ޖަލުތަކަށް ތާސްބައި ވެއްދޭނެ، އެ ހުއްދަ ލިބޭނެ: ނަޝީދު

ރާއްޖޭގެ ޖަލުތަކަށް ތާސްބައި ވެއްދޭނެ ކަމަށާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް މެދުވެރިކޮށް އެ ހުއްދަ ލިބޭނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.


ނަޝީދު އެގޮތަށް ވިދާޅުވީ، މަކުނުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރާއީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ގައި ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ. ރާއީގެ ވާހަކައިގައި ތާސް ބަޔާ ގުޅުވީ، މަނީ ލޯންޑްރިންގެ މައްސަލައިގައި ކުށް ސާބިތުވެ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު އިއްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނާ އެވެ. ޔާމީނަކީ ހުސްވަގުތުތަކުގައި ތާސްކުޅުއްވާ ކަމަށް މަޝްހޫރު ބޭފުޅެކެވެ.

އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގެ ބަހުސްގައި، ރާއީ ވިދާޅުވީ ޔާމީނަށް ހައްގު އަދަބު ލިބި، އެމަނިކުފާނަށް ތާސްބައި ފަދަ ތަކެތި "ފަނޑުވުމެއް" ނެތި ބަރާބަރަށް ކުޅުއްވޭނެ އިންތިޒާމުތައް ހަމަޖައްސަން ޖެހޭ ކަމަށެވެ.

"އެއްވެސް ކަހަލަ ފަރަގު ކުރުމެއް ނެތި، ޖަލުގެ ތެރޭގައި ހިތްހަމަޖެހިގެން އުޅެވޭނެ ގޮތް ވެގެން ދިއުން [ބޭނުން ވަނީ]،" ޔާމީނަށް އިޝާރާތް ކުރައްވައި ރާއީ ވިދާޅުވި އެވެ.

ރާއީގެ އެ ވާހަކަތަކާ ގުޅިގެން ނަޝީދު ވިދާޅުވީ ޖަލުތަކަށް ތާސްބައި ވެއްދޭނެ ކަމަށެވެ.

"ގެއިން، ގާތް ތިމާގެ މީހަކު ނުވަތަ އަނބިދަރިންނަށް ވިޔަސް، ކަރެކްޝަންސް އަށް އެކަމާ ގުޅޭ ގޮތުން ލިޔާ ސިޓީއަކުން އެ ހުއްދަ ލިބޭނެ. އެކަން އެއީ ތަރުތީބުން އިންތިޒާމުވާ ކަމެއް. އަދި އަޅުގަނޑު އެންމެ ފުރިހަމަ އަށް ދަންނަ ކަމެއް،" ތަފާތު މައްސަލަތަކާ ގުޅިގެން އެކި ފަހަރު މަތިން ކުރިން ޖަލުގެ ތަޖުރިބާ ކުރައްވާފައިވާ ނަޝީދު ވިދާޅުވި އެވެ.

މަކުނުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރާއީ، މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ: ޔާމީނަށް، ޖަލުގައި ހިތްޕުޅު ހަމަޖެހިވަޑައިގެން އުޅުއްވޭނެ ގޮތް ވުމަށް އެދިވަޑައިގަންނަވާ ކަމަށް ރާއި ވިދާޅުވި.--- ފޮޓޯ: މަޖިލިސް

އިދިކޮޅު ބައެއް މެމްބަރުން ޔާމީން ދޫކޮށްލަން ގޮވާލައްވައި މަޖިލިހުގެ ޖަލްސާ ތަކުގައި މިހާރު ކުރާ އިހްތިޖާޖަށް އަމާޒު ކުރައްވައި މެމްބަރު ރާއީ މިއަދު ވިދާޅުވީ މަޖިލިހުގައި ކުރައްވަނީ އިހުތިޖާޖެއް ނޫން ކަމަށެވެ. އަދި މަޖިލިހުގެ ތަޅުމުން ފެންނަނީ އިދިކޮޅު މެމްބަރުން އުފާކުރާ މަންޒަރު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާއީ ވިދާޅުވި ގޮތުގައި، އިދިކޮޅު މެންބަރުންގެ ފަރާތުން ފެންނަނީ މިނިވަން ވެފައިވާ އިހުސާސްތަކެއްގެ ތެރެއިން އުފާވެރި ޝުއޫރުތައް ކަމަށެވެ.

ޔާމީން ހުކުމް ތަންފީޒް ކުރައްވަނީ މާފުށީ ޖަލުގެ ސްޕެޝަޕް ޕްރޮޓެކްޝަން ޔުނިޓް (އެސްޕީޔޫ)ގައި ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވަނީ ބުނެފަ އެވެ. އެ ތަނުން ބުނީ ރައީސްކަން ކުރެއްވި ޔާމީނަށް ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ޖަލުގައި ދޭން ޖެހޭ އެންމެހައި ހައްގުތަކާއި ރައްކާތެރިކަން އަންނަނީ ފޯރުކޮށްދެމުން ކަމަށެވެ.

ޔާމީން ހުންނެވި ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓަކީ، އެމަނިކުފާނުގެ ވެރިކަމުގައި ކޯޓުތަކުން ހުކުމް އިއްވި ސިޔާސީ ބޭފުޅުން ބައިތިއްބަން ހާއްސަކޮށް ހެދި ތަނެކެވެ. ކުރީގެ ރައީސް ނަޝީދަށް އިއްވި 13 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަން އެމަނިކުފާނު ވެސް ހުންނެވީ އެ ތަނުގަ އެވެ. ފަހުން، އެ ޔުނިޓް މަރާމާތުކޮށް، ޖާގަ އިތުރުކުރި އެވެ.

ނަޝީދަށް ފަހު، ޓެރަރިޒަމްގެ ހުކުމް އިއްވި ގިނަ ބޭފުޅުން ތިއްބެވީ އެތަނުގަ އެވެ. އޭގެ ތެރޭގައި އެމަނިކުފާނުގެ ބޭބޭފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި މިހާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޖިލީހުގެ ދަގެނތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނާޒިމް ހިމެނިވަޑައިގަންނަވަ އެވެ.

ޔާމީންގެ ސަރުކާރުން އެ ޔުނިޓް ހެދީ، ޖަލަށް ހުކުމް ކުރާ ސިޔާސީ ބޭފުޅުންނަށް ޚާއްސަ ރައްކާތެރިކަމެއް ދިނުމަށެވެ.