ރޭގެ އެއްވުމުގައި އަނިޔާވި ޗެނަލް 13 ގެ ނޫސްވެރިޔާ ހޮސްޕިޓަލަށް ގެންދަނީ.
30 ނޮވެމްބަރ 2019 - 12:03
މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަޕޯޓަރުން މާލެ ޖަލު ކައިރީގައި ރޭ ކުރި މުޒާހަރާގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ތިން މީހުން މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މާލެ ޖަލު ކައިރި އަށް އެއްވި މީހުން ފޮނުވާލުމުގެ ތެރޭގައި ކަމަށެވެ. ފުލުހުން ބުނީ އެ ތިން މީހުން ވެސް ރޭގެ ވަގުތެއްގައި ދޫކޮށްލާފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި އެ މީހުން ދޫކޮށްލީ މައުލޫމާތު ސާފުކޮށް ނަސޭހަތް ދިނުމަށް ފަހު އެވެ. އަދި އެއްވެސް މީހެއްގެ މައްޗަށް ފުލުހުން ތުހުމަތެއް ނުކުރެ އެވެ.
އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ޖަމާވި އެސްއޯއެފުން ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ އަސްލު އޮޅުވާލައި މަންފާ ހޯއްދެވިކަން ސާބިތުވެ ކްރިމިނަލް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން މިދިޔަ ބުރާސްފަތި ދުވަހު ޔާމީންގެ މައްޗަށް ވަނީ ފަސް އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އިން ޖޫރިމަނާކުރުމަށް ހުކުމް ކޮށްފަ އެވެ. ޖަލު ހުކުމް ތަންފީޒުކުރަން ފަށާއިރު ހަދަންޖެހޭ މެޑިކަލް ޓެސްޓްތައް ހެދުމަށް ޔާމީން މިވަގުތު ބަހައްޓާފައި ހުންނެވީ މާލޭ ޖަލުގަ އެވެ. އެކަމަކު އެ ޖަލުގެ ހާލަތު ދަށް ކަމަށް ބުނެ ޔާމީންގެ ވަކީލުން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
ޔާމީންގެ މައްޗަށް އިއްވީ އިންސާފުވެރި ހުކުމެއް ނޫން ކަމަށް ބުނެ އެމަނިކުފާނު މިނިވަން ކުރަން ގޮވާލައި، އިދިކޮޅު ސަޕޯޓަރުން މާލެ ޖަލު ކައިރި އަށް ދިއުމުން އެ މީހުން ފޮނުވާލީ އެސްއޯ ފުލުހުން ގޮހެވެ.
އެއްވުމުގައި ޕީއެންސީގެ ރައީސް، ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އާއި ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ފަދަ އިދިކޮޅު ލީޑަޝިޕްގައި މިވަގުތު ތިއްބެވި ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.
އެއްވުމުގެ ބައިވެރިން ހިނގާފައި މާލެ ޖަލު ކައިރި އަށް ދިއުމުން އެއްވުން ހުއްޓުވަން ފުލުހުން މަދު ބަޔަކު މަސައްކަތްކުރުމަށް ފަހު އިތުރު ފުލުހުން ފަހުން ގޮސް، މީހުން ފޮނުވާލަން އުޅުމުން، ބައެއް މީހުން މާލެ ޖަލު ކުރިމަތީގައި އިށީނދެފަ އެވެ. އަދި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ބައެއް މީހުން އުފުލާލައިގެން އެ ސަރަހައްދުން ގެންދިޔަ އެވެ.
ޝިޔާމް މިއަދު "މިހާރު" އަށް ވިދާޅުވީ ޔާމީން މިނިވަންކުރަން ގޮވާލައި އެއްވާން ޖެހުނީ އެ މަނިކުފާނަށް ލިބިވަޑައިގަންނަވާ ހައްގުތައް ނިގުޅައިގެންފައިވާތީ ކަމަށެވެ. ޔާމީން އޮންނެވީ އޮތީ ހަތަރު ފޫޓު/ ހަ ފޫޓު ގޮޅިއެއްގައި ކަމަށާއި އެއީ މާލެ ޖަލުގައި ހުންނަ އެންމެ އުނދަގޫ ގޮޅި ކަމަށް އޭނާ ވިދާޅުވި އެވެ.
