފްއަތު ވަނީ އޭނާގެ ވިސްނުން ބަދަލުވި ގޮތް ކިތަންމެ ވަރަކަށް ކިޔައިދެއްވި ނަމަވެސް އެކަން މެންބަރު ޔައުގޫބު ގަބޫލުނުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ރިފްއަތު ވިދާޅުވީ، ޓްރާންސްޕޯޓު މިނިސްޓްރީން ލިޔުންތަކެއް ހޯދީ ރާއްޖޭގެ ސިވިލް ކޯޓުގައި މި މައްސަލައިގެ ތަންފީޒީ މަރުހަލާ ކުރިއަށްދާތީ ކަމަށެވެ.

"އަޅުގަނޑުމެންނަށް ކޯޓުން އަންގަވާފައި އޮތީ އިއްޔެ މި މައްސަލައިގެ ދެ ފަރާތުން އެއްބަސްވާ ލިޔެކިޔުންތައް ހުށަހަޅަން. އެހެންވީމަ ކޯޓުގެ އެދުމާ އެއްގޮތަށް އަޅުގަނޑުމެން މި މަސައްކަތް ކުރީ ރައީސުލްޖުމްހޫރިއްޔާ ވަކި ގޮތެއް ކަނޑައަޅާފައި އެންގީމަ،" އޭނާ ވިދާޅުވި އެވެ.

ރިފްއަތު ވިދާޅުވީ، މިކަންކަން ކުރުމަށްޓަކައި އޮންނަ އުސޫލުގެ ތެރެއިން ކަމާ ގުޅޭ މިނިސްޓްރީތަކުން ހޯދަންޖެހޭ ލިޔެކިޔުން ހޯއްދަވަމުން ގެންދަވާ ކަމަށެވެ. ޔައުގޫބުގެ ތުހުމަތުތަކަށް އިޝާރާތް ކުރައްވާ އޭނާ ވިދާޅުވީ، ތުހުމަތުތަކެއް ކުރައްވާ އިރު ދިބާޖާގެ މައްސަލައިގެ ތަންފީޒީ މައްސަލައެއް ސިވިލް ކޯޓުގައި ކުރިއަށްދާކަން މެންބަރު ޔައުގޫބު ބައްލަވާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މައްޗަށް ތިގޮތަށް ތުހުމަތު ކުރެއްވީ އެއްވެސް އަސާސެއްގެ މައްޗަކަށް ނޫން. ޝައްކާ ވަހުމްގެ މައްޗަށް ތި ތުހުމަތު ކުރައްވަނީ. އެއީކީ ރަނގަޅު ގޮތެއް ނޫން މެންބަރު ޔައުގޫބަށް އަޅުގަނޑުމެންނާ މެދު ތުހުމަތެއް ކުރެވެން އޮތިއްޔާ މޯލްޑިވްސް ޕޮލިސް ސާވިސަށް ހުށަހަޅުއްވައިގެން އެކަން ކުރިއަށް ގެންދަވާ،" ރިފްއަތު ވިދާޅުވި އެވެ.

ސެޓްލްމެންޓް ކޮމިޓީގައި ބަންޑާރަ ނައިބުގެ އިތުރުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ރައީސް އޮފީހުގެ ލީގަލް ކައުންސެލް ޓު ދަ ޕްރެޒިޑެންޓް، އަހުމަދު އަބްދުﷲ އަފީފު ހިމެނިވަޑައިގަންނަވަ އެވެ.