ދިވެހިރާއްޖޭގެ ކުރީގެ ރަދުން އައްސުލްތާން ހަސަން ނޫރައްދީން ދެވަނައިގެ ދަރިކަނބަލުން އަލްއަމީރާ އަނީސާ ނޫރައްދީން އުމުރުފުޅުން 87 އަހަރުގައި މިއަދު އަވަހާރަވެއްޖެ އެވެ.
އެކަމަނާ އަވަހާރަވީ ސްރީ ލަންކާގެ ބައްޓަރަމުއްލާ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނިކޮށް މިއަދު މެންދުރު 12 ޖެހިއިރު އެވެ. ސިއްހީ ހާލުކޮޅު ދެރަވުމާ ގުޅިގެން ދަރިކަނބަލަކާ އެކު އަނީސާ ދިރިއުޅުއްވަމުން އައީ ލަންކާގަ އެވެ.
އަނީސާ އަވަހާރަވުމާ އެކު، މިވަގުތު ރަސްކަލެއްގެ ބޭފުޅުންނަކަށް ދުނިޔޭގައި ތިއްބަވާނީ ދެ ބޭފުޅެކެވެ. އެއީ އަނީސާއާ އެއްބަނޑުއެއްބަފާ އަލްއަމީރު މުހައްމަދު ނޫރައްދީނާއި އެއްބަފާ އަލްއަމީރާ ޒަރީނާ ނޫރައްދީނެވެ.
އަނީސާ ތިން ކައިވެންޏެއް ކުރެއްވި އެވެ. އޭގެ ތެރެއިން ކުރީގެ ބޮޑުވަޒީރު އަހުމަދު ޒަކީ އާއި އެކަމަނާގެ ކައިވެންޏަށް ލިބިވަޑައިގަތީ މަރްހޫމް އާމިރު ޒަކީ އެވެ.
ދިވެހި ފުޓްބޯޅައިގެ އެންމެ ކުރީ ދައުރުގެ މަޝްހޫރު ފޯވާޑް ބޮޑުގަލުމާފަތްގޭ ސައްޔިދު އަހުމަދަށް ލިބިވަޑައިގެންނެވި މަރްހޫމް ސައްޔިދު ހަސަން އާއި ސައްޔިދު އަލީ އަކީ ދިވެހި ކުޅިވަރުގައި ވިދުންގަދަވި ދެ ތަރިންނެވެ. ދެބެންނަށް ދިވެހި ސަރުކާރުން މި އަހަރު ވަނީ ކުޅިވަރުގެ ދާއިރާ އިން ޝަރަފްވެރި ކަމުގެ ގައުމީ އިނާމް ދެއްވައިފަ އެވެ.
މާލޭގައި 70ގެ އަހަރުތަކުގައި ބޭއްވި ހުރިހާ ކުޅިވަރެއްގައި ކަހަލަ ގޮތަކަށް ވާދަކުރައްވައި ކާމިޔާބު ހޯއްދެވި ސައްޔިދު ހަސަނަކީ ދިވެހި ކުޅިވަރު ތާރީހު ދުށް އެންމެ ހުނަރުވެރި އެއް ކުޅުންތެރިޔާ އެވެ. ސައްޔިދު އަލީ އަކީ ފުޓްބޯޅަ އާއި ވޮލީބޯޅައިގައި ކުޅުންތެރިޔެއްގެ ގޮތުގައި ވިދާލައި އަދި މިހާރު ވެސް ކުޅިވަރަށް ހިދުމަތްކުރައްވަމުން އަންނަ ބޭފުޅެކެވެ.
އަނީސާ އާއި މީދޫ އަބްދުލްއަޒީޒްގެ ކައިވެންޏަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު ފަސީހު ލިބިވަޑައިގަތެވެ.
ސައްޔިދު އަލީ މިއަދު "މިހާރު" އަށް ވިދާޅުވީ ދެބެންގެ ކުޅިވަރު ހަޔާތުގައި ވެސް މަންމާފުޅު މުހިއްމު ދައުރެއް އަދާކުރެއްވި ކަމަށާއި އަބަދުވެސް އެކަމުގައި ކުރިއަށް ވަޑައިގަތުމަށް ހިތްވަރު ދެއްވި ކަމަށެވެ.