"އެންމެ ނުރައްކާތެރި ކުށްވެރިން ތިބެނިކޮށް ޔާމީން އެތަނުގައި ބޭއްވީ. އަނެއްކާ ދަންވަރު ދޭއް ނޫނީ ތިނެއް ޖަހަންދެން ވެސް އަޑުގަދަކޮށް ހަދާ ތަނެއް އެއީ. ޔާމީންގެ ސަރުކާރުގައި ވެސް ސިޔާސީ ލީޑަރުންގެ މައްޗަށް ހުކުމްކޮށް ޖަލަށް ލި އިރު، ވަރަށް އިހްތިރާމްކޮށްގެން ގެންގުޅުނީ،" ޝިޔާމް ވިދާޅުވި އެވެ.
"މިހާރު ބަދަލު ހިފުމުގެ ރޫހުގައި މި ކަންކަން ކުރަނީ. ޔާމީން ވަނީ ވަރަށް ބޮޑަށް ރޯގާ ޖެހިފައި. ކެއްސާ ވެސް ހަދާ އިރު ހުންގަނޑު ނުފިލާ ހުރީ. ފިނި ފެން ޓެޕުން ދޫކޮށްފައި ހުރީ. ފާހަނާ އިން ފްލަޝް ނުކުރެވޭ، އޮށޯވެގެން އޮންނަ ތަނުން ހަމަ އިސްކޮޅު ނުލިބޭ. ފައި ދަމައިގެން ނޯވެވޭ،"
ޝިޔާމް ވިދާޅުވީ އިދިކޮޅު ސަޕޯޓަރުން ޖަލު ކައިރި އަށް ދިޔައީ ޔާމީންގެ ހާލަތު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް އިއްވުމުގެ ބޭނުމުގައި ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި މުޒާހަރާތައް ކުރިއަށް ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރޭގެ އެއްވުމުގައި ތިން މީހަކަށް އަނިޔާވި އެވެ. އެތަނުން އެކެއްގެ އަތުގައި ރެނދުލާފައިވާ އިރު، ޗެނަލް 13 ގެ ނޫސްވެރިއަކަށް ވެސް އަނިޔާވެފައިވެ އެވެ. އެކަމަކު، އެއްވެސް މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައި ނުވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަރީ
01 December 2019
ކުއް ކުރީމަ ލާންވީ ގަނޑުވަރަކައް ތަ؟؟؟؟؟
ނޫމާ
01 December 2019
ދޭބަލަ ޙައްޖައް
އަލާއުއްދީން
30 November 2019
ބައްލަވާ .. އެމްޑީޕީ މީހުން 7 އަހަރުވަންދެން މަގުމަތީގައި ތެޅިފި .. ލިބުނު އަނިޔާ ދެނެވޮޑިގެންވަނީ މާތްﷲ .. ޕީޕީއެމް ޕީއެންސީ ގެ ކުދިންނަށް ކެތްނުވެގެން، މައިތިނުވެގެން ތި އުޅުއްވަނީ ކޮންކަމަކާތޯއެވެ. 30 ދުވަސްވެސް މަގުމަތީގައި ކެތްކޮށްފިއްޔާ އަހަރެންގެ ނަން ބަދަލުކުރާނަން .. އެހިތްވަރެއް ތިބޭފުޅުންނަކަށް ނުވާނެ ... ޖަޒްބާތުގައިޖެހި މިއަދު ތިހެން ހަފްތާއެއްވެލަންދެން "ޔާމީނު ޔާމީނު" ކިޔަކިޔާތިބެދާނެ .. ފަހުން ހަނދާނެއްވެސް ނުވާނެ ..
