ފަނޑިޔާރު ރައޫފް ސުޕްރީމް ކޯޓަށް އައްޔަން ކުރުން މަޑުޖައްސާލައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވި ހައި ކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމްގެ ނަމާ މެދު ލަފައެއް އެރުވުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މަޑުޖައްސާލައިފި އެވެ.


ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައި އޮތް ތިން މަގާމަށް އައްޔަން ކުރެއްވުމާ މެދު ޖޭއެސްސީގެ ލަފައަކަށް އެދިވަޑައިގެން ރައީސް ފޮނުއްވީ ފަނޑިޔާރު ރައޫފްގެ އިތުރުން އުއްތަމަ ފަނޑިޔާރަކަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު ކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދުގެ ނަންފުޅެވެ.

އޭގެ ތެރެއިން މުއުތަސިމް އާއި ސުއޫދު އަކީ އެ މަގާމަށް އައްޔަން ކުރަން ހައިލީ ރިކޮމެންޑެޑް ބޭފުޅުން ކަމަށް ނިންމައި، ޖޭއެސްސީން ވަނީ އިއްޔެ ރައީސަށް ލަފާ އަރުވައިފަ އެވެ. އެކަމަކު ރައޫފްގެ ނަމާ މެދު ޖޭއެސްސީން އެކަހަލަ ލަފައެއް ނާރުވަ އެވެ.

ޖޭއެސްސީން ރޭ ބުނީ ރައޫފްއާ ގުޅޭ ތިން ޝަކުވާއެއް އިއްޔެ އެ ކޮމިޝަނަށް ލިބިފައިވާ ކަމަށެވެ. އެހެންވެ، އޭނާގެ ނަމާ މެދު ރައީސަށް ލަފައެއް އަރުވާނީ އެ ކޮމިޝަނުން ބަލަން ޖެހޭ ބެލުންތައް ބެލުމަށް ފަހު ކަމަށެވެ. އެކަމަކު ފަނޑިޔާރު ރައޫފްގެ ބަލަނީ ކޮން ޝަކުވާތަކެއް ކަމެއް ހާމައެއް ނުކުރެ އެވެ.

ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީގައި އިންނަވާ މެމްބަރެއްގެ ގޮތުގައި އެންމެ ފަހުން ހުންނެވީ ވެސް ފަނޑިޔާރު ރައޫފެވެ. ސުޕްރީމް ކޯޓަށް އައްޔަންކުރަން އޭނާގެ ނަން ފޮނުވުމުން އެ މަގާމުން ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

މުއުތަސިމް އާއި ސުއޫދު އައްޔަން ކުރަން ޖޭއެސްސީން ލަފާ އެރުވުމާ އެކު، އެ ދެ ބޭފުޅުންގެ ނަންތައް ރައްޔިތުންގެ މަޖިލީހަށް ރައީސް މިހާރު ވަނީ ފޮނުއްވައިފަ އެވެ. އަދި މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން މިހާރު ގެންދަނީ އެނަންތައް ދިރާސާކުރަމުންނެވެ.

ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން ރައީސް ފޮނުއްވާ ނަންފުޅުތަކަކަށް ބިނާކޮށް، މަޖިލީހުން ނަގާ ވޯޓަކުންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި މިހާރު ތިއްބެވީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ.

އެކަމަކު ސަސްޕެންޝަންގައި ހުންނެވި ފަނޑިޔާރު ޣަނީ މަގާމުން ވަކިކުރަން ވަނީ މަޖިލީހަށް ފޮނުވައިފަ އެވެ.