"މަންމަގެ ބޭބެ އާއި ބައްޕަ (ރަދުން ނޫރައްދީން) އަކީ ކުޅިވަރުގެ ބޭފުޅުން. ކުޅިވަރުގެ އާއިލާއެއް އާއިލާއަކީ. މަންމަ ކުޅިވަރެއް ނުކުޅުއްވާ. އެކަމަކު މަންމަގެ ސަޕޯޓް އަޅުގަނޑުމެންނަށް އަބަދުވެސް ލިބޭ. އަޅުގަނޑުމެން ކުޅެން ދިއުމުން އިންތިޒާރުގައި ހުންނަވާނެ ވީނުވީއެއް ބަލަން. ގެޔަށް އައުމުން ކަންވީ ގޮތް ސާފުކުރައްވާނެ،" ސައްޔިދު އަލީ ވިދާޅުވި އެވެ.
ކުޅިވަރެއްގައި ބައިވެރިވެވަޑައިގަތުނަސް އިޖްތީމާއީ ކަންކަމުގައި އަނީސާ ހުންނެވީ ކުރީ ސަފުގަ އެވެ. އެގޮތުން އަވަށްތައް ކުރިއެރުވުމަށް އޭރު މާލޭގެ އަންހެނުން ކުރި މަސައްކަތުގައި އޭނާގެ ހިއްސާ އޮތެވެ. އަދި ސަންރައިސް ސްޕޯޓްސް ކްލަބުން 1960ގެ އަހަރުތަކުގައި ބޭއްވި އެސްއެސްސީ ކާނިވަލުގެ ރީތީގެ ރާނީ ހޮވުމުގެ މުބާރާތުގައި ބައިވެރިވެވަޑައިގެން ރީތީގެ ރާނީގެ ތާޖު ހާސިލްކުރެއްވި އެވެ.
އެކަމަނާގެ ބައްޕާފުޅު ހަސަން ނޫރައްދީން ރާއްޖޭގެ ތަހުތުގައި ރެދަލިކުރެއްވީ މުހައްމަދު ޝަމްސުއްދީން ރަސްކަމުން އަޒުލުކުރެވުމުން، ފެބްރުއަރީ 21، 1935 އިން އޭޕްރިލް 7، 1943 އަށެވެ. އެމަނިކުފާނަކީ ރާއްޖޭގެ ގާނޫނު އަސާސީގައި ރާއްޖޭގެ ޝާހީ އާއިލާއަކީ ކޮބައިކަން ބަޔާންކުރެވުނު ފަހުން ރަސްކަން ކުރެއްވި ފުރަތަމަ ރަދުންނެވެ. ޝާހީ އާއިލާގެ ގޮތުގައި އޭރު ކަނޑައެޅުނީ އައް ސުލްތާން ގާޒީ ހަސަން އިއްޒުއްދީން (ދޮން ބަންޑާރައިން) ގެ ފިރިހެން ދަރިކޮޅެވެ. ދިވެހި ރަސްކަލުންގެ ތެރެއިން އެންމެ ފަހުން ކޮލިލި ރަދުންގެ ގޮތުގައި ފާހަގަކުރެވުނު ނޫރައްދީން ރަސްކަމުން އިސްތިއުފާ ދެއްވީ ދެ ވަނަ ބޮޑު ހަނގުރާމަ ފެށި، އޭރުގެ މަސްރަހު އޮތްގޮތުން ބާރެއް ނެތި ނަމެއްގައި ރާއްޖޭގެ އެންމެ މަތީ ވެރިޔާގެ ގޮތުގައި ހުންނަވަން ބޭނުންފުޅުނުވުމުންނެވެ. އޭރުގެ ހުރި ބާރެއް އޮތީ ވަޒީރުއްދާހިލިއްޔާ އަލްއަމީރު ހަސަން ފަރީދުގެ އަތްޕުޅުގަ އެވެ. ނޫރައްދީން އަވަހާރަވީ އޭޕްރިލް 15، 1967 ގަ އެވެ.