އިހުމާލް
30 November 2019
ޖަލަށް ލަނީކީ، 5 ތަރީގެ ހިދުމަތްދޭކަށްނޫން، އަދަބު ދޭން،
އަހުމަދުބޭ
30 November 2019
އެއްވުން މަނާތަންތަނަށް ސިޔާސީ ގޮތުން އެއްވުމުގެ ފުރުސަތު ދީގެން ނުވާނެ، މިފަހަރު ހިއްތިރިކޮށްގެން ކަންކަން ގޯސްވަނީނަމަ އަހަރުމެންވެސް މިވެރިކަން ވައްޓަން ނުކުންނަށްޖެހިދާނެ، ހައްޔަރު ކުރާމީހުންނަށް ކަންކަން ކުރަންވީގޮތް ގާނޫނުގައި އޮވޭ، ގަނޫނު ތަންފީޒްކުރޭ، އަދުލު އިންސާފް ދަމަހައްޓާ، އެހެން ނޫނީ މިގައުމަށް ދުވަހަކުވެސް ހަމަޖެހުމެއް ނުލިބޭނެ، ސިޔާސީ ގޮތުން މިހާރު ސަކަރާތް ޖެހިއްޖެ އިތުރަށް ފުރުސަތުދެވިގެން ނުވާނެ
ބަނދޭ
30 November 2019
މާ ގައުމުވެގެން އުޅުުނު ބައެއްކަށްވެގެން މިފޮޓޯތައް ދައްކަމުން މަޖިލީހަށް ވަންނަން ދިމާކުރާނީ... ނާންނާތި ނުދޭނަން ވޯޓެއް.. ކައުންސިލުވެސް ދުއްވާލާނީ ޗޮކުން.. ވަގުކަލޭގެ ދޫނުކުރާތި..
ގަޓް ބްރޯ
30 November 2019
2012 ގެ ފެބްރުއަރީ 7 ގަވެސް ވާންފެށީ މިކަހަލަ ގޮތެއް. އެމްޑީޕީ އާ ސަރުކާރު ހޭއަރާތިބޭތި. ފަހުވަގުތު ރައްކާތެރިކަން ހޯދަން އުޅުނަސް އެކަން ވުމަަށްވުރެ ގާތީ ނުވުން.
ޛިހާމް
30 November 2019
އެއްވުން މަނާ ގާނޫނުގައި ހުރި އަދަބުތައް ތަންފީޒު ކުރޭ
އަލީ ރާޖާ
30 November 2019
ރަނގަޅު 50 މީހުން ވިޔަސް ކޮންމެ ރެއަކަ ނުކުންނަން ޖެހޭ. އެހާ ފަސޭހައިން ވެރިކަން ކުރަން ފުރުސަތު ދީގެން ނުވާނެ. އެކި ރޭ އެކި ތަންތަނަށް އެއްވާންވީ. ޔާމީނަށް ޖެއްސި ދުއްޕާން ޖައްސަން ޖެހޭ. ސާބަސް ހިތްވަރުގަދަ ފަހުލަވާނުންނަށް.
ރިޝާ
30 November 2019
ޔާމީނު ބުނީ އެއްވާން ހައްޖަށް ދާށޯ
ބަޑީ
30 November 2019
ދެން ރައްޔިތުންގެ ބޮޑުބަޔަކު ޔާމީނަށް ނޫނެކޭ ބުނީމަ އެއީ ރައްޔިތުންގެ ބަސް. އެއްވަން ބޭނުމިއްޔާ ހައްޖައްދޭ.
ޖަމްޝީދް
30 November 2019
ކީއްވެ ދޫކުރީ.. ގާނޫނުން މަނާތަނަަކަށް އެއްވުމުގެ ކުށުގެ ދައުވާކޮށް އެންމެން 6-12 މަހަށް ޖަލަށްލާ. ވަކި އިރަކުނޫން ގާނޫނު ތަންފީޒުކުރަން ޖެހޭނީ