ބްރޯޑްކޮމްގެ ރައީސަކަށް މަރީ، ނައިބަކަށް ގައިސް

ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސަކަށް އެ ކޮމިޝަނަށް އަލަށް އައްޔަން ކުރެއްވި މަރިޔަމް ވަހީދާ އަދި ނައިބު ރައީސަކަށް އަހުމަދު ގައިސް މިއަދު އައްޔަން ކުރައްވައިފި އެވެ.


އެ ދެ ބޭފުޅުންނާ އެކު އެ ކޮމިޝަނަށް އަލަށް އައްޔަން ކުރެއްވީ ރާއްޖެ ޓީވީ އާއި "ހަވީރު" ނޫހުގެ ކުރީގެ ނޫސްވެރިޔާ އަލީ ޔޫސުފެވެ. އެ ތިން ބޭފުޅުންގެ އިތުރުން ބްރޯޑްކޮމްގައި މިހާރު ހިމެނިވަޑައިގަންނަވާ މެމްބަރުންނަކީ މެމްބަރު ޒީނާ ޒާހިރު، އައިމިނަތު ސަރާހަތު އިއްޒަތު އަދި އަމްޖަދު ވަހީދެވެ.

ކޮމިޝަންގެ ރައީސަކަށް އައްޔަން ކުރައްވާފައިވާ މަރިޔަމް ވަހީދާ ވަނީ މީޑިއާގެ ދާއިރާގައި 20 އަހަރަށް ވުރެ ގިނަ ދުވަސް ހޭދަކުރައްވައިފަ އެވެ. ރާއްޖޭގައި ހުންނަވާ ސްވިޑެންގެ އޮނަރަރީ ކޮންސުލްގެ މަގާމުގައި ވެސް ހުންނެވި މަރިޔަމް ވަހީދާ އަކީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ބޯޑުގެ ވެސް މެމްބަރެކެވެ. މަރިޔަމް ވަހީދާ ޓީވީއެމްގައި ގިނަ އަހަރުތަކެއް ވަންދެން ޚަބަރާއި ޕްރޮގްރާމުތައް ހުށަހެޅުއްވި އެވެ.

މަރިޔަމް ވަހީދާ ކޮމިޝަންގެ ރައީސަކަށް އައްޔަން ކުރުން--

އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވި ގައިސް މިނިވަން މުއައްސަސާއަކަށް އައްޔަން ކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ.

ބްރޮޑްކާސްޓިން ކޮމިޝަނަށް މިއަދު އާ މެމްބަރުން އައްޔަން ކުރުމާ ހަމައަށް އެ ކޮމިޝަން އޮތީ ގާނޫނީ ހުސްކަމެއްގެ ތެރޭގަ އެވެ.

އެ ބޭފުޅުން އައްޔަން ކުރެއްވީ އެ ކޮމިޝަނުން ހުސްވެފައިވާ މަގާމުތަކަށެވެ. ބްރޯޑްކޮމްގައި ތިއްބެވި މެމްބަރުންގެ ތެރެއިން އެ ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބާއި މެމްބަރު އިސްމާއިލް ސޮފްވާނާއި މެމްބަރު ހަސަން ނަބާހް ވަނީ ދާދި ފަހުން އިސްތިއުފާ ދެއްވައިފަ އެވެ. އަދި އެ ކޮމިޝަންގެ ނައިބު ރައީސް ފާތުމަތު ޒައިނާ ވަނީ މަޖިލިހުން ވަކިކޮށްފަ އެވެ.

ކުރީ ސަރުކާރުގައި ސިޔާސީ ގިނަ ނުފޫޒު ތަކެއް ފޯރާފައިވާ ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ އަބުރުގެ ގާނޫނުގެ ދަށުން ބޮޑެތި އަދަދުތަކުން ރާއްޖެ ޓީވީ ޖޫރިމަނާ ކޮށްފަ އެވެ. އަދި ސަންގު ޓީވީ އާއި ވީޓީވީ ވެސް ވަނީ ޖޫރިމަނާކޮށްފަ އެވެ. އެކަމަކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެން ފުރަތަމަ ވެސް ކުރެއްވި އެއް ކަމަކީ އަބުރުގެ ގާނޫނު އުވާލެއްވުމެވެ.