ޔާމީން ފަސް އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަަރިންގެ ދައުވާގެ ޝަރީއަތް ނިމި މިއަދު، ކްރިމިނަލް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗަކުން ހުކުމް ކުރާނެ އެވެ. މިއީ ހިޔާނާތުގެ ތުހުމަތެއްގައި ރާއްޖޭގެ ކުރީގެ ރައީސަކު ކޯޓަށް ހާޒިރުކޮށް، ހުކުމް އިއްވާ ފުރަތަމަ ފަހަރެވެ.


އެކަމަކު ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި އެމަނިކުފާނު ހިންގެވި ހިޔާނާތުގެ ތުހުމަތުތައް، އޭރުގެ ރައްޔިތުންގެ މަޖިލިހުން ތަހުގީގުކޮށް، ގައިރު ހާޒިރުގައި ޝަރީއަތް ހިންގައި، ޖެނުއަރީ 20، 1986 ގައި ހުކުމްކުރީ 25 އަހަރަށް އަރުވާލާށެވެ.

ނާސިރު އޭރު ދިރިއުޅުއްވީ ސިންގަޕޫރުގަ އެވެ. އެކަމަކު ރާއްޖޭގެ މިނިވަންކަމުގެ ރިހި ޔޫބީލްގެ ރަސްމީ ޖަލްސާގައި، ޖުލައި 26، 1990 ގައި، އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ އެމަނިކުފާނަށް މައާފު ދެއްވައިފަ އެވެ.

ނާސިރަކީ، އިނގިރޭސިންގެ އަތްދަށުން ރާއްޖެ މިނިވަންކުރުމުގެ ބާނީ އެވެ.

ޔާމީންގެ ވެރިކަމުގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް، އޭރުގެ ނައިބު ރައީސް އަހުމަދު އަދީބު އިސްކޮށް ހުންނަވައި ހިންގި ހިޔާނާތުގެ އަގު 3.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ބެލެވެ އެވެ. ރިސޯޓް ހަދަން ދޫކުރި ރަށްރަށާއި ފަޅުތަކަށް ދައުލަތަށް ދެއްކި ފައިސާ، އެމްއެމްޕީއާރުސީގެ އެކައުންޓަށް ވެއްދުމުގެ ބަދަލުގައި، ޖަމާކޮށްފައި ވަނީ އަދީބުގެ ގާތް އެކުވެރިއެއްގެ ކުންފުނި ކަމަށް ވާ އެސްއޯއެފްގެ އެކައުންޓްތަކަށެވެ. އެސްއޯއެފުން ޔާމީންގެ އެކައުންޓަކަށް އެއް މިލިއަން ޑޮލަރު ޖަމާކުރި އެވެ. މަނީ ލޯންޑަރިންގެ ޝަރީއަތް ހިންގީ އެ މުއާމަލާތުގެ މައްޗަށް ބިނާކޮށްފަ އެވެ.

ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޓީވީން ލައިވްކޮށް ދެއްކި ޝަރީއަތުގައި، ޕްރޮސެކިއުޓަ ޖެނެރަލް އުފުލި ދައުވާގެ ދިފާއުގައި ވާހަކަދެއްކެވީ ޔާމީންގެ ވަކީލުންނެއް ނޫނެވެ. ކޮންމެ އަޑުއެހުމެއްގައިހެން ވަރަށް ދިގުކޮށް ޔާމީން ވެސް ވާހަކަފުޅު ދެއްކެވި އެވެ.

އެމަނިކުފާނުގެ ދިފާއުގައި ދެއްކެވި އެއް މިސާލަކީ، އެސްއޯއެފްގައި ހުރީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާކަން މިހާތަނަށް ދައުލަތުގެ އެއްވެސް އިދާރާއަކުން ނިންމާފައި ނުވާ ކަމަށެވެ. އެހެންކަމުން މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައި އޮތް އެމަނިކުފާނުގެ އެކައުންޓަކަށް އެސްއޯއެފުން ޖަމާކުރީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާކަން ދައުލަތަށް ބުނެނުދެވޭ ކަމަށް، ވިދާޅުވި އެވެ.

