އިންކަމް ޓެކްސް ނަގަން ގާސިމްގެ ވޯޓެއް ނުލިބުނު!

ސަރުކާރުން ހުށަހެޅި އާމްދަނީން ޓެކްސް ނެގުމުގެ ބިލް ފާސް ކުރަން ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމާއި އިތުރު ދެ މެމްބަރަކު މިއަދު ވޯޓު ދެއްވައިފި އެވެ.


ސަރުކާރުގެ ފަރާތުން، އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ހުށަހެޅުއްވި ބިލު މުޅި މަޖިލިހުގެ ކޮމިޓީން ގެނައި އިސްލާހުތަކާއި މަޖިލިހުގެ ތަޅުމުން ގެނައި އިސްލާހުތަކާ އެކު މިއަދު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 67 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

ގާސިމާ އެކު، އެ ބިލް ފާސް ކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) އާއި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރެވެ. އާމިރު ފަހުން ވަނީ އޭނާގެ ވޯޓް ސިސްޓަމްގައި މައްސަލަ ޖެހިފައިވާ ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު، ރިޔާސަތުގައި އިންނެވި މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ އެފަދަ މައްސަލައެއް ފާހަގަ ކުރެއްވިފައި ނުވާ ކަމަށެވެ.

އިންކަމް ޓެކްސްގެ ބިލަށް މަޖިލިހުގެ ތަޅުމުގައި ހުށަހެޅި ބައެއް އިސްލާހުތަކަށް ވެސް ގާސިމް ވޯޓެއް ނުދެއްވަ އެވެ. އޭނާ ވޯޓު ދެއްވީ މަދު އިސްލާހުތަކެއް ފާސް ކުރުމަށް އެކަންޏެވެ.

އަންނަ މަހުން ފެށިގެން އާމްދަނީން ޓެކްސް ނަގަން ނިންމައި އިންކަމް ޓެކްސް ބިލް މަޖިލިހުން ފާސް ކުރީ ބޮޑެތި ބަދަލުތަކާ އެކުގަ އެވެ.

އެންމެ ބޮޑު އެއް އިސްލާހުގެ ގޮތުގައި ވަނީ މުސާރައިގެ ގޮތުގައި ލިބޭ އާމްދަނީން ޓެކްސް ނަގަން ފަށާނީ އަންނަ އޭޕްރީލް މަހުގެ އެކަކުން ފެށިގެން ކަމަށެވެ. އަދި ދެން ހުރި ފަރާތްތަކުގެ އަތުން ޓެކްސް ނަގަން ފަށަން ވާނީ އަންނަ ޖެނުއަރީ އެކަކުން ފެށިގެން ކަމަށް ވެސް އިސްލާހުގައިވެ އެވެ.