އެންމެ ފަހުން ރޭ ވެސް ޔާމީން ވަނީ އެމަނިކުފާނުގެ ސަޕޯޓަރުންގެ ކުރިމަތީގައި ދިފާއުގެ ވާހަކަފުޅު ދައްކަވައިފަ އެވެ.

ޔާމީން ވިދާޅުވީ ދައުލަތުން ކުރާ ދައުވާގައި ބުނަނީ މީހަކު ވޮލެޓުން ނަގައި އެހެން މީހަކަށް ދޭ ފައިސާގައި ކޮރަޕްޝަން ހިމެނޭކަން ފައިސާ ހިފި މީހާއަށް އެނގެން ޖެހޭނެ ކަމަށެވެ. އެމަނިކުފާނަށް ލިބިވަޑައިގަތީ ކޮރަޕްޝަން ހިމެނޭ ފައިސާ ކަމަށް ބުނެ ކޯޓަށް ހެކިބަސް ދިން މީހުންނަށް އެއީ ކޮރަޕްޝަންގެ ފައިސާކަން ސާބިތު ކޮށްދެވިފައި ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ހެކިދޭން މިތިބީ މިއީ ކޮރަޕްޝަންގެ ފައިސާކަން އެނގޭނޭ، ތިމަންނަމެން ވެސް މިތިބީ އެ ކޮރަޕްޝަންގެ ތެރޭގައޭ ބުނި ދެ މީހުން. އެއީ އަހުމަދު އަދީބާއި އަބްދުﷲ ޒިޔަތާ. އެ ދެ މީހުން މިބުނަނީ ތިމަންނަމެންނަކީ ވެސް މި ކޮރަޕްޝަންގައި ތިބި ބައެކޭ،" ޔާމީން ވިދާޅުވި އެވެ.

"އެހެންވެ ތިމަންނަމެން މި ފައިސާ ރައީސް ޔާމީނަށް ދިނިއްޔޭ. ރައީސް ޔާމީނަށް އެނގޭނޭ ކޮރަޕްޝަން ފައިސާކަން."

މިއަދުގެ ހުކުމް ޔާމީންގެ ސިޔާސީ މުސްތަގުބަލާ ވެސް ގުޅޭ

މިއަދުގެ ހުކުމަކީ ޔާމީންގެ ސިޔާސީ ހަޔާތްޕުޅުގެ ކުރިމަގާ މެދު ވެސް ގޮތެއް ނިންމޭނެ ފިޔަވަޅަކަށް ވެސް ވާނެ އެވެ. ގާނޫނުއަސާސީ ބުނާ ގޮތުން ޖިނާއީ ކުށެއްގައި އެއް އަހަރަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އައިސްފައިވާ މީހެއް ނަމަ، ރައީސްކަމަށް ކުރިމަތިލެވޭނީ، އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ ނުވަތަ މައާފުކުރިތާ ތިން އަހަރު ވުމުންނެވެ.

ޖިނާއީ ވަކި ކުށްތަކެއް ސާބިތުވާ މީހުންނަށް އެއްގޮތަކަށް ވެސް ރައީސްކަމަށް ކުރިމަތިނުލެވޭނެ ހާލަތްތަކެއް ވެސް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވެ އެވެ. އެގޮތުން ކަނޑައަޅާފައިވާ ކުށްތަކަކީ އިސްލާމް ދީނުގައި ހައްދު ކަނޑައަޅާފައިވާ ކުށެއް، ނުވަތަ މަކަރާއި ހީލަތާއި ޓެކުމާއި ހިޔާނާތުގެ ކުށެވެ. މިއިން އެއްވެސް ބާވަތެއްގެ ކުށެއް ސާބިތުވެ، ހުކުމެއް އައިސްފައިވާ މީހަކަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމައްޗެއް ނުލެވޭނެ އެވެ.

ދައުވާގެ ހުލާސާ

- ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓަކަށް، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ވަން އެސްއޯއެފުން ޖަމާކުރި އެއް މިލިއަން ޑޮލަރު ދައުލަތާ ހަވާލުކުރަން ދެކޮޅު ހެއްދެވުން.

- އޭސީސީއާ ފައިސާ ހަވާލު ނުކުރައްވައި އެއްބަސްވެވަޑައިގަތީ ބީއެމްއެލްގައި އެސްކްރޯ އެކައުންޓެއް ހުޅުވައި އެ ފައިސާ ހަވާލުކުރަން.

- އެސްކްރޯ އެކައުންޓަށް ޖަމާކުރަން ޖެހޭނީ އެމްއައިބީގައި ހުރި ފައިސާ ކަން އަންގައި (އެކައުންޓް ނަމްބަރު ވެސް) އެއްބަސްވުމުގައި ލިއެފައިވޭ. އަމަލު ކުރެއްވީ އެއްބަސްވުމާ އެއްގޮތަށް ކަން ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރު ލިއުމުން އޭސީސީ އަށް އަންގަވާފައިވޭ.

- އެކަމަކު އޭސީސީ އަށް ފަހުން އެނގުނު ގޮތުގައި، އެސްކްރޯ އެކައުންޓަށް ޓްރާންސްފާކުރީ، ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ޔާމީންގެ ބީއެމްއެލް އެކައުންޓަކަށް ޖަމާކުރި ފައިސާ.

- އެސްކްރޯ އެކައުންޓަށް ޖަމާކުރެއްވީ އެމްއައިބީ އެކައުންޓުގައިވާ ފައިސާ ނޫން ކަން އޭސީސީގެ ސަމާލުކަމަށް ގެނައީ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން. އެކަން ބަލައިދޭން ފުލުހުންނަށް ހުށަހެޅީ އޭސީސީން.

- ތަހުގީގަށް ފަހު ހާމަކުރި ގޮތުގައި، ޔާމީން ވަނީ އެސްއޯއެފުން ޖަމާކުރި އެއް މިލިއަން ޑޮލަރު، އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އިންވެސްޓްމެންޓް އެކައުންޓަކަށް ޖަމާކުރައްވައި، އެ ފައިސާ އިން މަންފާ ވެސް ހޯއްދަވާފައި.

ދައުވާގެ އަދަބު: ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ހުކުމެއް

މަނީ ލޯންޑަރިންއަކީ ގާނޫނުގައި އެންމެ ބޮޑު އަދަބު ކަނޑައަޅާފައިވާ އެއް ކުށެވެ. ޔާމީންގެ މައްޗަށް ދައުވާ އުފުލާފައި ވަނީ، އެ ގާނޫނުގެ 53 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ. އެ މާއްދާގައި އޮންނަނީ މަނީ ލޯންޑަރިން ކަމަށް ބަޔާންކޮށްފައިވާ ކޮންމެ ހަރަކާތެއް ނުވަތަ އަމަލެއް ހިންގުމަކީ ކުށެއް ކަމަށެވެ. ޔާމީނަށް އުފުލާފައިވާ މި ދައުވާ ސާބިތުވެއްޖެ ނަމަ ދިގު މުއްދަތުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

މަނީ ލޯންޑަރިން އަށް ފެތޭ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ 100،000ރ އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާ އެކު 5-15 އަހަރާ ދެމެދު މުއްދަތަކަށް ޖަލަށް ލުމެވެ. ނުވަތަ ކުށުގެ އަމަލު ހިންގުމުގައި (ލޯންޑަކުރުމުގައި) ބޭނުންކުރި ފައިސާގެ އަދަދުގެ ފަސް ގުނަ އަށް ވުރެ އިތުރު ނުވާ އަދަދަކުން ޖޫރިމަނާކޮށް، 5-15 އަހަރުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

މަނީ ލޯންޑްރިންގެ އަމަލެއް ހިންގަން އުޅުމަކީ ނުވަތަ އެ ކުށް ކުރުމުގައި އެހީތެރިވެދިނުމަކީ ނުވަތަ މަގުފަހިކޮށްދިނުމަކީ ވެސް ކުށެކެވެ. އެ ކުށް ކުރުމަށް ހިތްވަރުދިނުން ވެސް އޮތީ ބޮޑު ކުށެއްގެ ގޮތުގައި ކަނޑައަޅައިފަ އެވެ. އަދަބަކީ 5،0000ރ އާއި 500،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާ އެކު 2-10 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.